ފީފާ ކުލަބް ވޯލްޑް ކަޕް ފުޓް ބޯޅަ މުބާރާތުގެ ފައިނަލައަށް އެންމެ ފަހުގެ އެމުބާރާތުގެ ޗެމްޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑް ދަތުރު ކޮށްފިއެވެ.
ރެއަލްމެޑްރިޑް ފައިނަލައަށް ދަތުރު ކޮށްފައިވަނީ ރޭ ކުޅެވުނު ސެމީފައިނަލް ދެވަނަ މެޗުގައި ޖަޕާނުގެ ކަޝިމާ އެންޓްލާސް 3-1 ލަނޑުން ބަލިކޮށްގެންނެވެ. އޭޝިޔާގެ ޗެމްޕިއަން ކަޝިމާއި ރެއާލް މެޑްރިޑް މިބާރާތުގައި ކުޅުނު މިމެޗުގައި ވޭލްސް ގެ ފޯވާޑް ގެރެތް ބޭލް ވަނީ ހެޓްރިކް ހަދައި ހަތަރު ވަނަ ފަހަރަށް މިމުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ޓީމްގެ ލަގަބް ރެއާލް މެޑްރިޑްއަށް ހޯދާދީފައެވެ.
އަބޫދާބީގައި ކުޅެވުނު ފޯރިގަދަ މިމެޗުގައި ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކޮޅަށް ޖެހި ހަމަ އެކަނި ލަނޑު ކަޝިމާއަށް ކާމިޔާބުކޮށްދީފައިވަނީ ޑޮއިއެވެ.ރޭގެ މެޗުގައި ރިއަލްމެޑްރިޑްއަށް ހަދައިދިން ހެޓްރިކްއާއި އެކު ބޭލްވަނީ މިމުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުރީގެ ރިއަލްމެޑްރިޑްގެ ލެޖެންޑް ރޮނާލްޑޯއާއި 1 ލަނޑު ކާރިއަށް ޖެހިލާފައެވެ.
މިމުބާރާތުގައި ރޮނާލްޑޯ 6 ގޯލް ޖަހާފައިވާއިރު ބޭލް ވަނީ 5 ލަނޑު ޖަހާފައެވެ. ކުލަބް ވޯލްޑް ކަޕް ފައިނަލްގައި ރިއަލްމެޑްރިޑް އާއި ބައްދަލުކުރާނީ ދެކުނު އެމެރިކާގެ ޗެމްޕިއަން ބަލިކޮށް މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދި އަލް އައިން އާއެވެ. މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދި އަލްއައިނަށް މުބާރާތުން ފުރުސަތު ލިބިފައިވަނީ ޔޫއޭއީގައި މުބާރާތް ބާއްވާތީ އެ ގައުމުގެ ކުލަބްއަކަށް ފުރުސަތު ދިނުމުގެ ގޮތުންދިން ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ.