English Edition
Dhivehi Edition

20 ނޮވެމްބަރ 2018 އަކީ އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތް އާއި ޕްރިންސް ފިލިޕްގެ ކައިވެންޏަށް 71 އަހަރު ފުރުނު ދުވަހެވެ. މި ކައިވެނި ހާއްސަ ވެގެންދާ އެއް ސަބަބަކީ މިއީ އިނގިރޭސި ޝާހީ ދަރިކޮޅުގެވެސް އެންމެ ގިނަ ދުވަސްވީ ކައިވެންޏަށް ވާތީއެވެ. އަދި މިއީ 2018 ވަނައަހަރު އިނގިރޭސި ޝާހީ އާއިލާ ފާހަނގަ ކުރާ އެންމެ އުފާވެރި ހަފްލާއެވެ.

ރާނީ އާއި ޕްރިންސް އަކީ މުނިމުނި މާމައަކާއި މުނިމުނި ކާފައެކެވެ. އެއީ ޕްރިންސް ވިލިއަމް އާއި ޕްރިންސެސް ކޭޓްގެ 3 ވަނަ ދަރިފުޅު ޕްރިންސް ލޮއިސް އާއި ޒާރާ ޓިންޑާލްސްގެ ދެވަނަ ދަރިފުޅު ލީނާ މިއަހަރު އުފަންވެފައިވާތީއެވެ.

ރާނީ އާއި ޕްރިންސް ވަނީ އެމީހުންގެ ކުދިންގެ ކުދީންގެ 2 ކައިވެންޏަށް މިއަހަރު ގޮސްފައެވެ.މިގޮތުން މިއަހަރުގެ މޭއި މަހު ޕްރިންސް ހެރީ ވަނީ “ސޫޓްސް” މި ސީރީސްގެ މައްޝޫރު ތަރި މެގަން މާކެލްއާއި ކައިވެނިކޮށްފައެވެ.އަދި ޕްރިންސެސް އޫގެނީ ވަނީ އޭނާ ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު އޭނާގެ ލޯބިވެރިޔާ ޖެކް ބްރޫސްބެންކް އާއި އޮކްޓޯބަރުމަހު ކައިވެނި ކޮށްފައެވެ.ޕްރިންސް ހެރީ އާއި ޕްރިންސެސް އޫގެނީގެ ކައިވެނިވެސް އޮތީ އެއްތަނެއްގައެވެ.

އިނގިރޭސި ރާނީ އާއި ޕްރިންސް ފިލިޕް ކައިވެނި ކުރީ ވެސްޓްމިންސްޓާ އަބޭގައި 20 ނުވެމްބަރ 1947 ގައެވެ.

ރާނީ އާއި ޕްރިންސް ވަނީ ވަރަށް މިފަހުން އެމީހުންގެ އެންމެ ބޮޑު ފިރިހެން ދަރިފުޅު ޕްރިންސް ޗާލްސްގެ 70 ވަނަ އުފަންދުވަސް ފާހަނގަ ކޮށްފައެވެ.

ކުއީން އެލިޒަބަތް އާއި ޕްރިންސް ފިލިޕް ފުރަތަމަ ދިމާވެފައިވަނީ 1934 ގައިއެވެ.އަދި އޭގެ ފަސް އަހަރުފަހުން ރާނީ އާއި ޕްރިންސް ލޯބީގެ ގޮތުން ގުޅުނެވެ.އަދި 9 ޖުލައި 1947 ގައި ރާނީ އާއި ޕްރިންސް އެންގޭޖްކޮށް އޭގެ ހަތަރުމަސް ފަހުން 20 ނުވެމްބަރ 1947 ގައި ރާނީއާއި ޕްރިންސް ކައިވެނި ކުރިއެވެ.އަދި މި ކައިވެންޏަށް 5 އަހަރުފަހުން ޕްރިންސެސް އެލިޒަބަތްއަށް އިނގިރޭސި ރާނީކަން ލިބުނެވެ.