އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ނިންމަވައިފިއެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުއާދު ވާދަކުރެއްވުމަށް ނިންމަވާފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ ގޮނޑިއަށެވެ.
“އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް އަޅުގަނޑު ގަސްތުކުރާތީވެ، އެ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ އަރިހުގައި ދެންނެވީމެވެ..،” މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާކަން އިއުލާންކުރެއްވުމަށް ފުއާދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވިއިރު އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ކުރެއްވި ފުއާދު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ނުކުންނަވާއިރު، ރާއްޖޭގެ ސިޔާސީ ދާއިރާގައި ނަން މަޝްހޫރު އިސް ބޭފުޅުންތަކެއް ވެސް ވަނީ އެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފަ އެވެ.
އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު އަދި މިހާރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު މުހައްމަދު ނާޒިމް އަދި ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް ހިމެނިވަޑައިގަންނަވަ އެވެ
މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވީ އަބްދުﷲ ސިނާނެވެ. ޕީޕީއެމް އިން ވަކިވުމަށްފަހު ސިނާން އަދި ހުންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައެވެ