English Edition
Dhivehi Edition
ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް/ފޮޓޯ އެކުއަވެންޗާ މޯލްޑިވްސް

ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭ އިނގިރޭސީން ބޭނުންކުރި ބްރިޓިޝް ލޯޔަލްޓީ ތެޔޮޓޭންކަރު ފައްތާލިތާ 75 އަހަރު ފުރުން ފާހަގަ ކުރުމަށް އައްޑޫސިޓީގައި ޚާއްސަ ޑައިވިން ޙަރަކާތެއް ބާއްވަން ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލާއި ނަލަފެހި މީދޫ ޖަމްޢިއްޔާގެ އިސްނެންގެވުމާއެކު މިޙަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ އިދާރާތަކާއި އައްޑޫސިޓީ ގެ ޑައިވް ސެންޓަރ ތަކާއި ޓުވަރިޒަމްގެ ދާއިރާގެ ރިސޯޓްއަދި ގެސްޓްހައުސްތަކާއި އައްޑޫގައި އުފެދިފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެންނެވެ.

މިކަމަށްޓަކައި މިރޭ ވަނީ މުވައްސަސާތަކާއެކު އޮންލައިން ބައްދަލުވުމެއް ބާއްވާފައެވެ. އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤުވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި ޑައިވިން ޙަރަކާތް ރާވާ ހިންގާނެ ސްޓިއަރިން ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މިބައްދަލު ވުމުގައި މޭޔަރ ވަނީ މިޙަރަކާތަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. މިއީ އައްޑޫގެ ތާރީޚާއި ގުޅިލާމެހިފައިވާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން މޭޔަރ ވަނީ މިޙަރަކާތަށް އައްޑޫސިޓީގެ ވީހާ ގިނަ މުވައްސަސާތަކުގެ އެއްބާރުލުމާއި ބައިވެރިވުން ދެއްވުމަށް އެދިވަޑައިގެންފައެވެ. މިޑައިވް ހަރަކާތް ހިންގަން ނިންމާފައިވަނީ އަންނަ 2021 ވަނަ އަހަރުގެ ޖެނުއަރީ 5 ވަނަ ދުވަހުއެވެ.

ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް/ފޮޓޯ އެކުއަވެންޗާ މޯލްޑިވްސް

ބްރިޓިޝް ލޯޔަލްޓީއަކީ ޖަރުމަންގެ ޓޯޕިޑޯއަކުން ދިން ޙަމަލާއަކަށްފަހު މަރާމާތު ނުކުރެވިގެން އިނގިރޭސިން އައްޑޫސިޓީގެ އެތެރެވަރިން ހިތަދޫއާއި މަރަދޫއާއި ދެމެދުގެ ކަނޑުގެ 33 މީޓަރު އަޑިއަށް ފައްތާލާފައިވާ ޓޭންކަރެކެވެ. 1943 ވަނަ އަހަރުގެ ތެރޭ އައްޑޫސިޓީގައި މިލިޓަރީބޭހެއް ޤާއިމްކޮށްގެންތިބި އިނގިރޭސީންގެ މަނަވަރުތަކަށް ތެޔޮ ރައްކާކޮށް އުފުލުމަށް ބޭނުންކުރި މިއުޅަނދަށް ޖަރުމަނުން ޙަމަލާ އަމާޒު ކުރިއިރު މިޙާދިސާއާއި ގުޅިގެން އައްޑޫގެ އެތެރެވަރީގެ ކަނޑުތަކަށް ގިނަ އަދަދަކަށް ތެޔޮ އެޅި އެސަރަޙައްދުގެ މޫދާއި ގަނޑުގެ ލޮނުގަނޑު އެއްކޮށް ތަޣައްޔަރުވެ އެހިސާބުގައިވާ ދިރޭތަކެތީގެ ނަސްލު އެއްކޮށް ނެތިގެންދިޔަކަމަށް ތާރީޚު ދިރާސާ ކުރައްވާ އައްޑޫގެ ދުވަސްވީ މީހުން މަޢުލޫމާތު ދެއެވެ.

ބްރިޓިޝް ލޯޔަލްޓީ ޝިޕް/ފޮޓޯ ޕެޓްރޯލިއަމް އާކައިވް

މިހާރު މިޓޭންކަރު އޮންނަ ސަރަޙައްދު ވެފައިވަނީ ޤުދުރަތީ ރީތިކަމާއި މޫދު ވިނައާއި މުރަކަ ތަކާއި މަސްމަހާމެހި ގިނަޢަދަދަކަށް ހިމެނޭ ކަނޑުއަޑީގެ ރީތިބަގީޗާއެއް ފަދަ ތަނެއްގެ ގޮތުގައިކަމަށް އެސަރަޙައްދަށް ފީނާމީހުން ސިފަކުރެއެވެ. މިސަބަބާހެދި މިތަންވެފައިވަނީ އައްޑުއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ވެސް ޚާއްސަ މަންޒިލަކަށެވެ.

ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް/ފޮޓޯ އެކުއަވެންޗާ މޯލްޑިވްސް

ނައު އޮތް ސަރަހައްދު ޤުދުރަތީގޮތުންނާއި ޠަބީޢީގޮތުން އެއޮތްގޮތަށް ދެމެހެއްޓުމަށްޓަކައި، އެ ސަރަހައްދުތަކަކީ ހިމާޔަތްކޮށް ރައްކާތެރިކުރަންޖެހޭ ސަރަހައްދެއްކަމުގައި ކަނޑައަޅައި، އެ ސަރަހައްދުގެ އިންތައް ވަކިކޮށް، އެ ސަރަހައްދުގައިވާ ދިރުންތަކާއި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރިކުރުމާއި، ބެލެހެއްޓުމާއި، އެ ސަރަހައްދުގެ ޤުދުރަތީ މާޙައުލުގެ މުއްސަނދިކަމުގެ ފައިދާއާއި އިޤްތިސާދީ ފައިދާ އާންމު ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާގެ ދަށުން މިސަރަޙައްދު މިހާރު ވަނީ ޙިމާޔަތް ކޮށްފައެވެ. މިއާއެކު ދެމެހެއްޓެނިވި ތަރައްގީއާއި މީހުންނާއި ގުޅިގެން ގުދުރަތީ މާހައުލު ރައްކާތެރިކުރުމުގެ ފުރުސަތު އޮންނަ ތަންތަނަށް ޔުނެސްކޯ އިން ދެމުން އަންނަ ބަޔޮސްފިއަރ ރިޒާވްގެ ލަޤަބް މިދިޔަ އޮކްޓޯބަރ މަހު އައްޑޫސިޓީއަށް ލިބިފައިވުމުން މިއީ އައްޑޫގައިވާ މިފަދަ ތަންތަން ޙިމާޔަތްކޮށް ބެލެހެއްޓުމަށް އެޅުނު އިތުރު ބާރަކަށް ވެގެންދާނެއެވެ.