English Edition
Dhivehi Edition

މި ލިޔުމުގައި އަޅުގަނޑު ބަލާލާނީ އިސްލާމީ ޝަރީޢަތުގައި ނަޖިސްތަކެއްޗަކީ ކޮބައިކަމާއި ނަޖިހުން ޠާހިރުވާނެ ގޮތާއި ނަޖިހުން ޠާހިރުވުމަށް ބޭނުންކުރާތަކެއްޗާއި ބެހޭގޮތުންނެވެ. މި ލިޔުން ފުރިހަމަ ކުރުމަށްޓަކައި ނަޖިސްތަކެއްޗާއި ގުޅުން ހުރި އެކި ލިޔުންތަކާއި ވާ މަޢުލޫމާތުވެސް ހިމަނާފައިވާނެ އެވެ.

އިސްލާމީ ޝަރީޢަތުގައި ނަޖިސްތަކެތި މާނަކުރަނީ، އެ އެއްޗެއް ޖެހުމުން ދޮވެ ސާފްކުރަން ޖެހޭފަދަ ހަޑިތަކެތީގެ ގޮތުގައެވެ. ނުވަތަ އިސްލާމްދީނުގައި ހަޑިތަކެތީގެ ގޮތުގައި ފާހަގަ ކުރައްވައި ނަޖިސްތަކެތި ކަމުގައި ކަނޑައަޅުއްވާފައިވާ ތަކެތީގެ ގޮތުގައެވެ.
ނަޖިސްތަކެތި ބެހިގެންވާ ބައިތައް:
ނަޖިސްތަކެތި ތަފާތު ތިން ކެޓަގްރީއަކަށް ބަހާލެވިފައި ވެއެވެ. އެއީ…
1. ނަޖިސްކަން ގަދަވެގެންވާ ނަޖިސް
ނަޖިސްކަން ގަދަވެގެންވާ ނަޖިހޭ ބުނެވެނީ ކުއްތާއާއި އޫރުގެ ކުޅަށެވެ. އަދި ބައެއް މަޛްހަބްތަކުގައި ކުއްތާއާއި އޫރުގެ ދަރިވެސް ހިމެނެނީ ގަދަވެގެންވާ ނަޖިހުގެ ގޮތުގައެވެ. (އެ މަޛްހަބްތަކަކީ އިމާމް ޝާފިޢީގެ ފާނުގެ މަޛްހަބާއި އިމާމް އަހްމަދު ބުން ޙަންބަލްގެ މަޛްހަބެވެ. ) މިފަދަ ނަޖިހެއް ހަށިގަނޑުގައި ނުވަތަ ފޭރާމުގައި ޖެހިއްޖެނަމަ އެތަނެއް ހަތްފަހަރު ދޮންނަންޖެހެއެވެ. މީގެ ތެރެއިން އެއްފަހަރު ވެލި ކަހަލަ ރާޅު އެއްޗެއް ބޭނުންކުރަން ޖެހޭނެކަމަށް ކީރިތި ރަސޫލު މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވެއެވެ.
2. ނަޖިސްކަން ލުއިވެގެންވާ ނަޖިސް
މިބައިގައި ހިމެނެނީ ހަމައެކަނި މައިމީހާގެ ކިރުނޫން އެހެން ކާއެއްޗެއް ނުކާ ދެއަހަރުނުވާ ކުޑަ ފިރިހެންކުއްޖާގެ ކުޑަކަމުދާ އެއްޗެއްސެވެ. މިދެންނެވި ޝަރުޠުތައް ހަމަވާ ކުއްޖަކު ކުޑަކަމުދިޔަތަނަށް ފެން ވިއްސާލުމުން އެތަނެއް ޠާހިރުވާނެއެވެ. މިކަމާއި ގުޅޭގޮތުން އައިސްފައިވާ ކީރިތި ރަސޫލާގެ ޙަދީޘް ފުޅެއްގެ މާނައިގައިވެއެވެ. ” ތުއްތު ފިރިހެން ކުއްޖާ ކުޑަކަމުދިޔަތަނަށް ފެންވިއްސާލާނީއެވެ. ތުއްތު އަންހެންކުއްޖާ ކުޑަކަމުދިޔަތަން ދޮންނާނީއެވެ.” މި މާނައިން ހާމަވާ ގޮތުގައި ތުއްތު ފިރިހެން ކުއްޖާގެ ކުޑަކަމުދާ ތަކެތި ހިމެނެނީ ނަޖިސްކަން ލުއިވެގެންވާ ނަޖހުގެ ތެރޭގައެވެ.
3. ނަޖިސްކަން މެދުމިންވެގެންވާ ނަޖިސް
ލުއިވެގެންވާ ނަޖިހާއި ނަޖިސްކަން ގަދަވެގެންވާ ނަޖިހުގެ ތެރޭގައި ނުހިމެނޭ ކޮންމެ އެއްޗަކީ މެދުމިންވެގެންވާ ނަޖިހުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މެދުމިންވެގެންވާ ނަޖިހުގެ ތެރޭގައި ވަރަށް ގިނަ ބާވަތްތައް ހިމެނެއެވެ. ބައެއް ތަކެތީގެ މިސާލު؛
ހ. ހޮޑު
ހޮޑަކީ އެއްޗެއް ކެއުމަށްފަހު ނުވަތަ މައިދާގެ ތެރެއަށް ކާ އެއްޗެއް ދިއުމަށްފަހު ކޮންމެވެސް ސަބަބަކާއެކު ނިކުންނަ ތަކެއްޗެވެ. މީގެ ކުޑަ މިންވަރުވެސް ހިމެނެނީ ނަޖިހުގެ ތެރޭގައެވެ.
ށ. މަޛްޔު.
މިއީ ޝަހުވާނީއެދުން ގަދަވުމާ ގުޅިގެން އަންހެނެއްވިޔަސް ނުވަތަ ފިރިހެނެއްވިޔަސް ކުރިމަތީފަރާތުން ނިކުންނަ ލޮނދި ފެނެކެވެ. މިއީ ނަޖިހެއްކަމަށް ދަންނަބޭކަލުން އިޖުމާޢު ވެއެވެ. ކީރިތި ރަސޫލާގެ ޙަދީޘް ފުޅެއްގެ މާނައިގައި ވެއެވެ. ” އޭނާގެ ޛަކަރު ދޮވެ ވުޟޫކުރާނީއެވެ.”
ނ. ވަޛްޔު.
މިއީ ކުޑަކަމުދިއުމާއި ވިދިގެން ކުރިމަތީފަރާތުން ނިކުންނަ އޮލަފެނެކެވެ. މި ބާވަތް ހިމެނެނީ މެދުމިންގެންވާ ނަޖިހުގެ ތެރޭގައެވެ.
ރ. ލޭ.
އިންސާނާއާއި ޖަނަވާރުގެ ގައިން ނިކުންނަ ލެޔަކީ ނަޖިހެވެ.

