އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޒެރްޑަން ޝަގީރީ ކާމިޔާބުކޮށްދިން ދެ ލަނޑާއި އެކު ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ލިވަޕޫލް އަލުން ތާވަލުގެ އެއް ވަނައަށް ޖެހިލައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ވާދަވެރި މި ދެ ޓީމް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-1 އިންނެވެ.
މި މޮޅާއެކު ލިވަޕޫލުން ވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ފަހަތަށް ޖައްސާލުމަށް ފަހު ކުޅުނު 17 މެޗުން 45 ޕޮއިންޓް ހޯދައި އެއްވަނަ މަގާމަށް ޖެހިލާފައެވެ. ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް 44 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި 39 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމް ހޮޓްސްޕާސްއަށް ލިބޭއިރު މިރޭގެ މެޗުން ބަލިވި ޔުނައިޓެޑް އޮތީ 26 ޕޮއިންޓާއެކު ހަ ވަނައިގައެވެ.
މުޅި މެޗުގައިވެސް މޮޅަށް ކުޅެ ގިނަ ހަމަލާތައް ލިވަޕޫލުން އުފައްދާފައިވާއިރު އެ ޓީމްގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ޖެހީ ސަޑިއޯ މާނޭ ކާމިޔާބުކޮށްދިން ނަމަވެސް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޔުނައިޓެޑްގެ ޖެސޭ ލިންގާޑް ވަނީ ލިވަޕޫލުން ލީޑުނެގިތާ 8 މިނެޓް ފަހުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ލިންގާޑްގެ ލަނޑާއަށް ފަހުވެސް ލިވަޕޫލުން ގިނަވަގުތު ބޯޅަ ހިފަހައްޓައި ޔުނައިޓެޑްގެ ގޯލަ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެ ޓީމް 1-1 ލަނޑުން އެއްވަރުވެގެންނެވެ.
ދެ ވަނަ ހާފުގައި ފަށައިގެން ވެސް ޔުނައިޓެޑްއަށް ލިވަޕޫލްގެ ދަނޑުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ލިވަޕޫލް ވަނީ މިހާފްގައި ވެސް ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަން ގިނަވަގުތު މަސައްކަތް ކޮށްފައެވެ.
މި ހާފްގައި ލިވަޕޫލްއިން ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި ނަމަވެސް މިއިން ހަމަލާތަކެއް ކާމިޔާބުވެފައިނުވާއިރު މެޗުގެ އޮއިވަރު ބަދަލުކޮށް ލިވަޕޫލުން މެޗުގައި ތިން ޕޮއިންޓް ކަށަވަރުކުރި ދެ ލަނޑު ވެސް ޖަހައިދިނީ ފަހު ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެއް ޒެރްޑަން ޝަގީރީ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޝަގީރީ ފުރަތަމަ ގޯލު ޖެހީ 73 ވަނަ މިނެޓުގައެވެ.އަދި ޝަގީރީ އޭނާގެ ދެވަނަ ލަނޑު ލިވަޕޫލަށް ކާމިޔާމުކޮށްދީފައިވަނީ މެޗުގެ 80 ވަނަ މިނެޓުގައެވ
ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ފަސް މެޗު ބަލިވެފައިވާއިރު ޔުނައިޓެޑް ދެން ލީގުގައި ކުޅެނީ އަމިއްލަ ދަނޑުގައި ކާޑިފް ސިޓީއާއެވެ. ލިވަޕޫލް ދެން ކުޅޭ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ވުލްވްސް އާ ދެކޮޅަށެވެ.