ފާއިތުވެދިޔަ ސީޒަންތަކުގައި ހޯދި ކާމިޔާބީ ތަކުރާރުކުރަން ބޭނުންނަމަށް ހުރިހާ ކުޅުންތެރިންވެސް އަދި ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭކަމަށް ރިއަލްމެޑްރިޑްގެ ފްރާސްގެ ކުޅުންތެރިޔާ ރަފޭން ވަރާން ބުނެފިއެވެ.
ވަރާން މިހެން ބުނީ ސްޕެނިޝް ލީގުގައި ރޭ ރިއަލްގެ އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯއާ 0-1 ލަނޑުން ބަލި ކުރިމެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
ލީގުގައި މިސީޒަންގައި ރަނގަޅު ކުޅުމެއް ރިއަލްއަށް ދެއްކިފައި ނުވާއިރު އެ ޓީމް ވަނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސް ބަލިވެފައެވެ.
ސްޕެނިޝް ލީގުގައި ރިއާލް ވަނީ ރޭ ކަރިމް ބެންޒެމާ ކާމިޔާބުކޮށްދިން ހަމަ އެކަނި ލަނޑުން މޮޅުވެ ތާވަލްގެ ތިންވަނަ މަގާމަށް ޖެހިލައިފަވެ. އެހެން ނަމަވެސް ކުރިން ޓޭބަލްގެ ތިންވަނައިގައި އޮތް ސެވިއްޔާ އާއި ޖިރޯނާ އާ މިރޭ ބައްދަލުކުރާ މެޗުން ސެއިއްޔާ އެއްވަރުވިއަސް ރެއާލް އަނެއްކާވެސް ހަތަރު ވަނައަށް ވެއްޓޭނެއެވެ.
މި ސީޒަންގައި މިހާތަނަށް ލީގުގައި 16 މެޗް ރެއާލުން ކުޅެފައިވާއިރު ލީގުގައި މިހާތަނަށް ފަސް މެޗުން ރެއާލް ވަނީ ބަލިވެފައެވެ. މިހާތަނަށް ލީގުގައި ރެއާލުން 24 ގޯލް ޖެހިއިރު ބައިކޮޅަށް 19 ގޯލް ވަދެފައިވެއެވެ.
މެޗަށް ފަހު ފަހަތަށް ކުޅޭ އެންމެ މުހިންމު ކުޅުންތެރިޔާ ވަރާން ބުނީ ކޮންމެ މެޗެއްގައި ވެސް ފުރަތަމަ ހާފް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި އެހެން ނަމަވެސް މެޗުގެ ފަހު ބައި ދަނީ ވަރަށް ދައްކޮށްކަމަށެވެ.
ވަރާން އިތުރަށް ބުނީ ކުރިއަތް އޮތީ ފީފާ ކުލަބް ވޯލްޑް ކަޕް ކަމަށް ވުމުން މިހާރު ހުރިހާ ވިސްނުމެއް ހުރީ އެ މުބާރާތް ކާމިޔާބު ކުރުމަށް ކަމަށެވެ.