ޔުއެފާ ޔުރޮޕާ ލީގުގެ ގަދަ 16ގެ ބުރުގައި ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުތަކަށްފަހު އިނގިރޭސި ކްލަބުތައް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، ޓޮޓެންހަމް ހޮޓްސްޕާ ކަޓައިފިއެވެ.
ޔުނައިޓެޑުން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން 1-0 އިން އޭސީ މިލާން ބަލިކޮށް ދެ މެޗުގެ އެގްރިގޭޓް 2-1 އިން ވަނީ ކުރިހޯދާފައެވެ. އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުން އޮލިމްޕިއާކޯސް އަތުން 1-0 އިން ބަލިވިނަމަވެސް 3-2ގެ އެގްރިގޭޓުން އެ ޓީމު ވަނީ އަނެއް ބުރަށް ދަތުރުކޮށްފައެވެ. ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން 2-0 އިން މޮޅުވިނަމަވެސް، ރޭ ކުޅުނު މެޗުން ޑިނަމޯ ޒަގްރެބް ވަނީ 3-0 އިން ކާމިޔާބުކޮށް ދެ މެޗުގެ އެގްރިގޭޓް 3-2 އިން ކުރިހޯދާފައެވެ.
މިލާނުން ރޭގެ މެޗަށް ނިކުތީ މި ދެ ޓީމު އެންމެފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ޑެވިޑޭ ކަލާބްރިއާ އާއި ރަފައެލް ލީއޯ ނުކުޅޭއިރު، ހަކާން ޗަނައޮގްލޫ އާއި ތެއޯ ހެނާންޑޭޒް ވަނީ އަނިޔާއަށްފަހު ޓީމާ އަލުން ގުޅިފައެވެ. މީގެއިތުރުން، ދުވަސްތަކަކަށްފަހު ކުޅުމަށް އެނބުރިއައި ސްވިޑެންގެ އަބަދަށްފެހި ފޯވާޑް ޒަލަޓާން އިބްރާހިމޮވިޗް ރޭގެ މެޗު ފެށީ ބެންޗުންނެވެ.
ޔުނައިޓެޑް ވެސް ރޭގެ މެޗަށް ނިކުތްއިރު ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކެއް ދިމާވެގެން ޓީމަށް ބަދަލުތަކެއް އައިސްފައިވާއިރު، އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ މަހަކަށް ވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު ކުޅުމަށް އެނބުރިއައުމަކީ ކޯޗު އޮލެގުނަ ސޯލްޝެއާ އަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
މިލާންގެ ސެން ސީރޯގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ގިނަވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލާތައް އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މި މެޗުގެ ފުރަތަމަ ހާފު ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެން ނިމުނުއިރު މި ހާފުގައި ލަނޑުޖެހުމަށް މިލާންގެ ފްރޭންކް ކެސިއޭ އާއި ހެނާންޑޭޒް އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޔުނައިޓެޑްގެ ކީޕަރު ޑީން ހެންޑަސަން އެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޕޮގްބާ އެވެ. މިއީ ވަރަށް ހަނި އޭންގަލަކުން ފޮނުވާލައިގެން ޕޮގްބާ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން މިލާންގެ އަލެކްސިސް ސައެލްމޭކާސް އާއި އިބްރާހިމޮވިޗް އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ޔުނައިޓެޑްގެ ކީޕަރު ހެންޑަސަން މަތަކުރިއެވެ. ޔުނައިޓެޑްގެ ލީޑް ފުޅާކުރުމަށް ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ މިލާންގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ މަތަކުރިއިރު، ޕޮގްބާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑްނަގައިދިނުމަށް ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ޔޫސުފް އެލް-އަރާބީ އެވެ. މިއީ އާސެނަލްއާ ދެކޮޅަށް މި މުބާރާތުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ. މިފަހަރުގެ މުބާރާތުގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗުގައި ވެސް އޭނާ ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓޮޓެންހަމް ކޮޅަށް ޒަގްރެބުން ވައްދާލި ތިން ލަނޑުވެސް ކާމިޔާބުކުރީ މިސްލާވް އޯރްސިޗް އެވެ. މި މެޗުގެ ދެވަނަ ހާފުގައި އޭނާ ދެލަނޑުޖެހިއިރު، ހެޓްރިކް ފުރިހަމަކުރީ އިތުރުވަގުތުގެ ގޮތުގައި ކުޅުނު ދެވަނަ ހާފުގައެވެ. މި މެޗުގައި ޓޮޓެންހަމްގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ޒަގްރެބްގެ ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ؛
މެންޗެސްޓާ ޔުނައިޓެޑް (އިންގްލެންޑް)، އާސެނަލް (އިންގްލެންޑް)، ޑިނަމޯ ޒަގްރެބް (ކްރޮއޭޝިއާ)، ގްރަނާޑާ (ސްޕެއިން)، ވިޔަރެއާލް (ސްޕެއިން)، އޭއެސް ރޯމާ (އިޓަލީ)، އަޔެކްސް އެމްސްޓެޑަމް (ނެދަލެންޑްސް)، ސްލާވިއާ ޕްރާގް (ޗެކް ރިޕަބްލިކް).