English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވާ ތާރީހު އަވަސްކުރެވޭކަށްވެސް އަދި ލަސްކުރެވޭކަށްވެސް ނެތް ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އެ ކޮމިޝަނުން ވަމުންދާ ތައްޔާރީތަކާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ފުއާދު ވިދާޅުވީ މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު ކަނޑައެޅުމުގައި ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަށް ބަލާފައިވާނެ ކަަމަށެވެ. މި ގޮތުން އިލެކްޝަންސް ކޮމިޝަނުން ބެލީ ރަމަޟާންމަހު އިންތިހާބު ބާއްވާނަމަ ރައްޔިތުންނަށް އެންމެ ފަސޭހަވާނެ ގޮތެއް ކަމަށެވެ.

މިގޮތުން ރަމޟާންމަހުގެ ފަހު 10 އަކީ އެންމެންވެސް އަޅުކަމަށް ވަގުތު ހާއްސަކުރާ ދުވަސްވަރެއްކަމުގައި ފުއާދު ވިދާޅުވިއެވެ. އަދި ސަރުކާރުން ފަހު 10 ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅާފައި ވަނީވެސް އެބޭނުމުގައި ކަމުން, ފަހު 10 ގައި އިންތިހާބު ބޭއްވުމުން ބަންދު ދުވަސްތަކުގެ ބޭނުން ކެނޑި ރައްޔިތުންނަށް ވަރަށްބޮޑަށް ދަތިވާނެކަމަށް ގަބޫލުކުރައްވާ ކަމުގައި ފުއާދު ވިދާޅުވިއެވެ.

މީގެ އިތުރުން ފުއާދު ތައުފީގު ވިދާޅުވީ ޤާނޫނަށް ބަދަލުނުގެނެސް އިންތިހާބު ބާއްވާ ދުވަސް އަވަސްކުރެވެންވެސް އަދި ލަސްކުރެވެންވެސް ނެތްކަމަށެވެ. ރަމަޟާންމަހުގައި ވޯޓްލުން ބޭއްވޭތީ ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ވޯޓްފޮށިތައް ގިނަކޮށް ކޮންމެ ފޮށްޓަކަށް އެންމެ ގިނަވެގެން 500 މީހުން ވޯޓްލެވޭނެގޮތަށް ބަދަލު ކުރުމަށް އީސީ އިން ވަނީ ނިންމާފައެވެ.