English Edition
Dhivehi Edition
ގއ. ވިލިނގިލީ ގައި ރަށަށް އަންނަ މެޙްމާނުންނަށް މަރުހަބާ ކިޔުމަށް ހަދާފައިވާ ގިޑިގެ/ ފޮޓޯ ޖަމްޝީދު

ސުނާމީ ކާރިސާއަށް 16 އަހަރު ފުރުން ފާހަގަކުރުމާއި ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ގއ. ވިލިނގިލީގައި ސަރަހައްދީ ފެންވަރުގައި ފާހަގަ ކުރަން ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

އޭއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު ވިދާޅުވީ މިދުވަސް ސަރަހައްދީ ފެންވަރުގައި ވިލިނގިލީގައި ފާހަގަކުރަން ނިންމީ ދެކުނުގެ ހަތަރު އަތޮޅުގެ ރަށްތަކުގެ ތެރެއިން ސުނާމީގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެރަށަށް ކަމަށްވާތީއެވެ.

މިދުވަހުގެ މުނާސަބަތުގައި ބައްވާ ޙާއްސަ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް ދިވެހި ރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމަށް ދައުވަދު އަރުވާފައިވާ ކަމަށާއި އަދި ނައިބްރައީސް މި ރަސްމިއްޔާތުގައި ބައިވެރި ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައިވާކަމަށް ފުއާދު ވިދާޅުވިއެވެ. އަދި ހަތަރު އަތޮޅުގެ ކައުންސިލަރުންނާއި މުއައްސަސާތަކުގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވާނެކަމަށްވެސް ފުވާދު ވިދާޅުވިއެވެ.

މި ދުވަހާއި ގުޅިގެން ތަފާތު އެކި ހަރަކާތްތައް މިރަށުގައި ރޭވިގެން ކުރިއަށް އެބަދެއެވެ. އެގޮތުން ފުލުހުން އިންތިޒާމްކުރާ ދުވުމަކާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ފުޓްސަލް މެޗެއްގެ އިތުރުން ކުލަބް ޖަމިއްޔާތަކުންވެސް އެކި ކަންކަން ރާވަމުން އެބަގެންދެއެވެ. މީގެ އިތުރުން މި ދުވަހާއި ގުޅުވައިގެން ގއ. އަތޮޅުގައި މުޅިން އަލަށް ޑުރަގް ސެންޓަރެއް ވިލިނގިލީގައި ހުޅުވުމާއި، ފެނަކަ އާ އޮފީސް އިމާރަތުގެ ބިންގާއެޅުމާއި، ވިނގިލީގައި ފެނުގެ ހިދުމަތް ފެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

ސުނާމީ ކާރިސާގައި ރާއްޖެއިން 24 މީހުންގެއްލި 82 މީހުން ނިޔާފެފައިވާއިރު އޭގެތެރޭގައި ވިލިނގިލީގެ ތުއްތު ކުއްޖަކުވެސް ވަނީ މި ހިތާމަވެރި ކާރިސާގައި ނިޔާވެފައެވެ.