ބީބީސީ އިން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދާއިފިއެވެ.
މިއެވޯޑް ސަލާހް ހޯދާފައިވަނީ އޭނާއި އެކު ލިވަޕޫލްއަށް ކުޅޭ ސެނެގާލްގެ ސަޑިއޯ މާނޭ އާއި އިޓަލީގެ ނަޕޯލީއަށް ކުޅޭ ކަލިދޫ ކޫލިބަލީ އަދި ޔުވެންޓަސްއަށް ކުޅޭ މޮރޮކޯ ކެޕްޓަން މެދީ ބެނާޓިއާއި ވާދަކޮށްގެންނެވެ.
ދެވަނަ ފަހަރަށް ސަލާހް މި އެވޯޑް ހާސިލްކޮށްފައިވާއިރު ކުރިން ޖެހިޖެހިގެން ހަމަ އެކަނި މި އެވޯޑް ހާސިލް ކުރެވިފައިވަނީ ޕްރިމިއަ ލީގުގެ ބޮލްޓަންގެ ނައިޖީރިއާގެ ކުރީގެ ލެޖެންޑް ޖޭޖޭ އޮކޯޗާ،ތޯމަސް ޕާޓޭ އަދި ސަލާޙް އާއި އެކު ލިވަޕޫލްއަށް ކުޅޭ ސެޑިއޯ މާނޭއެވެ.
މިއެވޯޑް އާއި ހަވާލުވުމަށް ފަހު މީޑިއާއި ވާހަކަ ދައްކަމުން ސަލާޙް ބުނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް މިއެވޯޑް ލިބުމަކީ ފަހުރެއް ކަމަށާއި އަންނަ އަހަރުވެސް މި އެވޯޑް އަހަރެން ބޭނުން ކަމަށް 26 އަހަރުގެ ސަލާހް ބުންޏެވެ.
ސަލާޙް ބުނީ 2018 ވަނަ އަހަރަކީ އޭނާގެ ކެރިއަރުގައި ވެސް ކާމިޔާބު އަހަރެއް ކަމަށާއި އެ ގޮތުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރޯމާއާއި ދެ ކޮޅަށް ކުޅުނުމެޗާއި ޕްރިމިއަ ލީގުގައި ޗެލްސީއާއި ދެކޮޅަށް ކުޅެވުނު މެޗަކީ ފާހަގަ ކުރެވޭ ފަދަ ދެމެޗު ކަމުގައެވެ.
2008 ވަނަ އަހަރަކީ ވަރަށް އުފާވެރި ހަނދާންތަކެއް އެކުލެވޭ އަހަރެއް. އެންފީލްޑްގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗަކީ ވަރަށް ހާއްސަ މެޗެއް. އަންނަ އަހަރު އަހަރެންގެ އަމާޒަކީ ކްލަބަށް ތަށްޓެއް ހޯދައިދިނުން.” ސަލާހް ބުންޏެވެ.
ކުރިން ޗެލްސީ އަދި އިޓަލީގެ ރޯމާއަށް ކުޅެފައިވާ ސަލާހް ލިވަޕޫލާއި ގުޅުނީ މިދިޔަ ޓްރާންސްފާ ބާޒާރުގައެވެ.
ސަލާހް ވަނީ މިދިޔަ ސީޒަންގައި ލިވަޕޫލްއަށް ބަދަލުވެ ތަފާތު މޮޅު ކުޅުމެއް ދައްކައި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ގެންގޮސްދިނުމުގެ އިތުރަށް މިއަހަރު ރަޝިޔާގައި ބޭއްވުނު ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ފީފީ ވޯލްޑް ކަޕްއަށް މިސްރު ކޮލިފައިކޮށްދިނުމުގައި ވެސް ސަލާހް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މިދިޔަ ސީޒަންގައި ލިވަޕޫލަށް 44 ގޯލް ޖަހައިދިން ސަލާހް ވަނީ މި އެވޯޑުގެ އިތުރުން އޭނާއަށް ވަނީ ޕްރިމިއާ ލީގުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ އެވޯޑާއި ޕްރިމިއާ ލީގު ޕީއެފްއޭ އަދި ފުޓްބޯލް ވްރައިޓާސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ލިބިފައެވެ. މިއަހަރު އެންމެ މޮޅު ގޯލު ޖަހައިގެން ހޮވި ޕުސްކަސް އެވޯޑުވެސް ހޯދީ ސަލާހެވެ.
ސަލާހް ވަނީ މިސީޒަންގައި ކުޅުނު 47 މެޗުގައި 35 ގޯލު ޖަހައި 15 ގޯލު ޖެހުމުގައި އެހީތެރިވެދީފައެވެ.