English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާގެ އެއާލައިން، ފްލައިމީގެ ދަތުރުތައް އަނެއްކާ ވެސް އައްޑު އާއި ފުވައްމުލަކަށް ފަށައިފިއެވެ.

ފްލައިމީ އިން އައްޑޫއަށް ކުރަމުން ދިޔަ ދަތުރުތައް 2015 ވަނަ އަހަރުން ފެށިގެން ހުއްޓާލާފައިވަނިކޮށް މިއަދު އަލުން ދަތުރުތައް ފެށުމުން އައްޑޫ އަދި ފުވައްމުލަކުގެ ގިނަ ބަޔަކު ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

ފުރިހަމަ 3 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ފްލައިމީން މިއަދު އައްޑޫއަށް ދަތުރުކުރި ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި އެމީހުންގެ ޝުއޫރުފާޅުކޮށް އެއާލައިނަށް ޝުކުރު އަދާކޮށްފައެވެ. އަދި ދަތުރު މަތީގައި ދިން ކާތަކެއްޗާއި ޖޫސް ތަށީގެ ފޮޓޯވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މީގެ ކުރިން އައްޑޫއަށް ދަތުރުކުރަމުން އަންނަ ހަމައެކަނި އެއާލައިން “މޯލްޑިވިއަން” އިން ބޮޑު އަގުގައި ޓިކެޓް ވިއްކައި އަދި އާދައިގެ ޖޫސްތައްޓެއްގެ މިންވަރު އެކަނި ދޭތީ ގިނަ ބަޔަކު އަބަދުވެސް މައްސަލަ ޖައްސައެވެ.

“ފްލައިމީގައި މީގެ ކުރިން ވެސް ދަތުރުކުރީ ވަރަށް ހިތް ހަމަޖެހިގެން. ފްލައިމީގެ ދަތުރުތައް އައްޑޫއާއި ފުވައްމުލަކަށް ފެށުމުން ވަރަށް ބޮޑަށް އުފާވެއްޖެ. އެންމެ އުފާވީ ރަނގަޅަށް ހަމަޖެހިލައިގެން ހަވީރު ސައިވެސް ބޯލެވުނީތީ.” މިއަދު ހަވީރު ފްލައިމީގެ ބޯޓުން އައްޑޫއަށް އައި މީހަކު ކިޔައިދިނެވެ.

ފްލައިމީން ބުނިގޮތުގައި އައްޑު އާއި ފުވައްމުލަކަށް ދަތުރުތައް ރާވާފައި ވަނީ ފަސިންޖަރުންނަށް ފަސޭހަ ވާނެ ގޮތަށް ބަލައިގެންނެވެ. އެގޮތުން އާދީއްތަ އިން ބުދަ އަށް ދަތުރުތައް ބާއްވާނީ މެންދުރު ފަހު 1:00 ގަ އެވެ. އަދި ބުރާސްފަތި ދުވަހުން ހޮނިހިރަށް ދަތުރުތައް ބާއްވަނީ ހަވީރު 6:00 ގަ އެވެ.

އެ އެއާލައިނުން ދަތުރުތައް ފަށާފައިވާއިރު ދަތުރުތަކުގެ އަގު ވެސް ވަރަށް ބޮޑަށް ވަނީ ހެޔޮވެފައެވެ. އެގޮތުން ކޮންމެ ކޮޅަކަށް ފުރަތަމަ 10 ޖާގަ އަށް ޕްރޮމޯޝަނެއްގެ ގޮތުގައި އެއްކޮޅު ޓިކެޓެއް ވިއްކަނީ 999ރ. އަށެވެ. އެ އަގުގައި ޓިކެޓް ލިބޭނީ އެންމެ ފުރަތަމަ ޓިކެޓް ނަގާ ކަސްޓަމަރުންނަށް ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

ފްލައިމީގެ ދަތުރުތައް އަލުން އައްޑޫ އަދި ފުވައްމުލަކަށް ފަށާފައިވާއިރު ގިނަ ދަތުރުތައް މިހާރުވެސް ވަނީ ފުލްވެފައެވެ.

ޓެގު