ޗައިނާއާއި ރާއްޖެއާ ގުޅުވައިގެން ކުރީގެ ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅަކީ އިތުރުފުޅެއް ކަމަށާއި ޗައިނާއިން ނަގާފައިވާ ލޯނުގެ އަދަދު ނަޝީދު ވިދާޅުވާ އަދަދާ ގާތްވެސް ނުކުރާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާ މިންވަރަށް ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ކަމަށާއި އެއީ ރައްޔިތުން ވިސްނާލަންޖެހޭ ވަރުގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަ ފުޅާ ގުޅިގެން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ޗައިނާއަށް ރާއްޖެއިން 3.2 ބިލިއަން ޑޮލަރުން ދަރާފައިނުވާނެ ކަމަށެވެ.
” މި ސަރުކާރުން ހުރިހާ ކަމެއްވެސް ކޮށްފައިވާނީ ދެފުށް ފެންނަހެން ހާމަކަން ބޮޑު ގޮތުގައި . ރައްޔިތުން ކަންބޮޑުވާން ޖެހޭ ވަރުގެ ދަރަންޏެއް ދެއްކުމުގެ ޒިންމާ ދައުލަތަށް އުފުލަން ޖެހިފައި ނުވާނެ . އަދި ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ފައިސާގެ ތަފްސީލް ވަރަށް އަވަހަށް މިނިސްޓްރީން ހާމަކުރާނެ” މިނިސްޓަރ ވިދާޅުވިއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީއާއި ލޯނު އެހީގައި މި ސަރުކާރުން ހިންގި ޕްރޮޖެކްޓަކުގެ ތެރޭގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމާއި ބޯހިޔާވަހިކަމުގެ ބައެއް ޕްރޮޖެކްޓްތައް ހިމެނެއެވެ.