English Edition
Dhivehi Edition
10 މާރިޗު 2020ގައި ބޭއްވެވި ވަޒީޜުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

“ޗާޓަރ އޮފް ދަ ކޯލިޝަން ފޮރ ޑިޒާސްޓަރ ރެޒިލިއަންޓް އިންފްރާސްޓްރަކްޗަރ” (ސީ.ޑީ.އާރ.އައި) ގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި އިއްޔެ މަޝްވަރާ ކުރައްވައި، އެ ޗާޓަރުގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

އިއްޔެ މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމެވި ޗާޓަރަކީ، ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށްޓަކައި، މޫސުމާއި ކާރިސާތަކުން އަރައިގަނެ ޤައުމުތަކުގެ އުމްރާނީ ތަރައްޤީގެ ކަންކަން ވަރުގަދަކޮށް ކުރިއެރުވުމަށްޓަކައި، ޤައުމުތަކާއި، އ.ދ ގެ އެޖެންސީތަކާއި، ޕްރޮގްރާމްތަކާއި، މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި، މާލީ އިންތިޒާމްތަކާއި، ޕްރައިވެޓް ސެންޓަރުގެ އިތުރުން އިލްމީ މަރުކަޒުތައް ހިމެނޭ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ ޕާޓްނަރޝިޕެއް ކަމަށް މިނިސްޓަރ އޮފް ޑިފެންސް މި ކަރުދާސް ހުށަހަޅުއްވަމުން ވިދާޅުވިއެވެ.

އެ ކޯލިޝަންގެ އަމާޒުތަކާ، ޑިޒާސްޓަރ ރެޒިލިއެންޓް އިންފްރާސްޓްރަކްޗަރ އަށް އިންވެސްޓްކުރުން ފަދަ ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިސްކަންދޭ ކަންކަމާ ގުޅިފައިވާތީއާއި، އެ ޗާޓަރަކީ އިންޑިއާގެ އިސްނެންގެވުމެއް ކަމުގައިވާތީ، ދިވެހިރާއްޖެއިން ވާނީ އެ ކޯލިޝަނަށް ތާއީދުކޮށް އ.ދ ގެ 74 ވަނަ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކާފައިވެއެވެ.

އެ ޗާޓަރުގެ މައިގަނޑު މަޤްސަދަކީ، އުމްރާނީ ވަސީލަތްތަކަށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް އެވަސީލަތްތައް ތަރައްޤީކުރުމާއި، މިހާރުވެސް ޤާއިމްވެފައި ހުރި އެފަދަ ވަސީލަތްތައް އެފަދައިން ބަދަލުކުރުމަށް ބާރުއެޅުމެވެ. އަދި އެ ޗާޓަރުގެ މަޤްސަދުތަކާއި، ތަސައްވުރާއި، ލަނޑުދަނޑިތައް ފަރުމާކޮށްފައިވަނީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޕެރިސް އެއްބަސްވުމުގައި ހިމެނިފައިވާ ބައެއް ކަންކަމާއި، ސެންޑައި ފްރޭމްވޯކް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގައިވާ ކަންކަމާއި، އ.ދ. ގެ އެޖެންޑާ 2030 ގައިވާ ކަންކަން ހާސިލް ކުރުމަށް ބާރުއެޅޭނެ ފަދަ ގޮތަކަށެވެ.

އެ ޗާޓަރުގެ ތެރެއިން، ކާރިސާތަކާ ކުރިމަތިލުމަށް ގައުމުތަކުގައި ހުރި ޤާބިލްކަން ވަރުގަދަކޮށް، ގައުމުތަކުގެ މެދުގައި މައުލޫމާތާއި ފަންނީ ގާބިލުކަން ބަދަލުކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން އެ ޗާޓަރުގައި ބައިވެރިވުމަށް ނިންމެވިއިރު އިއްޔެ އަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހެވެ.