English Edition
Dhivehi Edition
ރޭގެ މެޗުގައި ސްލާވިއާ ޕްރާގް ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޔުއެފާ.ކޮމް

ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ކުޅުނު މެޗުތަކުން ފަސޭހަކަމާއެކު މޮޅުވެ، އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑުން އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދިއިރު ކުރީގެ ގަދަބާރު އަޔެކްސް އެމްސްޓެޑަމް ކަޓައިފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލުން ސެމީ އަށް ދަތުރުކުރީ 5-1 ގެ އެގްރިގޭޓުން ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގުގެ މައްޗަށް ކުރިހޯދައިގެންނެވެ. ޔުނައިޓެޑްގެ ދަނޑުގައި ރޭ ގްރަނާޑާ ކޮޅަށް ވައްދާލި ދެލަނޑާއެކު އެ ޓީމުން 4-0ގެ އެގްރިގޭޓުން އަނެއް ބުރުން ފުރުޞަތު ހޯދިއިރު އޭއެސް ރޯމާގެ ދަނޑުގައި ރޭ ކުޅުނު މެޗުން 1-1 އިން އެއްވަރުވެ، އަޔެކްސް އިން އެ މުބާރާތުން ކަޓައިގެން ދިޔައީ 3-2 ގެ ނަތީޖާއަކުން ރޯމާ ކުރިހޯދުމުންނެވެ.

ސްލާވިއާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ފުރަތަމަ 30 މިނެޓުގެ ތެރޭގައި އާސެނަލުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗުގެ 18 ވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރު އެމީލް ސްމިތު ރޯވް ތަނަވަސްކުރި ފުރުޞަތަކުން ކާމިޔާބުކޮށްދިނީ އައިވަރީ ކޯސްޓްގެ ވިންގާ ނިކޮލަސް ޕެޕޭ އެވެ.

އާސެނަލުން ރޭގެ މެޗުގައި ޖެހި ދެވަނަ ލަނޑު، މެޗުގެ 21 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަލެކްސެންޑަ ލަކަޒޭ ކާމިޔާބުކުރިއިރު އޭގެ ތިން މިނެޓު ފަހުން ބުކާޔޯ ސާކާ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

އާސެނަލްގެ ފަހު ލަނޑު، މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ރޭގެ މެޗުގައި އެ ޓީމުގެ ކެޕްޓަންކަން ކުރި ލަކަޒޭ އެވެ. މިއީ ލަކަޒޭ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޖެހި ހަތަރުވަނަ ލަނޑެވެ. އަދި މި ދެ ގޯލާއެކު މި ފަހަރުގެ ޔުރޮޕާ ލީގުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ ހަޔަކަށް އަރާފައެވެ.

ޔުރޮޕާ ލީގުގައި ރޭ ގްރަނާޑާއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޔުއެފާ.ކޮމް

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗު ފަށައިގެން ހަވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ކާމިޔާބުކުރި ގޯލުންނެވެ. ރޭގެ މެޗުގައި ޔުނައިޓެޑުން ޖެހި ދެވަނަ ލަނޑަކީ މެޗުގެ އިތުރުވަގުތުގައި ގްރަނާޑާގެ ޑިފެންޑަރު ޖެސޫސް ވަޔޭހޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ރޭ ރޯމާގެ ސްޓާޑިއޯ އޮލިމްޕިކޯގައި ކުޅުނު މެޗުގައި ދެވަނަ ހާފުގެ ކުރީކޮޅު އަޔެކްސްގެ ބްރޮބޭ ލީޑްނަގާފައިވަނިކޮށް ރޯމާ އަށް ނަތީޖާ ހަމަހަމަކޮށްދީ، ސެމީން ޖާގަ ކަށަވަރުކޮށްދިން ލަނޑުޖަހައިދިނީ ބޮސްނިއާ އެންޑް ހާޒެގޮވީނާގެ ފޯވާޑް އެޑިން ޖެކޯ އެވެ.

ރޭގެ މެޗުތަކަށްފަހު ސެމީގައި ވާދަކުރާ ޓީމުތައް ކަށަވަރުވެގެންދިޔައިރު އާސެނަލް ނިކުންނާނީ ކުރީގެ ކޯޗު އުނާއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސްޕެއިނުގެ ވިޔަރެއާލްއާ ދެކޮޅަށެވެ. ވިޔަރެއާލުން ސެމީ އަށް ދަތުރުކުރީ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އަތުން 2-1 އިން މޮޅުވެ، ދެ މެޗުގެ އެގްރިގޭޓުން 3-1 އިން ކުރިހޯދައިގެންނެވެ.

މި މުބާރާތް 2016/2017 ވަނަ އަހަރުގެ ސީޒަނުގައި ކާމިޔާބުކުރި ޔުނައިޓެޑް ސެމީގައި ބައްދަލުކުރާނީ ރޯމާއާ އެވެ. ސެމީގެ ފުރަތަމަ ލެގުގެ މެޗުތައް މި އޭޕްރީލް މަހުގެ 29 ގައި ކުޅެވިގެންދާއިރު ދެވަނަ ލެގު އޮންނާނީ އަންނަ މެއި މަހުގެ ހަވަނަ ދުވަހު އެވެ.