ޤުދުސަކީ އިސްރާއިލުގެ ވެރިރަށް ކަމުގައި ބަލައިގަތުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގޮވައިލެއްވި ގޮވައިލެއްވުމަށް އީޔޫއިން ދެކޮޅު ހަދައިފިއެވެ.
އީޔޫގެ ފޮރިން ޕޮލިސީ ޗީފް ފެޑެރިކާ މޮގެރިނީ އާއި އެކު ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އިސްރާއިލުގެ ބޮޑުވަޒީރު ވަނީ އީޔޫގެ ގައުމުތަކުންވެސް އެ ގައުމެއްގެ އެންބަސީ ޤުދުސަށް ބަދަލުކޮށް އިސްރާއިލުގެ ވެރިރަށް ކަމުގައި ޤުދުސް ބަލައިގަތުމަށް ގޮވާލައްވައިފައެވެ.
ނަމަވެސް އީޔޫ ފޮރިން ޕޮލިސީ ޗީފް ވިދާޅުވީ މި މައްސަލައިގައި އިތުރު ދެވަނަ ހައްލެއް ނެއްކަމަށާއި އޮތް ހަމައެކަނި ހައްލަކީ މިނިވަން ދެދައުލަތުގެ ގޮތުގައި ދެ ގައުމުންވެސް އުޅުން ކަމަށެވެ. ފެޑެރިކާ ވިދާޅުވި ގޮތުގައި އީޔޫގެ ވިސްނުން ހުރީ 1967 ގައި ނިމިގެން ދިޔަ ގޮތަށް ޤުދުސް ދެގައުމުގެ ވެރިރަށަށް ހަދައި ދެބައި ކުރުމެވެ. އޭނާ ވިދާޅުވި ގޮތުގައި އީޔޫ އިން ބަލައިގަންނާނީ ދުނިޔޭގެ ގިނަ ގައުމު ތަކުން ޤަބޫލު ކުރާ ގޮތަށެވެ.
ފަލަސްތީނުގެ ރައްޔިތުން ދެކޭ ގޮތުގައި އިރުމަތީ ޤުދުސް ވެގެން ދާނީ ކުރިއަށް އޮތްތާ ފަލަސްތީނުގެ ވެރިރަށަށެވެ. ދުނިޔޭގެ ގިނަ ގައުމު ތަކުން ދެކޭ ގޮތުގައި އިސްރާއިލާއި ފަލަސްތީނުގެ މައްސަލައަށް އޮތް ހައްލަކީ ވެސް ދެ ގައުމުގެ ވެރިރަށް ޤުދުސް އަށް ބަދަލު ކޮށް ދެބައި ވަކި ކުރުމެވެ.
ނަމަވެސް އިސްރާއިލުން ވަނީ ފަލަސްތީނުގެ ބިންތަކަށްވެރިވެ މުޅި ޤުދުސް އަކީ އިސްރާއިލުގެ ތަނެއް ކަމުގައި ބުނެފައެވެ.
އިސްރާއީލުގެ ބޮޑު ވަޒީރު ވިދާޅުވީ ޤުދުސް އަކީ ފާއިތުވި 70 އަހަރުގައި ވެސް އިސްރާއިލުގެ ވެރިރަށް ކަމުގައެވެ. އަދި އެމެރިކާއިން ވަކި ގޮތެއް ނިންމީ ނޫންކަމަށެވެ. އެމެރިކާ އިން ހަމަ އެކަނި އަބަދުވެސް އޮތް ކަމެއް ކަށަވަރު ކޮށްދިނީ ކަމުގައި އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި ޣައްޒާ އަދި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ދަނީ މުޒާހަރާ ތަކެއް ކުރަމުންނެވެ. މި މުޒާހަރާ ތަކުގައި ފަލަސްތީނުގެ 4 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.
އިސްރާއިލުން ގެންދަނޯ ދުނިޔޭގެ ގާނޫނޫތަކާވެސް ޚިލާފަށް ޤުދުސާއި ފަލަސްތީނުގެ ބިންތަކުގައި އިމާރަތްތައް ކުރަމުންނެވެ.
އެމެރިކާއިން މި ދަނޑިވަޅުގައި އިސްރާއީލުގެ ވެރިރަށަކީ ގުދުސް ކަމަށް ނިންމުމާ ގުޅިގެން އެމެރިކާ ސުލްހައިގެ މަޝްވަރާ ތަކުގައި ބައިވެރިވުމަށް ފަލަސްތީނުން ބަލައި ނުގަނެއެވެ. އެމެރިކާ ސަރުކާރުން ބުނެފައިވަނީ ސުލްހައިގެ އާ ޕްލޭނެއް އެކުލަވަމުން ދާ ކަމަށެވެ.