ޤައުމު ބިނާކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ ޒުވާނުންނެވެ. ޒުވާނުންނަކީ ހަރުދަނާ، ހީވާގި، އުފެއްދުންތެރި ބަޔަކަށްވެއްޖެނަމަ ޤައުމުގެ ޙާލަތު ހެޔޮމަގަށް ބައްޓަންވެގެންދާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. އެހެންނަމަވެސް ހަތަރުލައްކަ ހަމަނުވާ އާބާދީއެއް އޮންނަ މިކުޑަ ޤައުމުގައި ޒުވާން ޖީލެއް މިވަނީ ހަލާކުވެ ގެއްލިގެން ގޮސްފައެވެ. އެހެންކަމުން އަޅުގަނޑުމެން ދިވެހި ޒުވާނުން ވަނީ ޒުވާނުންގެ ކަންކަމާއި ޒުވާނުންގެ ޙާލަތާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނަން ޖެހިފައެވެ
ކުދި ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ މި ދިވެހި ބިމުގައި ހިނގާ ނޭދެވޭ އެންމެހައި ކަންކަމާއި ކުށުގެ މާޙައުލުގައި ގިނަ ޢަދަދަކަށް ޒުވާނުންނާއި ފުރާވަރުގެ ކުދިން ހިމެނޭކަމީ މިއަދުގެ ހިތި ހަގީގަތެވެ. މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަމާއި ފޭރުމާއި މާރާމާރީ ހިންގުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުން މެރުމާއި ކުޑަކުދިންނާއެކު ބަދު އަޚުލާޤީ ޢަމަލު ހިންގުމުގައި ބައިވެރިވާ ޒުވާނުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.މިފަދަ ކުށްތަކަށް އަރައިގަންނަ ގިނަ ޒުވާނުންނަކީ ‘ގޭންގްތަކަށް’ ނިސްބަތްވާ ޒުވާނުންނެވެ
ގޭންގު ކުށްތަކާއި ގޭންގުގެ ވާހަކައަކީ ރާއްޖޭގައި އާވާހަކައެއް ނޫން ނަމަވެސް ޒަމާންވީ މި މައްސަލައަކީ މިހާތަނަށް އައިއިރު ރާއްޖޭގައި އެއްވެސް ހައްލެއް ލިބިފައިވާ މައްސަލައެއް ނޫނެވެ. ގޭންގުތަކާއި ބެހޭ ގޮތުން މާބޮޑު ދިރާސާތަކެއް މިހާތަނަށް ހެދިފައި ނެތްނަމަވެސް 2012 ވަނަ އަހަރު މޯލްޑިވްސް އިންސްޓްޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް، ޓްރެއިނިން އެންޑް ރިސާޗް އާއި އޭޝިއާ ފައުންޑޭޝަން ގުޅިގެން ކޮށްފައިވާ “ރެޕިޑް ސިޗުއޭޝަން އެސެސްމަންޓް އޮފް ގޭންގްސް އިން މާލޭ” ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މާލޭގައި އެކަނިވެސް ވިއްސާއި ތިރީހާއި ދެމެދުގެ އަދަދަކަށް ގޭންގުތައް ހަރަކާތްތެރިވާއިރު އެ ގޭންގުތަކުގައި 50 ހާއި 400 އާއި ދެމެދުގެ އަދަދަކަށް ޒުވާނުން އުޅެއެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ގޭންގުތައް މެދުވެރިކޮށް ހިންގާ ގިނަ ޖަރީމާތަކުގެ އަޑީގައި ތިބީ ސިޔާސީ ވެރިންނާއި ވިޔަފާރިވެރިންނެވެ.ގޭންގުތައް ލައްވާ ސިޔާސީ މީހުންނާއި ވިޔަފާރިވެރިން ހިންގާ ހަމަނުޖެހުންތަކުގެ ބަދަލުގައި ފައިސާދޭއިރު އެހަރަކާތެއްގައި އުޅެނިކޮށް ބަންދެއް ނުވަތަ ހައްޔަރެއް ވެއްޖެނަމަ ޖަލުން ސަލާމަތް ވެސް ކޮށްދޭ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. މި ގޭންގްތަކުގެ ހަރަކާތްތައް ފުޅާކަމުން އެއީ ވެސް އަމިއްލަ ޖަމިއްޔާތައް ހިންގާ އުސޫލުން ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަން ހެން ބައެއް ފަހަރު ހީވެއެވެ
