English Edition
Dhivehi Edition

މެކްސިކޯ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި 13 މީހުން މަރުވެ، 8 މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މި ހަމަނުޖެހުންތައް ހިނގާފައިވަނީ މެކްސިކޯގެ އުތުރުން އޮންނަ ނުއެވޯ ލިއޯން ސްޓޭޓުގައި ހުންނަ ޖަލެއްގައެވެ.

ހަމަނުޖެހުންތައް ހިނގަން މެދުވެރި ސަބަބެއް ކަމަށްވަނީ ޖަލުގެ ދެގޭންގެއްގެ ދެމެދުގައި އަންގާރަ ދުވަހު ހިނގި ހަމަނުޖެހުމެކެވެ. އަންގާރަ ދުވަހު ހެނދުނު ހިނގި އެ ހަމަނުޖެހުން ވަގުތުންވަނީ ކޮންޓްރޯލް ކޮށްފައެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ހަމަނުޖެހުން އުފެދުނީ ގައިދީން ތަކެއް ޖަލުގެ ތެރޭގައި އަލިފާން ރޯކޮށްލުމުގެ ސަބަބުންނެވެ.

މި ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 250 ގައިދީންވަނީ ޖަލުބަލަހައްޓާ މީހުންނާ ދިމާކޮށް ކުރިމަތިލުންތަކެއް ހިންގައިފައެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ޖަލުބަލަހައްޓާ މީހުންނަށް ޖެހުނީ ގައިދީންނާ ދެކޮޅަށް ފުރިހަމަ ބާރު ބޭނުންކޮށްފައި ކަމަށް އެ ސްޓޭޓުގެ އޮފިޝަލަކު މައުލޫމާތު ދެއެވެ.

މި އަލިފާންގަނޑުގެ ސަބަބުން ގައިދީ އަކު ވަނީ މަރުވެފައެވެ. އެއާއެކު ގައިދީން ވަނީ ޖަލު ބަލަހައްޓާ ތިން ގާޑުން ރަހީނު ކޮށްފައެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން އެ މީހުންނާ ވާހަކަ ދައްކަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. މިކަމާ ގުޅިގެން ގައިދީންގެ އައިލާ އަދި ދަންނަ ރައްޓެހިން ވަނީ އެ ޖަލުގެ ބޭރުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކޮށްފައެވެ.

މެކްސިކޯގެ މި ސްޓޭޓުގައި 2016 ވަނަ އަހަރު ވެސް ޖަލުގައި ހަމަ ނުޖެހުން ތަކެއް ހިނގައި، އެފަހަރު ހަމަނުޖެހުން ތަކުގައި 49 މީހުން ވަނީ މަރުވެފައެވެ.