English Edition
Dhivehi Edition
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި ޚިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހު އެ ބޭފުޅުންގެ ލަފާފުޅާއެކުގައެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައި ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި 2019 ސެޕްޓެންބަރު 23 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، އަދި ބޭނުންކުރުން 2023 ގެ ނިޔަލަށް ހުއްޓާލުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ވަނީ “ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން” އެއް އެކުލަވާލާފައެވެ. މީގެ އިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގެ “ޖަޒީރާ ދިރިއުޅުން” ބައިގެ “ކުންޏަކީ ވަޞީލަތަކަށް ހެދުން،” މި ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު މަދުކުރުމުގައި އަމަލުކުރާނެ ސިޔާސަތުތައް އެކަށައަޅާފައިވެއެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭންގައި ހިމެނޭ ސިޔާސަތުތައް ތަންފީޒުކުރަން ފެށުމުން ރާއްޖެއަށް މިހާރު އެތެރެކުރާ ޕުލާސްޓިކުގެ ބައެއް ބާވަތްތައް އެތެރެކުރުން ހުއްޓާލެވޭނެއެވެ. ހަމައެހެންމެ، ރާއްޖޭގައި ކުނީގެ ގޮތުގައި އުފައްދާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކުގެ މިންވަރު މަދުކޮށް، މި ބާވަތުގެ ކުނީގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވިގެންދާނެއެވެ. އަދި، މީގެ ސަބަބުން ތިމާވެށްޓާ ރަޙުމަތްތެރި އުފެއްދުންތައް ތަޢާރުފުކުރުމަށާއި ދެމެހެއްޓެވި ވެށްޓެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.