English Edition
Dhivehi Edition
ފުވައްމުލައް ހޮސްޕީޓަލާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އާއި ދެމެދު ވެވުނު އެއްބަަސްވުމުގައި ފުވައްމުލައް ހޮސްޕިޓަލުގެ މެނޭޖާ، ހެލްތް ސާވިސަސް އަޙްމަދު ސައީދު ސޮއި ކުރައްވަނީ

ފުވައްމުލައް ހޮސްޕިޓަލުގައި ހެދެން ނުހުންނަ ތަހުލީލުތައް ހެދުމަށް ބަލިމީހާގެ ސާމްޕަލް ނަގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، (އައި.ޖީ.އެމް.އެޗް)ގެ ލެބޯޓަރީ އަށް ފާސްޓް ޕޯސްޓް ސާވިސް މެދުވެރިކޮށް ފޮނުވޭނެ ދާއިމީ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި އެއްކޮށް މިއަދު އެ ހޮސްޕިޓަލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސޮއި ކުރެވުނު މި އެއްބަސްވުމުގައި ފުވައްމުލައް ހޮސްޕިޓަލުގެ ފަރާތުން ސޮއި ކުރައްވައިފައިވަނީ އެ ހޮސްޕިޓަލުގެ މެނޭޖަރ، ހެލްތް ސާވިސަސް އަޙްމަދު ސައީދު އެވެ. އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރައްވައިފައިވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙްމަދު އަދުހަމްއެވެ.

ފުވައްމުލައް ހޮސްޕިޓަލުން ހާމަ ކުރިގޮތުގައި މި އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލުން ޙިދުމަތް ހޯއްދަވާ ފަރާތްތަކަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން އެކި ސާޖަރީތަކާގުޅިގެން ހަށިގަނޑުން ވަކިކޮށްލާ ޓިއުމަރ/ސިސްޓް ފަދަ ތަކެތި ބައޮޕްސީ ހެދުމާއި ލެއާއި ކުޅު ފަދަ ތަކެތި ނަގައިގެން ހަދަންޖެހޭ ލެބޯޓްރީ ތަހުލީލުތަކުގެ ތެރެއިން ފުވައްމުލައް ހޮސްޕިޓަލުން ހެދެން ނުހުންނަ ތަހުލީލުތައް ބަލިމީހާ މާލެ ނުފޮނުވައި ހެދޭނެއެވެ.

ފުވައްމުލައް ހޮސްޕިޓަލުން އަންނަނީ މިހާރުވެސް ބަލިމީހާ މާލެ ނުގޮސް އެ ހޮސްޕިޓަލުގައި ނެތް ދާއިރާތަކުގެ ޑޮކްޓަރުންނަށް އޮންލައިންކޮށް ދެއްކޭނެ ގޮތް ބަލިމީހުންނަށް ހަމަޖައްސައިދެމުންނެވެ. އެގޮތުން ހުޅުމާލޭ ހޮސްޕިޓަލާއި މި އިންތިޒާމުތައް ހަމަޖައްސައިފައިވާއިރު އެ ރަށުގެ ގިނަ ބައެއް އަންނަނީ ޓެލެކޮންސަލްޓޭޝަންގެ ޙިދުމަތް ހޯދަމުންނެވެ.