އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔުޑީސީ) ފަދަ ރައްޔިތުންގެ ތަރައްގީއަށްޓަކައި މަސައްކަތް ކުރާ ކޮމެޓީތަކަށް ދައުލަތުގެ ބަޖެޓުން އެއްޗެއް ނެތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިގު ވިދާޅުވެއްޖެއެވެ.
މޭޔަރ މިގޮތަށް ވިދާޅުވީ ޑަބުލިޔުޑީސީގެ 3 ވަނަ ދައުރު އިފްތިތާޙް ކުރުމަށްޓަކައި ރޭ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވަވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރ ސާދިގު ވިދާޅުވީ ޑަބްލިޔުޑީސީގެ މެމްބަރުން ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު އެންމެ އެކަށީގެންވާ ވަރަށް ވަޒަން ކުރެވިފައިނުވާތީ އެކަމަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
“ކުޑަކުޑަ ކޮމިޓީ އެލެވަންސަކާއެކު ކޮމިޓީގެ މެމްބަރުން ކޮށްދެއްވާ އަގުހުރި ޚިދުމަތްތަކަކީ ވަރަށްބޮޑަށް ފާހަގަ ކުރަންޖެހޭ ކަމެއް. އަދި ދައުލަތުގެ ބަޖެޓު ކަނޑައަޅާއިރު މިފަދަ ކޮމިޓީތަކަށް އެއްޗެއް ނެތުމަކީ ވެސް ކަންބޮޑުވާން ޖެހޭ ކަމެއް” މޭޔަރ ވިދާޅުވިއެވެ.
ޑަބްލިޔުޑީސީއަކީ އައްޑޫ ސިޓީ ކައުންސިލްގެ ބެލެނިވެރިކަމުގައި އިންތިޚާބު ކޮށްގެން ހިންގާ ކޮމިޓީއެއްކަމަށް ވާއިރު ކައުންސިލަށް ވީވަރަކުން ޑަބްލިޔުޑީސީއަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ކައުންސިލަށް ބާރު ލިބުމުން ޑަބްލިޔުޑީސީ ހިންގާނެ ޢިމާރާތެއް ވެސް ދެއްވާނެ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އެލަވަންސް ދިނުމަށް ނިންމައި އެ އެލަވަންސް ދޭނެ އޮނިގަނޑު އެކުލަވާލާފައިވަނީ 2013 ވަނަ އަހަރުގައެވެ.
ލޯކަލް ގަވަރންމެންޓް އޮތޯރިޓީ(އެލްޖީއޭ) އިން ކަނޑައެޅި މި އޮނިގަނޑުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ކޮންމެ ރަށު ކައުންސިލަކާއި ސިޓީ ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނާން ޖެހޭ “އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ” ގެ ޖަލްސާއަށް ހާޒިރު ވާ މެމްބަރަކަށް ކައުންސިލާއި އެކޮމިޓީން އެއްބަސްވާ ގޮތެއްގެ މަތީން ދޭން ކަނޑައެޅުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީގެ ބޯޑުން މަޝްވަރާކޮށް ނިންމައިފައިވާ އެ އެލަވަންސް ދޭނެ އޮނިގަނޑު ކަނޑައަޅައި ކައުންސިލް ތަކަށް ވަނީ ފޮނުވާފައެވެ.
އަދި އެލަވަންސްގެ ގޮތުގައި ދޭނެ އަދަދެއް ކަނޑައަޅާނީ ކައުންސިލްގެ ފުދުންތެރިކަން ހުރި މިންވަރަކުން ކައުންސިލްތަކަށް ލިބޭ އާމްދަނީއަށް ބަލައި އެއޮނިގަނޑަށް ފެތޭ ގޮތަށް ކަމަށް ވެސް އޭރު އެލްޖީއޭއިން ވަނީ ބުނެފައެވެ..
އަންހެނުންގެ ކޮމެޓީތައް ހިންގުމަށާއި ކޮމެޓީތަކުގެ މެންބަރުންނަށް އެލަވަންސް ދޭންޖެހޭނެ ކަމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ލާޒިމް ކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ކޮމެޓީއަށް އެލެވަންސް ދިނުމުގެ ފުރުސަތު ކައުންސިލްތަކަށް އޮންނާނެ ކަމަށް ގަވާއިދުގައި ކަނޑައަޅާފައި ވެއެވެ.
2012 ވަނަ އަހަރު އެކުލަވާލި ންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގަވާއިދުގެ ދަށުން އުފެދޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަގްސަދަކީ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތަކުގައި ހިމެނޭ އަވަށްތަކުގެ ތަރައްގީއަށް ކުރާމަސައްކަތްތަކަށް ލަފައާއި މަޝްވަރާ ދިނުމާއި، އަންހެނުންގެ ތަރައްގީއަށާއި ކުރިއެރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގުމެވެ. މި ކޮމިޓީތަކުން މަހަކު އެއްފަހަރު އެކޮމިޓީއެއް ނިސްބަތްވާ ރަށު/ސިޓީ ކައުންސިލާއި އެކު މަދުވެގެން އެއް ބައްދަލުވުން ބާއްވަން ވާނެއެވެ.
ޑަބުލިޔުޑީސީ އަކީ ސިޔާސީ މަގާމެއް ނޫނެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުގައި ވެސް މި މަގާމުތައް ސިޔާސީކޮށް ވަކި ޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް މަގާމު ހޯދައި ދިނުމަށް ޕާޓީތަކުން މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.