އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަގްސަދަކީ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތަކުގައި ހިމެނޭ އަވަށްތަކުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް ލަފައާއި މަޝްވަރާ ދިނުމާއި، އަންހެނުންގެ ތަރައްގީއަށާއި ކުރިއެރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގުން ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. މިއީ މީގެ ކުރިން މިފަދަ ކޮމެޓީތަކުން ކުރަމުން ގެންދިޔަ މަސައްކަތް ތަކާއި ތަފާތު އަދި ޒިންމާދާރު މަސައްކަތް ތަކެއް ކަމަށް އެންމެންވެސް ގަބޫލު ކުރަން ޖެހެއެވެ. ހަމަ އެއާއެކު މިފަހަރަކީ އިލެކްޝަންސް ކޮމިޝަނުގެ ދަށުން ބާއްވާ އިންތިޚާބެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއް ހޮވާ ފުރަތަމަފަހަރު ކަމަށްވުމުން ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަމުން ގެންދަނީ މި ޒިންމާއުފުލޭވަރުގެ ގާބިލް އަންހެނުންގެ ޓީމެއް ކޮންމެ ޕާޓީއަކުން ވެސް ނެރެދެވޭތޯއެވެ. ހަމަ ނަމެއްގައި ކެންޑިޑޭޓަކު ނެރުމުގެ އިތުރަށް މި ފަދަ މަސައްކަތެއް ކުރުމުގެ ހިލްމާއި އިލްމު ލިބިފައިވާ، މީހުންނާ ގުޅިގެން މަސައްކަތް ކުރަން ދަންނަ ހީވާގީ ކަނބަލުން މި މަގާމަށް ގެނެވޭތޯ ކޮންމެ ޕާޓީއަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
އެހެންކަމުން އިންތިޚާބެއްގައި ވޯޓަކާ ހަމައަށް ދާއިރު ވޯޓުދޭން ޖެހޭ މުހިއްމު ކަންތައްތަކެއް އާންމު ރައްޔިތުން ދަންނަން ޖެހެއެވެ. ތިމާ ވޯޓުދޭ މީހާއަކީ އެމަގާމުގައި އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ޒިންމާދާރު މީހެއްކަމެވެ. ހަމަ އެއާއެކު އެކެންޑިޑޭޓުގެ އިޖުތިމާއީ މަސައްކަތް ތެރިކަމާއި ރަށުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި މީގެ ކުރިން ކޮށްފައިވާ މަސައްކަތްތަކެވެ. ލީޑަރޝިޕް ހުނަރު ތަކާއި ގާނޫނުތަކާއި ގަވާއިދު ތަކަށް އަހުލުވެރިވެފައިވާ މިންވަރެވެ. މީހުންނާ އޮންނަ ގުޅުމާއި ގާތްކަމެވެ. ކެރިގެން ކަންކަމުގައި ކުރިމަތިލުމާއި ވާހަކަދައްކަން ޖެހިއްޖެ ކޮންމެ ޕްލެޓްފޯމެއްގައި ޖެހިލުމެއްނެތި ވަކާލާތު ކުރެވޭނެ މީހެއް ކަމެވެ.
މިހުރިހާ ގާބިލް ކަމަކާއެކު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އައްޑޫސިޓީގެ ހުޅުދޫ ދާއިރާއަށް، ހުޅުދޫ އުދަރެސް، ޚަދީޖާ މުންއިމާ (މުންނި) ނިކުތީ ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ. ޕީޕިއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ.
ހުޅުދޫގެ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މަގާމަށް ވާދަކުރާ 2 ކެންޑިޑޭޓުންގެ ތެރެއިން މި މަގާމު އެންމެ ފުރިހަމައަށް އަދާކުރެވޭނެ ކެންޑިޑޭޓަކީ މުންނިއެވެ. ސަބަބަކީ މީގެ ކުރިން ރަށުގެ އެކިއެކި ހަރަކާތްތަކުން ފެނިފައިވާ މުންނިގެ ލީޑަރޝިޕެވެ. ތަފާތު އެކި ކަހަލަ ޓީމުތައް ގޮވައިގެން އިސް ސަފުގައި މަސައްކަތް ކޮށް ހޯދާފައިވާ ކާމިޔާބީއެވެ. ސްކޫލްތަކުގެ ޕީޓީއޭ ނައިބު ރައީސާގެ ގޮތުގައި ހުރެގެން ކޮށްފައިވާ ބުރަ މަސައްކަތް ތަކެވެ. ތަފާތު އެކި ޖަމިއްޔާ ޖަމާއަތްތަކުގައި މަސައްކަތްކޮށް ރަށުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކެވެ. ހަމައެހެންމެ ކުޅިވަރުގެ ދާއިރާއިން ހުޅުދޫގެ ދެ ޖިންސުގެ ޒުވާނުން ކުރިއެރުވުމަށް ރަށުގައި ކުރެވޭ މަސައްކަތް ތަކުގައި ހީވާގިކަމާއެކު ކުރީސަފުގައި ހުރެގެން ކޮށްފައިވާ ބުރަ މަސައްކަތްތަކެވެ.
