English Edition
Dhivehi Edition

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުގެ ދަށުން ފޯރުކޮށްދެމުން އައި ބައެއް ޚިދުމަތްތައް އައްޑޫސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.

މިމަސައްކަތްތައް ކައުންސިލާ ހަވާލުކޮށް އައްޑޫސިޓީކައުންސިލަށް ފޮނުވި ސިޓީގައި ވަނީ، ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގަމުންއައި ބައެއް މަސައްކަތްތައް ކައުންސިލާއި ހަވާލުކޮށް، އެޙިދުމަތްތައް ދިނުމަށް މިނިސްޓްރީން ބޭނުންކުރި ތަންތަނާއި، ވަސީލަތްތަކާއި އެއްބަސްވުންތައް އައްޑޫސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް އަންގާފައެވެ.

މިގޮތުން ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށަށް ބަދަލުކުރެވުނު މަސައްކަތްތަކަކީ:

  1. ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން.
  2. ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ ބިމާއި ސިޓީ ކައުންސިލްގެ ސަރަޙައްދުތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރުމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އަވަށު އޮފީސްތަކުގެ މަޝްވަރާއާ އެއްގޮތަށް ޕްލޭނެއް އެކުލަވާލުން.
  3. މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން.
  4. ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުން.
  5. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށް ގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމުތޮށްޓާއި ކަނޑުތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން.
  6. ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާއި ލޭންޑް ޔޫސް ޕްލޭނާއި ތަޢާރުޟުނުވާ ގޮތުގެމަތިން ބިމާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތަކަށް ބިން ދޫކުރުމާއި ބިމާއި ޢިމާރާތްތައް ރަޖިސްޓަރީކުރުމާއި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން އެކިއެކި ފަރާތްފަރާތުން ބިންބިމާއި ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތްތަކުގެ ރެކޯޑުތައް ބެލެހެއްޓުން.
  7. މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.
  8. މަގުމަތީގައި ފެންހިންދުމަށް ހަދާފައިވާ ކާނުތައް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  9. ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.
  10. ޕެސްޓް ކޮންޓްރޯލް
  11. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުން.
  12. އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.

ހައުންސިންގ ގެދަށުން ހިނގަމުން އައި މިމަސައްކަތްތައް ކައުންސިލްގެ ދަށަށް ބަދަލުވިކަމުގައިވިޔަސް އެއްވެސް ޙިދުމަތަކަށް ބުރޫ ނާރައި އެޚިދުމަތްތައް ދެމުންގެންދިޔަ އޮފީސްތަކުން ޚިދުމަތް ލިބޭނެ ކަމަަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.