ދެކުނުގެ ހަތަރު އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވަނިކޮށް އިއްޔެއާއި ރޭ ވެހުނު ވާރޭގެ ސަބަބުން އައްޑޫގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
އިއްޔެ މެޓް އޮފީހުން ވަނީ ދެކުނަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައެވެ. އަދި ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ވެސް ލަފާކޮށްފައި ވެއެވެ. އެގޮތުން ރެއާއި މިއަދު ގަދަ ވަޔާއެކު އައްޑޫގެ އެކި ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވެއެވެ. އެއިގެ ސަބަބުން ހިނގާބިނގާ އުޅުމަށް ދަތިވާވަރަށް މަގުތަކުގައި ފެން ބޮޑުވެފައި ވެއެވެ. އަދި މިވިއްސާރައާއި ގުޅިގެން ބައެއް ސްކޫލްތަކުގެ އިތުރު ހަރަކާތްތައްވެސް ކެންސަލް ކޮށްފައިވެއެވެ.
އައްޑޫގެ މަގުތަކަކީ ވާރޭ ވެހޭއިރަށް ފެންހެދި ދަތުރުފަތުރަށް އެއިގެ އަސަރުކުރާ ފެންވަރުގައި ހުރި މަގުތަކެކެވެ. އަދި އެމަގުތައް އެމް.އާރު.ޑީސީން ދޭތެރެ ދޭތެރެއިން ހެދި ނަމަވެސް ގިނަ އަދެދެއްގެ ވެހިކަލްތައް ދުއްވަމުންދާތީ މިމައްސަލައަށް ހައްލެއް ހޯދިފައި ނުވެއެވެ.
އައްޑޫގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމަށް ފާއިތުވެ ދިޔަ ހުރިހާ ސަރުކާރުތަކުން ވާހަކަ ދައްކާފައި ވީނަމަވެސް އެކަމަށް އެކަށީގެންވާ އަމަލީ ސިފައެއް މިހާތަނަށް ގެނެވިފައި ނުވެއެވެ. އެހެންނަމަވެސް ދާދި ފަހުން ސަރުކާރުން ވަނީ އައްޑޫއާއި ފުވައްމުލަކުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް އެމްއާރޑީސީ އާއި ހަވާލުކޮށްފައެވެ. އަދި އެމަސައްކަތަށް ބޭނުންވާ ސަމާނު މިހާރު އެދެއަތޮޅަށް ފޮނުވާފައިވާކަމަށް އެފަރާތުން ބުނެފައިވެއެވެ.
ވާރޭވެހޭއިރަށް މަގުތަކުގައި ފެންބޮޑުވުމަކީ ރައްޔިޔުންގެ ބޮޑު ކަންބޮޑުވުމެކެވެ. މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުން ކުރިއަށް އޮތް ދެތިން ދުވަހުވެސް ދެކުނަށް މޫސުން ގޯސްވާނެއެވެ. އެހެންކަމުން ރައްޔިތުން އެކަމަށް ސަމާލުވުމަށް އިއުތިމާސް ކޮށްފައިވެއެވެ.