ބ. ދޮސް.
ލޭ ނުބައިވެގެން އުފެދޭ ދޮހާއި ފާ ދިޔައަކީވެސް ނަޖިހެވެ.
ޅ. ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތި.
އިންސާނުންނާއި ޖަނަވާރުންގެ ކުޑަކަމުދާތަކެއްޗާއި ބޮޑުކަމުދާތަކެއްޗަކީ ނަޖިހެެވެ.
ކ. މުޅަތަކެތި.
އިސްލާމީ ޝަރީޢަތުގައި ހުއްދަ ކަތިލުމަކުން ނޫންގޮތަކަށް މަރުވެއްޖެ ކޮންމެ އެއްޗަކާއި އާދަމުގެ ދަރިޔާ ފިޔަވާ މަރުވެފައިވާ ކޮންމެ އެއްޗަކީ މުޅަތަކެއްޗެވެ. މިސާލަަކަށް ދުވެދުވެ އޮއްވާ ގާއުގަނޑަކުން ޖަހާ މަރާލެވިފައިވާ ކުކުޅުގެ މަސް އެވާނީ މުޅަ އެއްޗަކަށެވެ. މިކަމުގެ ދަލީލަކީ: ޙަދީޘް ފުޅެއްގެ މާނައިގައި ވެއެވެ. މާނައީ: ” މަސްކެއުން ޙަލާލް ޖަނަވާރެއް ދިރިއޮއްވައި އެއިން ބުރިކުރެވޭ ބައި އެއީ މުޅަ އެއްޗެކެވެ.” އިސްލާމްދީނުގައި މުޅަ ތަކެއްޗަކީ ނަޖިިހެވެ. މީގެ ތެރެއިން އިސްތިސްނާވާ ބައެއްވެއެވެ. އެއީ، ކަނޑުމަހާއި ގޮށްފުޅަންގަނކީ ކޮންމެ ގޮަތަކަށް މަރުވިޔަސް މަސްކެއުން ޙަލާލު ދެބާވަތެެެވެ. އަދި ހަމަ އެއާއެކު ކުއްތާއެއް ޝިކާރަކޮށްފައިވާ ފުއްލާގެ މަސް ހުއްދައެެވެ. ޙަދީޘް ފުޅެއްގެ މާނައިގައި ވެއެވެ. ” އަހަރުމެންނަށް މުޅަ ދޭއްޗަކާއި ދެ ލެ އެއް ޙަލާލް ކުރެއްވިއެވެ. މުޅަ ދޭތި ދަންނައެވެ. އެއީ މަހާއި ގޮށްފުޅަންގެވެ. އަދި ދެ ލޭ ދަންނައެވެ. އެއީ މޭގަނޑާއި ހުންކޮށްޓެވެ.”
ނަޖިސްތަކެތީގެ ބައިތަކުގެ ޙުކުމް…
ލޭގެ ޙުކުމް:
ލޭގެ ތިންބާވަތެއް ވެއެވެ. އެއީ ޙައިޟުގެ ލެއާއި އިންސާނުންގެ ގައިން ނިކުންނަ ލެއާއި މަސްކެއުން ޙަލާލް ޖަނަވާރުގެ ލެއެވެ. ޙައިޟުގެ ލެއަކީ ނަޖިހެއްކަމަަށް ޢިލްމުވެރިން ޢިއްތިފާޤްވެއެވެ. ނަމަވެސް އިންސާނުންގެ ހަށިގަނޑުން ޒަޚަމް ވެގެން ނިކުންނަ ލެއާއި މެދު ވަނީ އިޚްތިލާފް އުފެދިފައެވެ. މިއީ ނަޖިހެއްކަމަށް މަޝްހޫރު ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. އެބޭކަލުންގެ ދަލީލަކީ، ޤުރުއާނުގައިވާ އާޔަތެއްގެ މާނައެވެ. ” އެ އެއްޗަކީ މަރުވެފައިވާ އެއްޗެއް ކަމުގައި، ނުވަތަ އޮހޮރޭ ލޭ ކަމުގައި، ނުވަތަ އޫރުމަސް ކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، އެއީ، ހަޑިމުޑުދާރު އެއްޗެކެވެ…”
