English Edition
Dhivehi Edition
ރޭގެ މެޗުގައި ރެއާލްގެ ދެވަނަ ލަނޑުޖެހުމަށްފަހު އެ ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ލަލީގާ.ކޮމް

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު އެލް ކްލެސިކޯ މެޗުގައި ވާދަވެރި ބާސެލޯނާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން ރެއާލް މޮޅުވީ 2-1 އިންނެވެ.

މިއީ 2007/08 ވަނަ އަހަރުގެ ސީޒަނުގެ ފަހުން ބާސެލޯނާގެ މައްޗަށް ހޯމް އެންޑް އަވޭ މެޗުން ކުރިހޯދި ފުރަތަމަ ފަހަރެވެ. މީގެކުރީން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ބާސެލޯނާގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކުރީ 3-1 އިންނެވެ.

ރޭގެ މެޗަށްފަހު ރެއާލަށް އެއްވަނަ ލިބެނީ 30 މެޗުން 66 ޕޮއިންޓް ހަމަކޮށްގެންނެވެ. ކުރިން އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 29 މެޗުން މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް ކުރިލިބެނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ. އެކަމަކު ލީގުގައި މިރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗުން އެތުލެޓިކޯ މޮޅުވެއްޖެނަމަ އަލުން އެއްވަނަ އަށް އެރޭނެއެވެ. ބާސެލޯނާ އޮތީ 65 ޕޮއިންޓާއެކު ތިންވަނައިގައެވެ. އޭގެ ހަތް ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ސެވިއްޔާ އެވެ.

ރެއާލުން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން އެ ޓީމުގެ ޑިފެންސްލައިންގައި ހިމެނޭ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ރަފައެލް ވަރާން ނުކުޅެވުނުއިރު ސްޕެއިނުގެ ފުލްބެކް ޑެނީ ކަރްވަހާލް އާއި ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް ވެސް މިވަގުތު ހުރީ އަނިޔާގައެވެ. ބާސެލޯނާގެ އަނިޔާގެ ލިސްޓުގައި ތިބި ކުޅުންތެރިންގެ ތެރޭގައި ސްޕެއިނުގެ ޒުވާން ތަރި އަންސޫ ފާޓީ އާއި ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ހިމެނެއެވެ.

ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒެމާ (ވ) ބާސެލޯނާގެ ލިއޮނަލް މެސީ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. –ފޮޓޯ: ލަލީގާ.ކޮމް

ރެއާލްގެ އެސްޓާޑިއޯ އަލްފްރެޑޯ ޑި ސްޓެފާނޯގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ލީޑްނެގީ މެޗު ފެށިގެން 13 ވަނަ މިނެޓުގައި ކަރީމް ބެންޒެމާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ލޫކަސް ވަޒްކޭޒް ނަގައިދިން ހުރަހަކުން ބެންޒެމާ ކާމިޔާބުކުރި ގޯލެކެވެ. މިއާއެކު ބެންޒެމާ ވަނީ މިފަހަރުގެ ސީޒަނުގައި 25 ގޯލް ހަމަކޮށްފައެވެ. އަދި މިއީ އެ ޓީމު އެންމެ ފަހުން ކުޅުނު ހަތް މެޗުގައި އޭނާ ޖެހި ނުވަވަނަ ލަނޑެވެ.

އޭގެފަހުން، މެޗުގެ 28 ވަނަ މިނެޓުގައި ރެއާލަށް ލިބުނު ހިލޭޖެހުމަކުން ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ވަނީ އެ ޓީމަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ. ބްރެޒިލްގެ ތަރި ވިނީޝަސް ޖޫނިއާ އަށް ބާސެލޯނާ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން މި ހިލޭޖެހުން ޕެނަލްޓީއޭރިޔާބޭރުން ކްރޫސް ފޮނުވާލުމުން ގޯލްގެ ތެރެއަށް ވަނީ ބާސެލޯނާގެ ފުލްބެކް ސާޖީނޯ ޑެސްޓްގެ ގައިގަ ޖެހިފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރީން، ރެއާލްގެ ލީޑް އިތުރަށް ފުޅާކުރުމަށް އުރުގުއޭގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ ފޮނުވާލި ހަމަލާއެއް ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައިވާއިރު، އިތުރުވަގުތުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ކޯނަރަކުން ހުރަސްކުރި ބޯޅަވެސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

ބޯ ވާރޭތެރޭގައި ކުޅެމުންދިޔަ މެޗުގައި ރެއާލް މެޑްރިޑްގެ ވިނީޝަސް ޖޫނިއާ ބޯޅަ ހިފައިގެން ކުރިއަށްދަނީ. –ފޮޓޯ: ލަލީގާ.ކޮމް

ދެވަނަ ހާފުގެ ކުޅުން ފަށައިގެން ބާސެލޯނާ އިން ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކުރީ މެޗުގެ 60 ވަނަ މިނެޓުގައި ޒުވާން ޑިފެންޑަރު އޮސްކާ މިންގޭޒާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ސްޕެއިން ފުލްބެކް ޖޯޑީ އަލްބާ ތަނަވަސްކުރި ފުރުޞަތަކުން މިންގޭޒާ ކާމިޔާބުކުރި ގޯލެކެވެ. އޭގެ ދެ މިނެޓުފަހުން، ރެއާލްގެ ވިނީޝަސް ފޮނުވާލި ބޯޅައެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާއިރު ބާސެލޯނާ އިން އެއްވަރުކުރުމަށް ކުރި މަސައްކަތުގައި މެސީ އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

ބާސެލޯނާގެ އެޓޭކްތައް ހުއްޓުވުމުގައި ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރަމުންދިޔަ ރެއާލުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. އެއީ މެޗުގެ އިތުރުވަގުތުގައި އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުންނެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އެތުލެޓިކް ބިލްބާއޯގެ ދަނޑުގައި ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުން ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވިއިރު އެއިބާގެ ދަނޑުގައި ލެވަންޓޭ މޮޅުވީ 1-0 އިންނެވެ.

ސްޕެނިޝް ލީގުގައި މިއަދު ކުޅެވޭ ފާހަގަކޮށްލެވޭ މެޗުތަކުގެ ތެރޭގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ވެލެންސިއާ ކުޅޭ މެޗާއި ބެޓިސްގެ ދަނޑުގައި އެ ޓީމު އެތުލެޓިކޯއާ ބައްދަލުކުރާ މެޗު ނިމެނެއެވެ. ސޮސިއެޑާޑާ ވެލެންސިއާ ބައްދަލުކުރާ މެޗު ރާއްޖޭގަޑިން ހަވީރު 5 ޖަހާއިރު ފަށާއިރު، ބެޓިސްއާ ދެކޮޅަށް އެތުލެޓިކޯ ނިކުންނާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.