އައްޑޫސިޓީ ހިތަދޫ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖެއްގެ ނޭފަތުގައި އެއްޗެއް ތާށިވެގެން ނެގުމަށް އެޗްއާރުއެޗް އަށް ދިޔުމުން ނުނެގިގެން އާސަންދައިން މާލެ ފުރުވި ކުއްޖާ އަށް އައިޖީއެމްއެޗުން ފަރުވާ ނުދީގެން އޭޑީކޭއަށް ގެންގޮސްފިއެވެ.
ނަންނުޖެހުމަށް އެދި “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުމުން އާއިލާގެ މީހަކު ބުނީ އިއްޔެގެ ވަގުތެއްގައި އެކުއްޖާގެ ނޭފަތަށް އެއްޗެއް ވަދެ ތާށިވެފައި ހުރުމުން ހޮސްޕިޓަލަށް ދިޔައިރު އައްޑޫގައި ހުރި ހަމައެކަނި އީއެންޓީ ޑޮކްޓަރ ވީ ޗުއްޓީގައި ކަމަށް ހޮސްޕިޓަލުން ބުނިކަމަށެވެ. “ދެން އޮޕްރޭޝަން ޑޮކްޓަރު އެކުއްޖާގެ ނޭފަތް ބަލާފައި ބުނީ ނޭފަތަށް ވަދެފައި އިން ގާކޮޅު އެ ހޮސްޕިޓަލުން ނުނެގޭނެއޭ، އެހެންވެގެން އާސަންދަ ހަމަ ޖައްސާފައި މިއަދު ފަތިހު ފުރުވީ އައިޖީއެމްއެޗް އަށް ” އާއިލާގެ ފަރާތުން މައުލޫމާތު ދެމުން ބުންޏެވެ.
އާއިލާއިން ބުނިގޮތުގައި އައިޖީ އެމެއެޗްއަށް ގެންގޮސް އީއާރު ގައި އެކުއްޖާ ބޭއްވުމަށްފަހު އެތައް އިރެއްފަހުން އެކްސްރޭނެގިކަމަށެވެ. އަދި ޑޮކްޓަރެއް ނައިސްގެން މެންދުރު އެކެއް ޖެހީމަ ސުވާލުކުރުމުން އީއާރުން ބުނީ އޯޓީ ގައި ޑޮކްޓަރުން މިވަގުތު ބިޒީ ކަމަށެވެ. “އަހަރެމެން ދެންވީ އެކުއްޖާ ނޭފަތަށް ވަދެފައި އިން ގާކޮޅު ކަރުތެރެއަށްގޮސް ކަރުގައި ތާށިވެގެން ނޭވާ ނުހިނގާ ވަރުވަންދެން ތިބެންތޯ؟ އެއީ ކުޑަކުއްޖެއް އެކުއްޖާ ނޭފަތް އެތެރެއަށް ދަމާލައިފިއްޔާ ކިހިނެތްތޯވާނީ؟ ” އެހެންވީމަ އަހަރެމެން ނިންމީ އަވަހަށް ފަރުވާ ދެވޭނެ ތަނަކަށްދާން” އާއިލާއިން ހޮސްޕިޓަލުން ކަންތައް ކުރި ގޮތް ކިޔައިދެމުން ބުންޏެވެ.
ރާއްޖޭގައި ހުރި އެންމެބޮޑު ސާރުކާރު ހޮސްޕިޓަލް އައިޖީއެމް އެޗް އިން އަވަސް ފަރުވާ ދެވޭނެ ޑޮކްޓަރެއް ނައިސް ލަސްވުމުން އާއިލާއިން މިހާރު ވަނީ އެކުއްޖާގޮވައިގެން އަމިއްލަގޮތުން އޭޑީކޭއަށް ގެންގޮސްފައެވެ. އާއިލާ އިން ބުނީ މިހާރު އޭޑީކޭގައި ދަނީ އެކުއްޖާ އަށް ފަރުވާދެމުންކަމަށެވެ
މި މައްސަލަ އާއި ގުޅިގެން އަދި އައިޖީއެމްއެޗްގެ ބަހެއް ލިބޭ ގޮތްވަނީ ނުވެފައެވެ