English Edition
Dhivehi Edition
އައްޑޫ ސިޓީ އަށް "ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް"ގެ ލަޤަބު ލިބުމާއި ގުޅިގެން ކުރިއަށްގެންދާ ވެބިނަރގައި މޭޔަރ އާއި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

މިހާ އަވަސް މުއްދަތެއްގައި އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވަކަށް ވެގެންދިޔައީ އައްޑޫގެ ރައްޔިތުންނާއި ޖަމިއްޔާތަކުން ތިމާވެށި ހިމާޔަތްކުރަން ކުރެއްވި މަސައްކަތުގެ ސަބަބުންނާއި، އައްޑޫގައި ނޭޗަރ ޕާކެއް ޤާއިމުކުރުމަށް އެކުވެރި ދަޢުލަތްތައް (އީ.ޔޫ) އާއި ވާރލްޑް ބޭންކް އަދި އޮސްޓްރޭލިއާގެ ސަރުކާރުން ފޯރުކޮށްދެއްވި އެހީތެރިކަމުގެ ސަބަބުން ކަމުގައި އައްޑޫ ސިޓީގެ މޭޔަރ، ޢަބްދުﷲ ޞާދިޤް ވިދާޅުވެއްޖެއެވެ.

މޭޔަރ މިހެން ވިދާޅުވީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަށް “ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް”ގެ ލަޤަބު ލިބުމާއި ގުޅިގެން ކުރިއަށް އޮތް މަރުޙަލާތަކަށް ތައްޔާރުވުމުގެ ގޮތުން މިއަދު ކުރިއަށްގެންދާ ވެބިނަރގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން މޭޔަރގެ ވާހަކަފުޅުގައި، އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވަކަށް ހެދުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ކުރެއްވި މަސައްކަތަށްޓަކައި އެ މިނިސްޓްރީއަށް ޝުކުރު ދެންނެވިއެވެ.

މީގެ އިތުރުން ބަޔޮސްފިއަރ ރިޒާވެއްގެ ބޭނުމަކީ ހިމާޔަތްކުރުމާއެކު، ދެމެހެއްޓެނިވި ތަރައްޤީ އާއި ތަޢުލީމާއި ދިރާސާއަށް ބޭނުންވާ ލޮޖިސްޓިކްސް ފޯރޮކޮށްދިނުންކަން ފާހަގަކުރައްވައި މޭޔަރ ވިދާޅުވީ، އެންވަޔަރަންމަންޓް މިނިސްޓްރީގެ ލަފާފުޅާއެކު ބަޔޮސްފިއަރ ރިޒާވް ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އާއި މަސްއޫލިއްޔަތު ސިޓީ ކައުންސިލުން ނަގަން ޖެހޭ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މޭޔަރގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބަޔޮސްފިއަރ ރިޒާވެއް ބެލެހެއްޓުމުގައި މާލީ އެހީތެރިކަންވެސް ބޭނުންވެއެވެ. އެގޮތުން ގްރީން ފަންޑް މެދުވެރިކޮށް ބަޔޮސްފިއަރ ރިޒާވް ބެލެހެއްޓުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް މޭޔަރ ވަނީ އެންވަޔަރަންޓް މިނިސްޓްރީގެ ފަރާތުން އެދިވަޑައިގެންފައެވެ.

މޭޔަރގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވަކަށް ވެގެންދިއުމަކީ ވަރަށް ފަޚުރުވެރިވެވަޑައިގަންނަވާ، ތަރައްޤީގެ ގިނަ ފުރުސަތުތަކެއް އައްޑޫ ސިޓީއަށް ލިބިގެންދާނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި، ބ. އަތޮޅު ކައުންސިލްގެ އިދާރާއާއި ބ. އަތޮޅުގެ ބަޔޮސްފިއަރ ރިޒާވްގެ ބައިވެރިވުމާއެކު މިއަދު ކުރިއަށްގެންދާ މި ވެބިނަރގައި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ވެބިނަރގެ މައިގަނޑު މަޤްޞަދަކީ ބަޔޮސްފިއަރ ރިޒާވަކަށް ވުމާއި ގުޅިގެން އައްޑޫ ސިޓީއަށް ލިބިގެންދާނެ ފުރުސަތުތައް ހިއްސާ ކުރުމާއި، ބަޔޮސްފިއަރ ރިޒާވްގެ 10 އަހަރުގެ އެކްޝަން ޕްލޭނާއި، ބަޔޮސްފިއަރ ރިޒާވާއި ގުޅޭ ޤާނޫނީ އޮނިގަނޑު މަޝްވަރާކުރުމެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބަޔޮސްފިއަރ ރިޒާވް ކަމަށްވާ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްގެ ތަޖުރިބާ ބ. އަތޮޅު ކައުންސިލްގެ އިދާރާއިންނާއި، ބަޔޮސްފިއަރ ރިޒާވް ހިންގާ ފަރާތްތަކުން ވަނީ ހިއްސާކުރައްވައިފައެވެ.