English Edition
Dhivehi Edition
އެއިމްސް ކްލިނިކް

އައްޑޫސިޓީ ފޭދޫގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ އެއިމްސް ކުލިނިކުން ކޮވިޑް 19 ގެ ޓެސްޓު ހެދުމަށްޓަކައި ބޭނުންވާ ހުއްދަ ސަރުކާރުން ނުލިބުނު ކަމަށް އެއިމްސް ގެ މެނޭޖިންގ ޑައިރެކްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. އެކްލިނިކުން މިކަމުގެ ހުއްދައަށް އެދުނުތާ ހަފްތާއެއް ވެފައިވާ އިރު މިކަން ގޮސްފައިވާ ހިސާބެއް ބެލުމަށް އެއިމްސް އިން ގުޅުމުން ހެލްތް މިނިސްޓްރީން ވަނީ ހުއްދަނުދޭން ނިންމިކަން އަންގާފައެވެ.

އަނގަބަހުން ފޯނުން މިގޮތަށް ޖަވާބު ދެއްވި ކަމުގައިވިޔަސް އަދި ރަސްމީ ސިފައެއްގައި މިކަމުގެ ޖަވާބު ލިބިފައެއް ނުވެއެވެ.

އަޅުގަނޑުމެން ޓެސްޓު ހުއްދައަށް އެދުނުތާ ހަފްތާއެއްވީއިރުވެސް އެއްވެސް ޚަބަރެއްނުވޭ. މިކަހަލަ ކަންކަމަށް އެދުނީމަ އިންސްޕެކްޝަން ތަކާ އެއްޗިހި ދާނެ. އޭގެ އެއްވެސް ކަމެއް ކުރިއަށް ނުދާތީ ގުޅީ. ގުޅުމުން ލިބުނީ ހުއްދަނުދޭން ނިންމިކަން.” ނޭނގެ އެވީ ގޮތެއް ހަމަ އެއް ގޮތަކަށްވެސް. އައިޖީއެމްއެޗްގަވެސް ޓެސްޓު ކުރާ ފެންވަރުގެ ހަމަ އޭގެ މެޝިނެއް އަޅުގަނޑުމެން އަތުގަ ވެސް ހުރީ.

އެއިމްސް ގެ މެނޭޖިންގ ޑައިރެކްޓަރ ޢަލީ އިޙްސާން

އެއިމްސް އިން ހެލްތް މިނިސްޓްރީއަށް ކޮވިޑް ޓެސްޓުގެ ހުއްދައަށް އެދިފައިވާ މިދަނޑިވަޅުގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކު ޢަޒީޒު ވިދާޅުވީ އެއިމްސް އިން އެދިފައިވަނީ އާސަންދަ ހަމަޖެއްސުމަށްކަމަށެވެ.. އެހެންނަމަވެސް އިޙްސާން ވަނީ މަބްރޫކްގެ އެވާހަކަ ދޮގު ކުރައްވާފައެވެ.

 

އަޅުގަނޑުމެން އާސަންދައަށް ލިޔަސް ލާނީ ހެލްތު މިނިސްޓްރީ އިން ހުއްދަ ލިބުމުން އެހުއްދައާއެކު. އާސަންދައަކަށް އަދި ނޭދެން. ހެލްތް މިނިސްޓްރީއަށް އެޑްރެސްކޮށް ޓެސްޓް ކުރުމުގެ ހުއްދައަކަށް މިއެދުނީ.

