English Edition
Dhivehi Edition

އައްޑޫސިޓީގެ ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ޑައިގްނޯސްޓިކް ކެއަރ އިން ވޯކްޕާމިޓް މެޑިކަލްސް ގެ ޚިދުމަތް އަންނަ ހަފްތާއިން ފެށިގެން ލިބޭނެ ކަމަށް އެ ސެންޓަރުން ބުނެފިއެވެ.

އެއިމްސް އިން އަލަށް ތައާރަފް ކުރި ޚިދުމަތް ތަކާ ބެހޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން އެއިމްސްގެ މެނޭޖަރ ޙަސަން ޝަހުނީމް ވިދާޅުވީ އާ، ގިނަ ޚިދުމަތްތަކެއް އެއިމްސް އިން ފަށާއިރު އޭގެ ތެރެއިން ވޯކްޕާމިޓް މެޑިކަލްސް ގެ ޚިދުމަތް އަންނަ ޑިސެމްބަރ 16 ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށެވެ.

އައްޑޫގައި މި ޚިދުމަތް މިވަގުތު ދެމުން އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އެކަންޏެވެ. އެހެންކަމުން ހިތަދޫ ނޫން އެހެން ރަށްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ތެރެއިން ވޯކްޕާމިޓް މެޑިކަލްސް ހައްދަން ބޭނުންވާ ފަރާތްތަކަށް މިއީ ލިބިގެން ދާނެ ލުއިފަސޭހައެކެވެ.

ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނަ އަދި އާންމުންގެ މެދުގައި މަގުބޫލު ކުލިނިކެއް ކަމުގައިވާ އެއިމްސް އިން ދާދި ފަހުން ވަނީ ވަރަށް މުހިއްމު ޚިދުމަތެއްވެސް ތައާރަފްކޮށްފައެވެ. ރާއްޖޭގައި މަސައްކަތް ކުރައްވަވާ ނަން މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ އެތެރެ ހަށީގެ ޚާއްޞަ ޑޮކްޓަރ ޑރ އަބްނާ ރިވާސް އަބޭޖޯ ވަނީ މި ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެއިމްސް ކުލިނިކްގައި ސްޕެޝަލިސްޓެއްގެ ގޮތުގައި މަސައްކަތް ފައްޓަވާފައެވެ. މި ޑޮކްޓަރަކީ އޭޑީކޭއާއި ޓްރީޓޮޕް ގައި ވެސް މަސައްކަތް ކުރެއްވެވި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެކެވެ.

އާންމުންނަށް ބޭނުންވާ ހުރިހާ މުހިއްމު ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީ އާއި އެއްގޮތަށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ އެއިމްސް ކުލިނިކަކީ ހިތަދޫ ފިޔަވައި އައްޑޫގެ އެހެން ހުރިހާ ރަށެއްގެ ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ މަގުބޫލު ކުލިނިކެކެވެ.

ދާދި ފަހުން ހެލްތު މިނިސްޓަރ އައްޑޫއަށް ކުރެއްވެވި ދަތުރުފުޅުގައި ވެސް ވަނީ އެއިމްސް އަށް ޒިޔާރަތް ކޮށް އެތަނުގައި ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަކީ ކޮބައިތޯ ބަލައި އެކަންތައްތަކަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވަވާނެ ކަމަށް ވިދާޅުވެފައެވެ.

އައްޑޫސިޓީގެ ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަށް އެންމެ އެދެވޭ ރަނގަޅު ގޮތުގައި ފޯރުކޮށް ދިނުމަށް އެއިމްސް ހެލްތް ކެއާރ ސެންޓަރުން އައްޑޫ ސިޓީގެ ފޭދޫގައި ހުޅުވައިގެން ކުރިއަށް ގެންދާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ހެޕީމާކެޓް މުޙައްމަދު ނަޢީމުގެ ބޮޑު ހިއްސާއެއް އޮންނަ ތަނެކެވެ.