English Edition
Dhivehi Edition

ރާއްޖޭގައި އައިބުތަކާ އެކު އުފަންވާ ކުދިން އިތުރު ވަމުންދާ ކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަ ކުރި ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރަމުން ގެންދާ “ބާތް ޑިފެކްޓްސް ޑޭ” އާއި ގުޅިގެން އިއްޔެ އައި.ޖީ.އެމް.އެޗް ގައި ބޭއްވި ރަސްމިއްޔާތުގައި ފާއިތުވި ދެ އަހަރު ދުވަހު އެ ހޮސްޕިޓަލަށް ރިޕޯޓްކުރި ކުޑަކުދިންގެ ތަފާސް ހިސާބު ވަނީ ދައްކާލާފައެވެ.

މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި ފާއިތުވި ދެއަހަރު ތެރޭ 4820 ކުދިން އުފަން ވެފައިވެއެވެ. އޭގެ ތެރެއިން 514 ކުއްޖަކު އައިބުތަކާ އެކު އުފަންވެފައިވާ އިރު، މިކުދިންގެ ތެރޭގައި އުފަންވި އިރު ހަށިގަނޑުގައި ބޮޑެތި އައިބުތައް ހުރި 42 ކުދިން ހިމެނި މީގެ ތެރެއިން 21 ކުއްޖަކު ވަނީ މަރުވެފައެވެ.

އައިބު ހުންނަ ކުދިންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ ހިތުގެ މައްސަލަ ކަމަށާއި، އޭގެ 102 މައްސަލަ ތަފާސް ހިސާބުގައިވާ ކަމަށް އައި.ޖީ.އެމް.އެޗް އިން ވިދާޅުވިއެވެ.

އުފަންވާ އިރު ހިތުގެ މައްސަލަ ހުންނަ ކުދިން މަދު ކުރުމަށް ޤައުމީ ފެންވަރުގެ އެކްޝަން ޕްލޭނެއް ވަނީ އެކުލަވާލާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބެލިކަމުގައި ވިޔަސް އުފަންވާ އިރު ހުންނަ އައިބުތަކުގެ ސަބަބުން 6 އިންސައްތަ ކުދިން މަރުވާ ކަމަށާއި، އައިބުތައް ހުންނަ ކުދިން ދެވަނަ އަށް އެންމެ ގިނައިން އުފަންވަނީ ދެކުނު އޭޝިއާ ސަރަޙައްދުގައި ކަމަށް އައި.ޖީ.އެމް.އެޗް ގެ ޗައިލްޑް ހެލްތް އެޗް.އޯ.ޑީ ނިޔާޝާ އިބްރާހީމް ވަނީ ވިދާޅުވެފައެވެ.