English Edition
Dhivehi Edition

އާ ގާނޫނުއަސާސީގެ ދަށުން ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ރައީސަކަށް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންފި އެވެ

މިއަދު ޔާމީންގެ ވެރިކަމުގެ ދައުރު ނިމުމަކަށް އަންނައިރު، އެމަނިކުފާނު ވެވަޑައިގަންނަވާނީ 2008 ގައި ތަސްދީގު ކުރެއްވި އާ ގާނޫނުއަސާސީގެ ދަށުން ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވުނު ފުރަތަމަ ރައީސަށެވެ

އާ ގާނޫނުއަސާސީގެ ދަށުން އިންތިޚާބު ކުރި ފުރަތަމަ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ، 2012 ގައި އިސްތިއުފާ ދެއްވުމުން އެމަނިކުފާނުގެ ދައުރުގެ ބާކީ އޮތް ބައި ފުރުއްވީ އެމަނިކުފާނުގެ ނައިބަކަށް ހުންނެވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކޯލިޝަނަކުން، ރައީސް ޔާމީން ކާމިޔާބުކުރައްވާ ނޮވެމްބަރު މަހު މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ވަނީ ގިނަ ގޮން ޖެހުންތަކާއި ކުރިމަތިލާފައެވެ. މި ގޮތުން ބޮޑު ކޯލިޝަނަކާއެކު ވެރިކަމަށް ވަޑައިގަތްތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެ ކޯލިޝަން ވަނީ ރޫޅިފަ އެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ގިނަ ނައިބު ރައީސުންތަކެއް ފެނިގެން ގޮސްފައިވެއެވެ

މި ދައުރުގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމުގެ ބޭނުމުގައި ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި އެކު ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެގެން ދިޔައެވެ. 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިނގި މި ހާދިސާ އާއި ގުޅިގެން އޭރުގެ ނައިބު ރައީސް އަދީބުގެ މައްޗަށް ތުހުމަތުކޮށް އޭނާއަށްވަނީ ޖަލު ހުކުމެއް އައިސްފައެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ސިޔާސީ ގިނަ ބޭފުޅުންނަށްވެސްވަނީ ޖަލު ހުކުމްތައްކޮށްފައެވެ. މީގެ ތެރޭގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އަދާލަތު ޕާޓީގެ ޝެއިޙް އިމްރާނުގެ އިތުރުން ނާޒިމް ހިމެނެއެވެ

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ޚާރިޖީ ގޮތުން ވެސް ރާއްޖެއަށް ގިނަ ފިއްތުންތައް ކުރިމަތިވެ، ބޭރުގެ ބައެއް ޖަމާއަތްތަކުން ރާއްޖެ އަށް ފިޔަވަޅު އަޅާ ހިސާބަށް ކަންކަން ދިޔަ އެވެ.

މީގެ އިތުރުން ރައްޔަތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ މަގާމު ދިފާއުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތެއް ކޮށްފައިވާއިރު އެ މަސައްކަތުގެ ތެރޭގައި ރައްޔަތުންގެ މަޖިލީހުގެ ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއްވަނީ ޕާޓީ ދޫކޮށްފައެވެ. މަސީހުގެ މައްސަލައާއި އެކު ގިނަ ޤާނޫންތަކައް ބަދަލު ގެނެސްފައިވާއިރު މި އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުރިހާ ސިޔާސީ ކުށްވެރިން މިނިވަންކޮށް ގޮނޑިގެއްލިފައިވާ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ކުރި ހުކުމް ވެގެންދިޔައީ މި ސަރުކާރަށް ވައްޓާލި ބޮޑު’އެޓަމް ބޮމަ’ކަށެވެ. ރައީސް ޔާމީންގެ ވެރިކަން ‘ވެއްޓެނީ’ ކަމަށް ގިނަ މީހުން ބުނަމުންދިޔަ ނަމަވެސް ރައީސް ވަނީ އެންމެ ‘ނާޒުކު’ ދަނޑިވަޅުގައި ކުއްލި ހާލަތު އިއުލާންކޮށް އަނެއްކާވެސް މުޅި ގޭމް އެއްކޮށް އެމަނިކުފާނު ކޮޅަށް އަބުރާލާފައެވެ.

ވެރިކަމުގެ ދައުރުގައި ދިމާވި ދަތިތަކާއެކުވެސް އެ މަނިކުފާނު ވަނީ ރާއްޖޭގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ސިނަމާލެ ބްރިޖާއި، ކިންގް ސަލްމާން މިސްކިތް، ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާއިރު މުޅި މާލޭގެ މަލަމަތިވެސް އެ މަނިކުފާނުގެ ދައުރުގައިވަނީ ބަދަލުކޮށްލާފައެވެ. އަދި ރާއްޖެތެރޭގެ ގިނަ ރަށްރަށުގައިވެސް ވަނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ

ވެރިކަން ވައްޓާލުމަށް ނުވަތަ ވެރިކަން ބަދަލުކުރުމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މަސައްކަތް ރައީސް ޔާމީން މިވަނީ ނާކާމިޔާބުކޮށް ރިޔާސީ ދައުރެއް ފުރިހަމަކޮށްފައެވެ. ރައީސް ޔާމީންގެ ފަސް އަހަރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައި ވިޔަސް، މި ދައުރު ވެގެން ގޮސްފައިވަނީ ސިޔާސީ ގޮތުންނާއި ޚާރިޖީ ގޮތުން ވެސް ރާއްޖެ ހަލަބޮލި ދައުރަކަށެވެ.