އައޑޫސިޓީގެ ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ޑައިގްނޯސްޓިކް ކެއަރ އިން ޑެންޓަލް ފަރުވާ ދިނުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެފިއެވެ.
މުޅިން އަލަށް އެ ސެންޓަރުގައި ފަށާ މި ޚިދުމަތަށް ބޭނުންވާ އެންމެ ފަހުގެ އާލާތްތަކާއެކު ޑެންޓަލް ރޫމް ވަނީ މުޅިން ތައްޔާރުކޮށް ނިމިފައެވެ.
މި ޚިދުމަތާ ބެހޭ ގޮތުން “އޭއޯނިއުސް” އަށް މައުލޫމާތު ދެއްވަމުން އެސެންޓަރުގެ މެނޭޖަރ ޙަސަން ޝަހުނީމް ވިދާޅުވީ ޑެންޓަލް ޚިދުމަތަށް އެއިމްސް އިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި ވަރަށް އަވަހަށް ޚިދުމަތް ފެށިގެން ދާނެ ކަމަށެވެ.
“މި ހާރު ސެޓަޕް އެއްކޮށް ނިމިފައި މިވަނީ. އެއިމްސް ގައި ދަތުގެ ފަރުވާ ދެއްވުމަށް މަސައްކަތް ކުރައްވަވާނީ އިންޑިޔާގެ ޑޮކްޓަރެއް. އެއީ ދިވެހިންގެ މެދުގައި މަޝްހޫރު ދަތުގެ ޑޮކްޓަރެއް. މިހާރު ޑޮކްޓަރ ރާއްޖޭގައި އެބަހުންނެވި. އެހެންވީމާ ހުރިހާ ކަމެއް ގާތްްގަނޑަކަށް ނިމިފައި މިހިރީ” ޝަހުނީމް ވިދާޅުވިއެވެ.
އެއިމްސް އިން ޑެންޓަލް ޚިދުމަތް ފަށާއިރު އައްޑޫގައި މި ޚިދުމަތް ،ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި އަބުހަރީ މެޑިކަލްސްގެ އިތުރުން އައިއެމްޑީސީ ހޮސްޕިޓަލުން ދެއެވެ. ނަމަވެސް މި ހުރިހާ ތަނެއްވެސް ހުންނަނީ ހިތަދޫގައި ކަމުން އެއިމްސް ގައި ދެވޭ ދަތުގެ ޚިދުމަތަކީ ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއްކަން ޔަގީނެވެ. ހަމަ އެއާއެކު ހުޅުމީދޫގައި ވިޒިޓިން ޑޮކްޓަރ އެއްގެ ގޮތުގައި ދޭތެރެ ދޭތެރެއިން ޑރ ޑީޑީގެ ކުލިނިކުން ފަރުވާ ދެމުންއަންނަ ނަމަވެސް ދާއިމީ ގޮތެއްގައި ދަތުގެ ފަރުވާ ލިބޭނެ ފަދަ ގޮތަކަށް އެއިމްސް އިން ހުޅުވާލާ ޚިދުމަތާއެކު ހުޅުމީދޫގެ ރައްޔިތުންނަށް ވެސް ލުއިފަސޭހަތަކެއް ލިބިގެން ދާނެއެވެ.
އައްޑޫސިޓީގެ ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަށް އެންމެ އެދެވޭ ރަނގަޅު ގޮތުގައި ފޯރުކޮށް ދިނުމަށް އެއިމްސް ހެލްތް ކެއާރ ސެންޓަރުން އައްޑޫ ސިޓީގެ ފޭދޫގައި ހުޅުވައިގެން ކުރިއަށް ގެންދާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ހެޕީމާކެޓް މުޙައްމަދު ނަޢީމުގެ ބޮޑު ހިއްސާއެއް އޮންނަ ތަނެކެވެ.