އާންމު ގޮތެއްގައި ގޭންގުތަކުގައި ހަރަކާތްތެރިވަނީ އުމުރުން 25 އަހަރުން ދަށުގެ ޒުވާނުންކަމުގައިވާއިރު ގިނަ ފަހަރަށް ކުދިން ގޭންގުތަކާއި ގުޅެނީ ސްކޫލް ދައުރު އަދި ސްކޫލް ނިންމުމަށްފަހު ވަޒީފާއަށް ނުގޮސް އެ ހޭދަވާ މުއްދަތުގެ ތެރޭގަ އެވެ.ޒުވާނުން ގޭންގުތަކާއި ފަސޭހައިން ފައިސާ ހޯދުމުގެ ބޭނުމުގައި ގުޅޭއިރު، ބައެއް ޒުވާނުން ގުޅެނީ މަސްތުވާތެކެތީގެ ބޭނުމުގައެވެ. އަދި ބައެއް ޒުވާނުން އެކުގައި އުޅޭ އުކުވެރިންގެ ސަބަބުން ގޭންގްތަކާއި ގުޅޭއިރު ބައެއް ޒުވާނުން ‘ގަޓު’ވުމުގެ ބޭނުގައިވެސް ގޭންގްތަކާއި ގުޅެއެވެ. އަދި މައިންބަފައިންނާއި އާއިލާގެ ލޯބި ނުލިބޭތީ ބައެއް ޒުވާނުން ގޭންގުތަކާއި ގުޅޭއިރު ބައެއް ޒުވާނުންނަށް ލިބޭ ‘ދޮންފުތުކުރާ’ ލޯބީގެ ސަބަބުން ގޭންގުތަކުގައި އުޅެއެވެ
ގޭންގް ކުށްތައް އިތުރުވާން ފެށުމުން އެކަން ހުއްޓުވަން2010 ގައި ހާއްސަ ގާނޫނެއް ވުޖޫދަށް ގެނަ އެވެ.ގާނޫނުގައި ގޭންގް މާނަކޮށްފައިވަނީ ތިން މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުން އެކުވެގެން އުފައްދާ، އެ ޖަމާއަތެއް ނުވަތަ އެ ގްރޫޕެއްގެ މައިގަނޑު ހަރަކާތެއްގެ ގޮތުގައި ޖިނާއީ ކުށްކުރުން ހިމެނޭ ޖަމާއަތްތަކާއި ގްރޫޕްތަކަށެވެ. ގޭންގްތަކުން ހިންގާ އަމަލުތަކަކީ ކުށެއް ކަމަށް ގާނޫނުގައި ބަޔާންކޮށް، ގޭންގްތަކުގެ މެމްބަރުކަން ކުރުމާއި ލީޑަރުކަން ކުރުމަކީ ކުށެއް ކަމަށް ގާނޫންގައި ބަޔާންކޮށްފައި އެބަ އޮތެވެ. ގޭންގްތަކަށް މީހުން ރެކްރޫޓް ކުރުމާއި ގޭންގްތަކަށް މީހުން ވެއްދުމާއި ގޭންގްތަކަށް ފައިސާ ޚަރަދު ކުރުމާއި ގޭންގްތަކުގެ ނިޝާންތަކާއި ކުރެހުންތައް އުފެއްދުމާއި އާންމުކުރުމަކީ ވެސް ކުށެކެވެ. އެ ކުށްތަކަށް އެކަށީގެންވާ އަދަބުތަކެއް ވެސް ގާނޫނުގައި ހިމަނާފައި އެބަ އޮތެވެ. އެ ގާނޫނާއެކު ގޭންގުތައް ހުއްޓި އަމާން މުޖްތަމައުއަށް ބިނާކުރެވޭނެކަމަށް ހީކުރެވުނަ ނަމަވެސް މިއަދާ ޖެހެންދެންވެސް އެކަމުގެ އެއްވެސް އަލި މަގެއް ފެންނާކަަށް ނެތެވެ.
ދިވެހި ޒުވާނުންގެ އުޅުމާއި ގުޅުމަށް ބަލާއިރު ފެންނަނީ ކުރިންވެސް ދެންނެވި ފަދައިން ޖިނާޢީ ކުށްތަކުގައި ޒުވާނުންގެ އަގުހުރި ވަގުތުތައް ހޭދަކުރަމުންދާތަނެވެ. އިންސާނާ ހުރިހާ ކުށަކަށް އަރައިގަތުމަށް އެންމެ ބޮޑު ހިތްވަރެއްލިބޭ މަސްތުވާތަކެތީގެ ޝިކާރައަކަށް ދިވެހި ގިނަ ޒުވާނުން ވެފައިވާ އިރު ދިވެހިންގެ މަސައްކަތުން ހޯދާ އަގުބޮޑު މުދަލާއި ފައިސާއިން ވައްކަންކޮށް އެތަކެތި ފޭރުމުގައި ދިވެހި ޒުވާނުންގެ ގިނަބަޔަކު ބައިވެރިވެއެވެ. އަދު އެފަދަ ޒުވާނުންނާމެދު ޝަރީޢަތްކުރެވި ގިނަ ޒުވާނުންތަކެއް ދިގު މުއްދަތަކަށް ޖަލަށްލެވޭ މަންޒަރު ފެނިގެން އެބަދެއެވެ. މިއީ ޤައުމެއްގެ ހައިސިއްޔަތުން ވަރަށް ފުންކޮށް ވިސްނައި ޒުވާނުންގެ އަވަސް ހެޔޮ ބަދަލެއް ގެންނަން ޖެހިފައިވާ ކަންތައްތަކެވެ.
ޒުވާނުންނަކީ މުޖްތަމައުއަށް ފައިދާހުރި ހަރުދަނާ ބަޔަކަށް ހެދުމަށްޓަކައި އެންމެ އާދައިގެ ރައްޔަތުމީހާ އިން ފެށިގެން ގައުމުގެ ވެރިމީހާވެސް މިއަދު މިވަނީ މަސައްކަތްކުރަންޖެހިފައެވެ.ކުށުގެ ވެއްޓެއް އުފެދިގެން އަންނައިރު އެކަން ހުއްޓުވުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަމުގައި ދެކި އެކަމާއި ދެކޮޅަށް އަޑު އުފަލަންޖެހެއެވެ. ތިމާ ލޯބިވާ މީހުން ދިފާޢުކޮށް އެމީހުންނަށް ނުބައި މެސެޖެއް ދިނުމުގެ ކުރިން އެމީހުން އެ ނުބައިކަމުން ސަލާމަތްކުރަން ނިކުންނަޖެހެއެވެ.ރަގަޅު ޒުވާން ޖީލެއް ބިނާކުރުމަކީ ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