ހުޅަނގު ގުދުސް އަކީ އިސްރާއިލްގެ ވެރިރަށްކަމަށް އޮސްޓްރޭލިއާ އިން ބަލައިގަންނާނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެ އެވެ
ސިޑްނީގައި ވާހަކަ ދައްކަވަމުން މޮރިސަން ވިދާޅުވީ އިޒްރޭލުގެ ވެރިރަށަށް ވާން ޖެހޭނީ ހުޅަނގު ގުދުސް ކަމަށް އެ ގައުމުން ގަބޫލުކުރާކަމަށާއި އެކަމަކު އޮސްޓްރޭލިއާ އެމްބަސީ ތެލް އަވީވް އިން ހުޅަނގު ގުދުސް އަށް ބަދަލު ކުރާނީ އެއީ އަމަލީ ގޮތުން ކުރަން ފަސޭހަ ކަމަކަށްވެ އެކަމަށް ފުރުސަތު ލިބުމުންކަމަށެވެ. އަދި އޮސްޓްރޭލިއާ އެމްބަސީ ތެލް އަވީވް އިން ގުދުސް އަށް ބަދަލު ކުރާނީ މެދުއިރުމައްޗަށް ސުލްހަ ހޯދުމަށްކަމަށްވެސް މޮރިސަން ވިދާޅުވިއެވެ. މީގެ އިތުރުން މޮރިސަން ވިދާޅުވީ ފަލަސްތީން މީހުން އިރުމަތީ ގުދުސް ވެރިރަށުގެ ގޮތުގައި ދައުލަތެއް އުފެއްދުމަށްކުރާ އުއްމީދުތައް އޮސްޓްރޭލިއާ އިން ބަލައިގަންނަ ކަމަށެވެ
އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު ފަހުކޮޅު އިއުލާން ކޮށްފައިވާއިރު އެމެރިކާ އެމްބަސީ ތެލް އަވީވް ގުދުސް އަށް ބަދަލު ކުރީ މި އަހަރުގެ މެއި މަހު އެވެ