އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް މެންޗެސްޓާ ސިޓީން ލީގު ތަށި ހޯދުމާ ތިން ޕޮއިންޓަށް ކައިރިކޮށްފިއެވެ. މި މެޗުން ސިޓީ މޮޅުވީ 2-0 އިންނެވެ.
މި ނަތީޖާއާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ ސިޓީ އަށް 34 މެޗުން 80 ޕޮއިންޓް ލިބިފައިވާއިރު، އޭގެ 13 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑެވެ. ލީގުގައި މާދަމާ ރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުން ބަލިވެއްޖެނަމަ ބާކީ ހަތަރު މެޗު އޮތްވާ ސިޓީ އަށް ޗެމްޕިއަންކަން ލިބޭނެއެވެ. ތިންވަނައިގައި އުޅޭ ލެސްޓާ ސިޓީ އަށް 34 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އޮތީ 33 މެޗުން ހޯދި 58 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ޕެލަސްގެ ދަނޑުގައި މިރޭ ކުޅުނު މެޗަށް ސިޓީން ނިކުތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ޕީއެސްޖީ އަތުން 2-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މިރޭގެ މެޗުގައި ކުޅުނީ ގޯލްކީޕަރު އެޑަސަން މޮރައެސް އާއި ޔާއޯ ކަންސޭލޯ އަދި ރޮޑްރީ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު މި ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޕެލަސްގެ ފޯވާޑް ކްރިސްޓިއަން ބެންޓެކޭ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މަތަކުރިއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ސިޓީން މެޗުގެ ކޮންޓްރޯލް އަތުލާފައިވާއިރު އެ ޓީމުން ލީޑްނެގީ 57 ވަނަ މިނެޓުގައި ފްރާންސްގެ ފުލްބެކް ބެންޖަމިން މެންޑީ ނަގައިދިން ހުރަހަކުން އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ވައްދާލި ލަނޑުންނެވެ. މިއީ ލީގުގައި ސިޓީ އަށް އޭނާ ޖަހައިދިން 182 ވަނަ ލަނޑެވެ.
ސިޓީން ލީޑްނެގިތާ 83 ސިކުންތުގެ ތެރޭގައި އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ ސްޕެއިނުގެ އުއްމީދީ ވިންގާ ފެރާން ޓޮރޭސް އެވެ. މިއީ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ހަމަލާއަކުން ޓޮރޭސް ކާމިޔާބުކުރި ރީތި ގޯލެކެވެ. އޭގެފަހުން ސިޓީގެ ލީޑް ފުޅާކުރުމަށް އައިމެރިކް ލަޕޯޓް އާއި ރަހީމް ސްޓާލިން އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ޕެލަސްގެ ކީޕަރު ވިސެންޓޭ ގުއައިޓާ މަތަކުރިއެވެ.
ލީގުގައި ސިޓީ އަށް ދެން އޮތީ މި މަހުގެ 8 ވާ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެކުރީން އެ ޓީމު ނިކުންނާނީ އަންނަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ޕީއެސްޖީއާ ދެކޮޅަށެވެ.