English Edition
Dhivehi Edition

ދައުލަތަށް ގެއްލުންވާ ގޮތަށް ހަދާފައިވާ އެގްރިމެންޓްތައް މުރާޖައާ ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި އެމަސައްކަތް ފަށާފައިވާކަމުގައި، ބަންޑާރަނައިބުގެ އޮފީހުން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުތައް ފުއްދަން ކުރާ މަސައްކަތްތަކާ ގުޅޭ ގާނޫނީ އޮނިގަނޑާ ބެހޭ ބައެއް މައުލޫމާތު ހާމަކޮށް އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެއްބަސްވުންތައް މުރާޖާކޮށް އަލުން މަޝްވަރާކޮށް ބަދަލު ގެނެވޭނެ ފުރުސަތު އޮތްތޯ ބަލަން ކަމާ ބެހޭ އިދާރާތަކާ ގުޅިގެން، އެ ކޮމިޓީން މަސައްކަތް ކުރާނެ ކަމަށެވެ.

އެ ގޮތުން ދިވެހި ދައުލަތް ދަރަނިވެރިވާ ގޮތަށް ނުވަތަ ޤާއުމުގެ ސިޔާދަތަށް ގެއްލުންވާގޮތަށް ނަގާފައިވާ ލޯނުތަކާއި ކޮންޓްރެކްޓްތައް މުރާޖަޢާކޮށް އަލުން ރީނެގޯޝިއޭޓް ކުރެވޭނެ ތަނެއް އޮތްތޯ ބެލުމަށްޓަކައި، ކަމާއި ބެހޭ އެހެން ވުޒާރާތަކާއި ގުޅިގެން ކުރިޔަށް ދިޔުމަށް ކޮމިޓީއެއް އެކުލަވާލައި އެމަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

މިގޮތުން ކަމާއި ގުޅޭ އެއްބަސްވުންތައް މުރާޖަޢާ ކުރުމަށްފަހު، އެ އެއްބަސްވުންތަކަށް ވާޞިލް ވުމުގައި ޤާނޫނުތަކާއި ޤަވާއިދުތަކުގައި ކަނޑައަޅާފައިވާ އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ބެލުމަށް ނިންމާފައި ވާކަމުގައިވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވެއެވެ.

އަދި އެއެއްބަސްވުން ތަކުގެ ތެރެއިން ޤައުމުގެ ސިޔާދަތަށް ގެއްލުންވާގޮތަށް އެކުލަވާލައި ސޮއެކޮށްފައިވާ އެއްބަސްވުންތަކެއްވާނަމަ، އަލުން އެއްބަސްވުންތައް ރީ ނެގޯޝިއޭޓް ކުރުމަށް ފުރުޞަތު އޮތް މިންވަރެއް ދެނެގަނެ، އެފުރުޞަތު އޮތް އެއްބަސްވުންތައް އިސްލާޙު ކުރެވޭނެ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނީ، އެކަމަށްޓަކައި އެކުލަވާލި ކޮމިޓީން ކުރަންޖެހޭ މަސައްކަތް ތަކުގެ ތެރޭގައި މިހާތަނަށް ފާހަގަކުރެވިފައިވާ އެއްބސްވުންތަކުގެ ތެރޭގައި، ލޯނު އެއްބަސްވުންތަކާއި ސޮވެރިން ގެރެންޓީގެ އެއްބަސްވުންތަކާއި، ހައުސިންގ އަދި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓާއި ގުޅޭ އެއްބަސްވުންތަކާއި ޓޫރިޒަމް ދާއިރާގެ އިންވެސްޓްމަންޓްތަކާއި ގުޅޭ އެގްރީމެންޓްތައް ހިމެނޭ ކަމަށެވެ.

ދިވެހިދައުލަތަށް ނުކަތާ ވަރުގެ ބޮޑު ދަރަންޏެއް އޮތް ކަމަށް ސިޔާސީ ބޭފުޅުންނާއި ފަންނީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. މިގޮތުން ދައުލަތުގެ ދަރަނި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 އިންސައްތައަށް ވުރެ މައްޗަށް ގޮސްްފައެވެ. އަދި ދައުލަތުގެ ދަރަނި 57 ބިލިއަނަށް އަރާއިރު، އޭގެ ތެރެއިން 21 ބިލިއަނަކީ ޗައިނާއަށް ރާއްޖެ ދަރާފައިވާ ދަރަންޏެވެ.