ރެޑް ކްރެސެންޓްގެ ހުޅުދޫ ޔުނިޓްގެ ޓްރެޝަރާގެ މަގާމާއި މިނިވަން ކަޕްގެ އޮގަނައިޒިން ޓީމުގެ ރައީސާ ކަމުގެ މަގާމާއި ހެލްޕިން ސޯޝަލް ކެއަރ ގެ އެޑްމިނިސްޓަރޭޓަރ ކަމުގެ އިތުރުން މިހާރު ވެސް މުންނި އަކީ ސަރަހައްދީ ޖަމިއްޔާއެއް ކަމަށްވާ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން (ސްކީމް) ގެ އައްޑޫ ޗެޕްޓަރ ގެ ބޯޑު މެމްބަރެއް ވެސް މެއެވެ.
“މި މަގާމަށް ކުރިމަތިލާން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން. އަދި މީގެ ކުރިން ކުރެވިފައިވާ މަސައްކަތް ތަކާއެކު ގަބޫލު ކުރެވޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގައި ހުޅުދޫ އެންމެ ފުރިހަމައަށް ތަމްސީލު ކޮށްދެވޭނެ ކަމަށް. ގާނޫނުގައި ކަނޑައަޅާފައިވާ ޒިންމާތައް އަދާކުރެވޭނެ ކަމަށް ގަބޫލު ކޮށް ރަށަށް އިތުރަށް ޚިދުމަތް ކޮށް ދިނުމަށް މަގާމަށް ވާދަކުރުމަށް ނިންމީ” އޭއޯ ނިއުސް އަށް ދިން ބަސްދީގަތުމުގައި މުންނި ކިޔައި ދިނެވެ.
ނިމިގެން ދިޔަ މަޖިލިސް އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުގެ އޮފީހުގައި މުންނި މަސައްކަތް ކުރީ އެންމެ 4 މަސްވީ ތުއްތު ދަރިފުޅު ގޮވައިގެންގޮސް ދަރިފުޅާ އެކުގައެވެ. މިއީ މުންނިގެ މަސައްކަތަށް ގިނަ ބައެއްގެ ތާރީފު އޮހިގެން ދިޔަ ކަމަކަށް ވިއެވެ. އަންހެނުންނަށް އާއިލާގެ ޒިންމާ އަދާކުރަމުން ކާމިޔާބު ކަމާއެކު މަސައްކަތް ނުކުރެވޭނެ ކަމަށް ބުނާ ބުނުންތަކަށް މުންނި ދެއްކި މިސާލަކީ އެއީއެވެ. ސްކީމްގެ ފަރާތުން ހިތަދޫގައި ބާއްވާ ޗެޕްޓަރގެ ބައްދަލުވުން ތަކަށްވެސް މުންނި ދަނީ ކުޑަ ދަރިފުޅާއެކުގައެވެ. ކަނޑު ހުރަސްކޮށް ރޭގަނޑު ދަތުރުކުރަންވިޔަސް އެކަމަށްވެސް މުންނި ހުންނަނީ ތައްޔާރަށެވެ. އަދާ ކުރަން ޖެހިފައިވާ މަގާމުގައި ކުރަން ޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް މުންނި އަކީ ހަމަ ނަމޫނާއެކެވެ. ޒިންމާއިން ފަސްޖެހިގެން އުޒުރު ދެއްކުމަކީ މުންނި ގަބޫލުކުރާގޮތެއް ނޫނެވެ.
“މުންނި އަކީ ހުޅުދޫ އިޖްތިމާއީ ހަރަކާތްތަކުގެ ތަރިއެއް. ހިތްވަރު ހުރި ހީވާގި ކަނބަލެއް” މިއީ ހުޅުދޫގެ ގިނަ ބަޔަކު މުންނި ސިފަކުރާ ގޮތެވެ.
އިންތިޚާބުތަކުގައި ހޮވަން ޖެހެނީ މިފަދަ ކާމިޔާބު މަސައްކަތްތަކެއް ކޮށް ނަމޫނާ ދައްކާފައިވާ ފަރާތްތަކެވެ. ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެވޭނީ މިފަދަ ފަރާތްތަކަށެވެ.
(ކެންޑިޑޭޓު ނަމްބަރު 1) މުންނި ގެ މަސައްކަތް ތަކުގައި ފުރިހަމަ ކާމިޔާބީއަކަށް އެދެމެވެ!