އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީގުގެ ފުލުގައި އޮތް ސައުތެމްޓަންއާއި ވާދަކުރި މެޗުން ބަލިވެ އާސެނަލް ލީގުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އަތުވެއްޖެ އެވެ.
ސައުތެމްޓަން ދަނޑުގައި މިރޭ ކުޅުނު މެޗުން އާސެނަލް ބަލިވީ 3-2 ލަނޑުން އާސެނަލް ބަލިވެފައިވާއިރު އާސެނަލްއިން ވަނީ ލީގުގައި ބަލި ނުވެ 22 މެޗު ފުރިހަމަ ކޮށްފައެވެ.
މިރޭގެ މެޗުން މޮޅުވެ ލީގުގެ ހަތަރު ވަނަ މަގާމު އާސެނަލްއަށް ލިބެން އޮތް ނަމަވެސް މެޗުން ބަލިވުމުގެ ސަބަބުން އާސެނަލް އޮތީ 34 ޕޮއިންޓާއެކު ފަސް ވަނައިގައެވެ. ލީގުގެ ހަތަރު ވަނައިގައި 37 ޕޮއިންޓާއެކު ޗެލްސީ އޮތް އިރު 39 ޕޮއިންޓާއި އެކު ތިން ވަނަ ލިބެނީ ޓޮޓެންހަމްއަށެވެ.މިވަގުތު 46 ޕޮއިންޓް އާއި އެކު ލިވަޕޫލް ތާވަލްގެ އެއްވަނާގައި އޮތް އިރު ދެވަނާގައި އޮތީ 44 ޕޮއިންޓާއި އެކު އެންމެ ފަހުގެ ލީގު ޗެމްޕިއަން މެންޗެސްޓަރ ސިޓީއެވެ.
މިރޭގެ މެޗުގައި ވެސް ލީގުގެ އެހެން މެޗުތަކަކީ އެއްފަދައިން އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ޑިފެންސިވް ގޭމެއް ކުޅެމުން ދިޔަ ސައުތެމްޓަބް އިން ވަނީ މެޗުގެ 20 ވަނަ މިނެޓުގައ ޑެނީ އިންގްސް ކާމިޔާބު ކުރި ލަނޑާއި އެކު އާސެނަލް ހައިރާން ކޮށްލުވާފައެވެ.
އިންގްސްގެ ލަނޑުން ސައުތެމްޓަން ލީޑު ނެގި ނަމަވެސް އާސެނަލްއިން ވަނީ އޭގެ އަށް މިނެޓު ފަހުން ހެންރިކް މިކިތާރްޔަން ކާމިޔާބު ކުރި ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.އެހެން ނަމަވެސް ސައުތެމްޓައިން ވަނީ ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓްގައި ޑެނީ އިންގްސް ކާމިޔާބު ކުރި ދެ ވަނަ ލަނޑާއި ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މެޗުގައި އާސެނަލް ގެ ދެ ވަނަ ލަނޑުވެސް ޖެހީ މިކިތާރްޔަން އެވެ.
މި ލަނޑާއި އެކު 2-1 ލަނޑުން ކުރީ ގައި އޮވެގެން ސައުތެމްޓަން ފުރަތަމަ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފްގެ 53 ވަނަ މިނެޓުގައި މިކިތާރްޔަން ވެސް ވަނީ އޭނާ މެޗުގައި ކާމިޔާބުކޮށް ދިން ދެވަނަ ލަނޑާއި އެކު އާސެނަލްއަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެހެން ނަމަވެސް ސައުތެމްޓަންއިން ވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޗާލީ އޮސްޓިން ކާމިޔާބު ކުރި ލަނޑާއި އެކު މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.
މި މޮޅަކީ 2018 ވަނަ އަހަރު ލީގުގައި ސައުތެމްޓަން އަށް އަމިއްލަ ދަނޑުގައި ލިބުނު ދެ ވަނަ މޮޅެވެ. މިއީ ސައުތެމްޓަންގެ ކޯޗުކަމާ މީގެ ހަފްތާއެއް ކުރިން ހަވާލުވި ރަލްފް ހަސެންހުޓްލް ގެ އިރުޝާދުގެ ދަށުން އަމިއްލަ ދަނޑުގައި އެޓީމު ކުޅުނު ފުރަތަމަ މެޗެވެ.