އަނެއްބައި ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި އެއީ ޠާހިރު އެއްޗެކެވެ. މިއީ ފަހުގެ ޢިލްމުވެރިންގެ ޖަމާޢަތެއްގެ ބޭކަލުންގެ ބަސްފުޅެކެވެ. އެބޭކަލުން ވިދާޅުވަނީ މިމައްސަލާގައި އިޖުމާޢު ސާބިތެއް ނުވެއެވެ. އަދި ނަޖިހެއްކަމަށް ވިދާޅުވާ ބޭކަލުން ދަލީލު ނަންގަވާ އާޔަތުގައި އަންގަވާފައި އެވަނީ އެއީ ޙަރާމް އެއްޗެއް ކަމެވެ. އެކަމަކު ޙަރާމް ކޮންމެ އެއްޗަކީ ނަޖިހަކަށްވުން ލާޒިމެއް ނޫނެވެ.
ހޮޑުގެ ޙުކުމް:
އިންސާނާގެ ހޮޑަކީ ނަޖިހެއް ކަމާއިމެދު ދަންނަބޭކަލުންގެ މެދުގައިވަނީ އިޚްތިލާފް އުފެދިފައެވެ. ހަތަރު އިމާމުންގެ ރަޢުޔަކީ އެއީ ނަޖިހެއްކަމެވެ. މި ބޭކަލުންގެ ދަލީލަކީ: ހޮޑުންނާއި ލެއިންނާއި މަނިން ފޭރާން ދޮންނަން ވާނެކަމަށް ރަސޫލާ ޢައްމާރަށް ޙަދީޘް ކުރެއްވިކަމަށް އައިސްފައިވާ ރިވާޔަތެކެވެ. ނަމަވެސް މިއީ ޟަޢީފް ޙަދީޘެކެވެ.
މި މައްސަލައިގައި އިބްން ޚުޒައިމާއާއި އައްޝަވްކާނީ އަދި އިބްން ތައިމިއްޔާ ރާޖިޙު ކުރައްވާ ގޮތުގައި ހޮޑަކީ ނަޖިހެއް ނޫނެވެ. ދަލީލަކީ ހޮޑަކީ ނަޖިހެއް ކަމާމެދު ޞައްޙަ ދަލީލެއް އައިސްފައި ނުވުމެވެ.
މުޅަތަކެތި:
މިއީ ނަޖިހެއްކަމަށް ޢިލްމުވެރިން އިއްތިފާޤުވެއެވެ. ޙަދީޘް ފުޅެއްގެ މާނައިގައި ވެއެވެ. ” މަރުވެފައިވާޖަނަވާރުގެ ހަން ދިބާޣުކުރުމުން ޠާހިރުވެދެއެވެ.” މި ޙަދީޘުން އެނގެނީ މަސްކެއުން ހުއްދަ ޖަނަވާރެއް ނަމަވެސް އޭގެ އަމިއްލަ ޒާތުގައި މަރުވުމުން އެއީ ނަޖިހެއްކަމެވެ. ނަމަވެސް އޭގެ ހަން ދިބާޣުކުރުމުން ޠާހިރު އެއްޗެއްކެވެ

މިއީ ޑރ.އަބްދުއް ސައްތާރުގެ އިލްމީ ތަރުބިއްޔަތު ފޮތުން ނަގާފައި ލިޔުމެއް:

1 ކޮމެންޓް
IBRAHIM AMIR USMAN
މާޗް 28, 2020
ޤުރުއާނުގެ އާޔަތުން ޙުކުމް ދެއްކިއިރު އެއީ ކޮން ސޫރަތެއްގެ ކޮން އާޔަތެއްކަމެއް ނެތުން އެއީ ލިޔުމުގެ ކޮރުކަމާއި، ލިޔުމުގައިވާ މައުލޫމާތު ޙަޤީގަތަކަށް ނުވުން.