ސިޓީ ކައުންސިލްތަކަށް އަނެއްކާވެސް އިތުރު ބާރުތަކެއް ދޭން ވަޒީރުންގެ މަޖްލީހުން ނިންމައިފި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން ބައެއް ޚިދުމަތްތައް އަލުން ސިޓީ ކައުންސިލްތަކަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމީ ވަޒީރުންގެ މަޖްލީހުން މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
މިއަދު ވަޒީރުންގެ މަޖްލީހުން ސިޓީ ކައުންސިލަށް ދޭން ނިންމެވި ބާރު ތަކުގެތެރޭގައި އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިމާއި ފަރާއި ފަޅު ހޯދުމާއި، އެފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި އަދި އެފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އެ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކު ކުރުން ހިމެނެއެވެ. މީގެ އިތުރުން އާންމު ފަރުދުންނަށް ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލް ތަކާ ހަވާލު ކުރެއްވުމަށް ވަޒީރުންގެ މަޖްލީހުން ވަނީ ނިންމާފައެވެ.
އެގޮތުން، ސަރުކާރުގެ ވުޒާރާތަކަށް ދިނުމަށް، ސިޓީ ކައުންސިލުގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް، އަލުން ސިޓީ ކައުންސިލުތަކަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވަނީ އެ ވުޒާރާއަކުން ކަނޑައަޅުއްވާ އުޞޫލުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޓީ ކައުންސިލްގެ ބާރުތައް ހަނިކޮށްފައި އޮތް އޮތުމަށް ނިމުމަކަށް ގެނެސްކައުންސިލްތަކުގެ ހަނި ކުރެވިފައިވާ ބާރުތައް އަލުން ދިނުން އެއީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ވައުދެކެވެ.