English Edition
Dhivehi Edition

ފަލަސްތީނާއި އިސްރާއިލުގެ ސުލްހައިގެ މަޝްވަރާ ތަކަށް އދ. އިން ހުރަސްތަކެއް ކުރިމަތި ކުރުވާ ކަމަށް އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހެއިލީ ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާގެ ރައީސް ޓުރަމްޕް ވިދާޅުވުމުން އދ. ގެ ސަލާމަތީ މަޖީލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި އެމެރިކާ ސަފީރު ވަނީ އ.ދ އިން ސުލްހައަށް ނުރަނގަޅު އަސަރުތަކެއް ކުރުވަމުން ދާކަމަށް ވިދާޅުވެފައެވެ.

އެނާ ވިދާޅުވި އދ. އިން މެދުއިރުމަތީގެ ސުލްހައަށް މަސައްކަތް ކުރުމަށްވުރެ ބޮޑަށް އިތުރު ގެއްލުން ތަކެއް ދީފައިވާ ކަމަށެވެ. އެނާ ވަނީ އދ. އަކީ ދުނިޔޭގައި އިސްރާއިލާއި އެންމެ ދެކޮޅު ޖަމާއަތްކަމަށް ތުހުމަތު ކޮށްފައެވެ.

ދުނިޔޭގެ ގިނަ ގައުމު ތަކުން ވަނީ އެމެރިކާގެ ރައީސްގެ ނިންމެވުމަށް ފާޑު ކިޔާފައެވެ. އަދި އެ ނިންމެވުން ވަނީ ކުށްވެރިވެސް ކޮށްފައެވެ. އެ ނިންމެވުމުގެ ސަބަބުން ފަލަސްތީނުގައި ވަނީ ރުޅިވެރިކަމުގެ ދުވަސްތަކުގެ ގޮތުގައި މުޒާހަރާތައް ވަނީ ފެށިފައެވެ.

އެ މުޒާހަރާ ތަކުގައި މިހާތަނަށް ވަނީ އެކަކު މަރުވެ، އެތައް ބަޔަކަށް އަނިޔާ ވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މުޒާހަރާތައް ކުރިއަށް އެބަދެއެވެ.

އެމެރިކާ އެންބަސީ ޤުދުސް އަށް ބަދަލު ކުރަން އެމެރިކާ އިން ވަނީ މާ ކުރިން ނިންމާފައެވެ. 1995 ވަނަ އަހަރު އެމެރިކާގެ ކޮންގްރެސްއިން ވަނީ އެކަމާ ގުޅޭ ގޮތުން ބިލެއް ފާސް ކޮށްފައެވެ. ނަމަވެސް އެކަން އެ ގޮތަށް ނުކޮށް އެ މަސައްކަތް ފަސް ކުރުމަށް ކޮންމެ 6 މަހަކުން އެ ގައުމުގެ ރައީސް ސޮއި ކުރެވެން އޮވެއެވެ.

ފާއިތުވި 22 އަހަރު އެގައުމުގައި ރައީސް ކަން ކުރެއްވި ހުރިހާ ރައީސުން ވަނީ ކޮންމެ 6 މަހަކުން އެ ގޮތަށް ސޮއިކޮށް އެންބަސީ ބަދަލު ކުރުން ފަސް ކޮށްފައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މި ފިޔަވަޅުގެ ސަބަބުން އެމެރިކާ މިނިވަން ފަރާތެއްގެ ގޮތުގައި މަޝްވަރާ ތަކުގައި ބައިވެރިވުމުގެ ހައިސީއްޔަތު ގެއްލިފައިވާ ކަމަށެވެ. ސަބަބަކީ އެމެރިކާއިން މިހާރު މިވަނީ ވަކި ފަރާތަކަށް ޖެހިފައިވާ ކަން ރަސްމީ ސިފައެއްގައި ސާބިތުކޮށްދީފައި ކަން އެފަރާތްތަކުން ބުނެއެވެ.