English Edition
Dhivehi Edition

“ބިންވެރިޔާ ސްކީމް” ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ދާއިމީ ލިސްޓް ސަރުކާރުން ރޭ އިޢުލާނު ކުރައްވައިފިއެވެ.

ދާއިމީ ލިސްޓް މިހާރު ވަނީ، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ވަނީ، “ބިންވެރިޔާ ސްކީމް” ގެ ދާއިމީ ލީސްޓް އެކުލަވާލި ގޮތުގެ މަޢުލޫމާތު ނޫސްވެރިންނާ ޙިއްޞާކުރައްވާފައެވެ.

މިގޮތުން އެމަނިކުފާނު ހާމަކުރެއްވި ގޮތުގައި ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި މި ޙަފްތާ ތެރޭގައި ގުރުއަތު ނެގުމަށް ހަމަޖަހިފައިވާ ކަމަށާއި، ގުރުއަތު ނެގުމަށްފަހު ހުޅުމާލެއިންނާއި ގުޅީފަޅުން ދިނުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ އިންވަކިކުރުމުގެ މަސައްކަތް ފެށިގެން ދާނެއެވެ.

“ބިންވެރިޔާ ސްކީމް” ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ރޭ އިޢުލާނު ކުރި ލިސްޓްގައި ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު، މިހާރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށެވެ.

ރޭ ސަރުކާރުން އިޢުލާނުކުރި ދާއިމީ ލިސްޓު ޝާއިޢުކޮށްފައިވަނީ ޝަކުވާ ހުށައެޅުމަށް ވަކި މުއްދަތެއް ކަނޑައެޅުމަށް ފަހުގައެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެ ވަޑައިގެންނެވި ގޮތަށް މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ “ބިންވެރިޔާ” ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.