English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ ރެއާލްމެޑްރިޑް އާއި ހުއެސްކާ ބައްދަލުކުރި މެޗުގައި ގަރެތު ބޭލް ކާމިޔާބުކޮށްދިން ހަމަ އެކަނި ލަނޑުން ރެއާލް މެޑްރިޑް އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ރޭ ހުއެސްކާ އާއި ރެއާލް ބައްދަލު ކުރި މިމެޗު ހުއެސްކާގެ ދަނޑުގައި ރެއާލް ކާމިޔާބުކުރީ މެޗުގެ 8ވަނަ މިނެޓްގައި ބޭލް ކާމިޔާބުކުރި ގޯލާއި އެކު 1-0 ލަނޑުންނެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ސަންޓިއާގޯ ސޮލާރީ ވަނީ އޭނާގެ ޓީމަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ.

ސޮލާރީ ބުނީ މެޗުގައި އެނާގެ ޓީމް ދެއްކި ކުޅުމާއި މެދު ވަރަށް ބޮޑަށް ހިންހަމަ ޖެހޭ ކަމަށާއި ރޭގެ މެޗުގައި އޭނާގެ ޓީމަށް ދިމާވި ހަމަ އެކަނި މައްސަލައަކީ މޫސުމުގެ މައްސަލަކަމަށެވެ.

“މެޗުގެ އޮއިވަރު ބަދަލުކޮށްލީ ވައިގެ ސަބަބުން އެހެން ނޫންނަމަށް އަހަރުމެން އަބަދުވެސް ކުޅޭ ރީތި ފުޓްބޯޅަ ރޭގެ މެޗުގައި ވެސް ފެނިގެންދާނެ”ސޮލާރީ ބުންޏެވެ.

ރޭގެ މޮޅާ އެކު 15 މެޗުން 26 ޕޮއިންޓް ހޯދައި ލީގުގެ ހަތަރު ވަނައަށް ރިއަލް ޖެހިލާފައި ވާއިރު ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އޮތީ 15 މެޗުން 31 ޕޮއިންޓު ހޯދައިގެންނެވެ.

ރެއާލް ދެން ކުޅޭ މެޗުގައި ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ނުކުންނާނީ ރަޝިއާގެ ސީއެސްކޭއޭ މޮސްކޯއާ ދެކޮޅަށެވެ.