English Edition
Dhivehi Edition

އާސެނަލުގެ ޖަރުމަނުގެ މިޑްފީލްޑަރު މެސުތު އޮޒިލްއަށް އާސެނަލްގައި ރަނގަޅު މުސްތަގުބަލެއް އޮންނާނެ ކަމަށް އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނެފިއެވެ.

މިއަދުގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮޒިލްގެ މުސްތަގްބަލާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން އެމެރީ ބުނީ ކޮންމެ ކުޅުންތެރިޔެއްގެ ވެސް އުންމީދަކަށް ވަނީ ފުރަތަމަ 11 ކަމަށް ވިޔަސް ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ނުދެވޭނެކަމަށެވެ.

“ކޮންމެ ކުޅުންތެރިއަކުވެސް ބޭނުންވާނީ ކުޅެން އަދި ޓީމުން ބޭނުންވާ ވަގުތު އެހީތެރިވާން. މެޗެއްގަ ނުކުޅެވޭނަމަ ކޮންމެ ކުޅުންތެރިއަކުވެސް މާޔޫސްވާނެ.އަހަރެން އޮޒިލް އާއި ވާހަކަ ދެއްކިން.ކުލަބް ގައި އޭނާއަށް އޮތް ފުރުސަތު ތަކުގެ ވާނީ ބުނެފައި”އެމާރީ ބުންޏެވެ.

ވޭތުވެދިޔަ ހަފްތާތަކުގައި އަނިޔާގެ ސަބަބުން އޮޒިލްގެ ކުޅުން ނުފެނުނު އިރު، އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން އާސެނަލް ބަލިވި މެޗުގައި ޓީމުގައިވެސް އޮޒިލް ހިމެނިފައެއް ނުވެއެވެ. އެކަމަކު އޭގެ ކުރިން ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ގަރަބާގް އާ ދެކޮޅަށް ކުޅުނު މެޗުގައި އޮޒިލް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިފައެވެ. އެ މެޗަކީ ނޮވެމްބަރ 11 ގެ ފަހުން ފުރަތަމަ އެގާރައިގައި ހިމެނިގެން އޮޒިލް ކުޅުނު ފުރަތަމަ މެޗެވެ.

އޭމާރީ ބުނީ ކުރިއަތް އޮތްތަނުގައި ލީގުގައި އޮތީ ވަރުގަދަ މުހިންމު މެޗުތަކެއް ކަމަށް ވުމުން އާސެނަލްއަށް އޮޒިން ފަދަ ކުޅުންތެރިން މި މެޗުތަކުގައި މުހިންމު ކަމަށެވެ.

ސްޕެއިންގެ ރިއަލްމެޑްރިޑްއިން އާސެނަލްއަށް ބަދަލުވެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ހޯދަމުން ގެންދާ 30 އަހަރުގެ އޮޒިލްއަށް ކުޅެން ފުރުސަތު ނުލިބުމުގެ ސަބަބުން އޭނާ މި ޖެނުވަރީ ޓްރާންސް ފާގައި އެހެން ކުލަބްއަކަށް ބަދަލުވާނެ ކަމަށް އިނގިރޭސި މީޑިޔާ ރިޕޯތަކުން ބުނެއެވެ.

ޖެހިޖެހިގެން 22 މެޗު ބަލިނުވެ ހަމަކުރި އާސެނަލް ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. މިދިޔަ ހަފްތާގައި ރެލިގޭޝަނުގައި އޮތް ސައުތެމްޓަން އަތުން ބަލިވިއިރު، ބުދަ ދުވަހުގެރޭ ވަނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމް އަތުން 2-0 އިން ބަލިވެ ލީގު ކަޕުން ކަޓައިފަ އެވެ.