އެއިމްސް ގެ މެނޭޖިންގ ޑައިރެކްޓަރ ޢަލީ އިޙްސާން

އެއިމްސް ގެ މެނޭޖިން ޑައިރެކްޓަރ ޢަލީ އިޙްސާން

އެއިމްސް އިން އެދިފައިވަނީ ކޮވިޑް 19 ގެ އެންޓި ބޮޑީ ޓެސްޓު ހެދުމުގެ ހުއްދައަށެވެ. މިހާތަނަށް އަދި އައްޑޫގައި މިބައްޔަށް ހަދާ ޓެސްޓުވެސް އަދި ބަލިޖެހި ރަނގަޅުވެފައިވޭތޯ ބެލުމުގެ އެންޓި ބޮޑީ ޓެސްޓުވެސް ހެދޭކަށް ނެތެވެ. އެއިމްސް އިން މިފަދަ އިސްނެގުމެއް ނެގީވެސް ނުރައްކާތެރި މިބަލިން ސަލާމަތް ވުމުގައި އައްޑޫސިޓީގެ ރައްޔިތުންނަށް ފަސޭހަ މަގެއް ހޯދައިދީ އަވަހަށް ބަލި ދެނެގަނެވި ފަރުވާ އަވަސް ކުރުމުގެ މަޤްސަދުގައި ކަމަށް އިޙްސާން ވިދާޅުވިއެވެ.

އެއިމްސް އާއި އެޕޯލޯ ހޮސްޕިޓަލް ގުޅިހެން ޓެލެހެލްތު ކެއަރ ފެށުން

އެއިމްސް އިން އާސަންދައިގެ ހުއްދައަކަށް އެދުނު އެކޮމްޕެނީގެ ހުޅުމީދޫ ގޮތްޕަށް ވެސް ވަނީ އަދި ހުއްދަ ލިބޭ ގޮތް ނުވެފައެވެ. އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދުއާއި މީދޫގެ ރައްޔިތުން ބޭސްފަރުވާއަށް އުފުލަމުންދާ ބުރައަށް ލުޔެއް ދިނުމުގެ ގޮތުން އެއިމްސް އިން އެރަށުގައި ހުޅުވި ގޮފި ފެބްރުއަރީ މަހާ ހަމައިން ހުއްޓާލަން ޖެހުނީ ވަކިން އާސަންދައަށް އެދެންޖެހޭ ކަމަށް އެންގުމާއި ގުޅިގެންނެވެ.

ފޭދޫ ކްލިނިކް ގެ އާސަންދަ ޕޯޓަލް މެދުވެރިކޮށް ބިލް ހަދަމުން ދަނިކޮށް އެހެން ނުހެދޭނެ ކަމަށް އެންގުމުން ވަކި ކްލިނިކެއްގެ ގޮތުގައި އާސަންދައަށް ހުށަހަޅައިގެން މާރޗް 3 ގައި އިންސްޕެކްޝަނވެސް ކުރިއަށް ދިޔަ. އެހެންނަމަވެސް އޭގެ ފަހުން މިއަދާ ހަމަޔަށް ވެސް އެކަމުގެ އެއްވެސް ޚަބަރެއް ނުވޭ.

އެއިމްސް ގެ މެނޭޖިންގ ޑައިރެކްޓަރ ޢަލީ އިޙްސާން

 

މިވަގުތު ރާއްޖޭގައި ކޮވިޑު-19 ޓެސްޓު ހަދަމުންދަނީ އައިޖީއެމްއެޗް އާއި ޕޮލިސް ލެބްގެ އިތުރުން އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ އޭޑީކޭގައިއެކަންޏެވެ.

މިފަދަ ކޮންމެ ކަމަކަށް އެތައް ޚަރަދުތަކެއް ކޮށް އެތައް އުއްމީދުތަކެއް ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ރައްޔިތުންގެ ބޭސްފަރުވާ އާއި ގުޅުންހުރި މި ދެ ކަމާއެކުވެސް އައްޑޫސިޓީގެ އެތައް ބަޔަކު ތިބީ އުފަލާއެކު މިކަން ބަލައިގަނެ އެކަމަށް ޝުކުރުވެރިވެފައެވެ. އެހެންނަމަވެސް ކޮވިޑް ޓެސްޓު ކުރުމާއި ހުޅުމީދޫގެ އެއިމްސް ކްލިނިކް މިވީ ރައްޔިތުންގެ ހިތުގައި ޖެހުނު ބޮޑު ލައްގަނޑަކަށެވެ.

1 ކޮމެންޓް
ހޯއު
ޖޫން 5, 2020
މިސަރުކާރަކުން އްއްޑުއަކަށް އެއްވެސް ކަމެޢްވިޔަކަ ނުދޭނެ ތިދެން ކާކުހުއްޓުވާނެ ކަމެއް