English Edition
Dhivehi Edition

ލޯބިވާ މީހަކު ކާވެނި ކުރަން ލިބުމަށް ވުރެން ބޮޑު އުފަލެއް ނެތެވެ. އޭޝް އަކީ އަހަރެންގެ ފުރަތަމަ ލޯތްބެވެ. އަހަރެންގެ އުމުރުން އަށާރަ ނުފުރެނީސް އޭޝްއާ އަހަރެން ސިއްރިޔާތުގައި އެންގޭޖް ވެއްޖެއީމެވެ. އެންގޭޖްވުމަށް އަހަރެމެން ބަދަލު ކުރީ އަނގޮޓިއެއް ނޫނެވެ. އަހަރެން ދިނީ ކުޑަރުމާލެކެވެ. އެއީ އޭޝްގެ ނަން ފަށުވިން ކުރެހުން އަޅައިގެން އަހަރެން ތައްޔާރު ކުރި ފިޔާތޮށި ރުމާލެކެވެ. އޭޝް ދިނީ ވަރަށް އަގުބޮޑު ޕައިލޮޓް ގަލަމެކެވެ. އޭގައި ރަންކުލައިން އައިޝަތު ޝީނާ އަޅާފައި އޮތެވެ. އެހަދިޔާ އަހަރެމެން ބަދަލު ކުރީ ފިހާރައެއްގެ ކައުންޓަރތަކުގެ ފުރަގަހުގައެވެ.

އެއީ އަހަރެންގެ ސްކޫލުގެ ފަހު އަހަރެވެ. ވިޔަސް މައިންބަފައިން އަހަރެން ބަލަހަށްޓަނީ ލޮލަށްވެއްޓިފައިފައި އޮންނަ ކުނިކޮޅެއް ފަދައިންނެވެ. އެއީ އަހަރެންނަކީ ކުނިކޮޅެއްކަމަށް އެމީހުން ދެކޭތީއެއް ނޫނެވެ. އެމީހުން ދެކެނީ އަހަރެންނަކީ އަމިއްލަ ނަފްސު އަމިއްލައަށް ރައްކާތެރި ކުރެވޭ ވަރަށް ވުރެން މާ ދިފާއީ ބާރު ކުޑަ ކުއްޖެއްގެ ގޮތުގައެވެ.

[ޝީނާ ތިހެން ދިގު އަޅޮލެއް ހެން ހުއްޓަސް ތީ އަދި ހަމަ ކުޑަކުއްޖެއް.” އަހަރެން ބޭބީ ކުރީވެސް މަންމައެވެ. މަންމައަކަށް ދުވަހަކުވެސް އަހަރެންގެ ބޭބީކަމެއް ނުކެނޑޭނެކަން އަހަންނަށް އެނގެއެވެ.
[މަންމައަށް ފެންނަނީ އަހަރެންގެ އިސްކޮޅު އެކަނިތަ؟” އަހަރެންވެސް މަންމައާ ސަމާސާކޮށްލީމެވެ. [އަހަރެންގެ ވިސްނުން ވެސް އެހާ އުހޭ.] އަހަރެން ބުނެލީމެވެ.

އޭޝްއާ އަހަރެން ބައްދަލުކޮށް ހަދަނީ އަބަދުވެސް ކޮންމެވެސް މޮޅު ރޭވުމަކުންނެވެ. އެހެންނަމަވެސް މިނިވަންކަމާއެކު ބައްދަލު ކުރާނެ ފުރުސަތެއް ނުލިބެއެވެ. އަބަދުވެސް ފިހާރަޔަކުން ނޫނީ އިންޓަނެޓް ކެފޭއަކުންނެވެ. އެންމެ މޮޅަށް އަހަރެމެން މީޓްކޮށްލީ މަންމައާއި ކޮއްކޮއާއެކު ރެސްޓޯރަންޓަކަށް ދިޔަ ފަހަރަކުއެވެ. އޭޝް އިނީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައެވެ. އަހަރެމެން މެސެޖް ބަދަލު ކުރީ ޓިޝޫކޮޅެއްގައި ލިޔެގެންނެވެ. އެދުވަހު ވެއިޓަރގެ މައިގަނޑު ކަމަކީ ދެމޭޒް ދޭތެރޭގައި ޓިޝޫ ބަދަލު ކުރުމެވެ. މަންމަމެނަކަށް ކަމެއް ހިނގާކަން ރޭކާވެސް ނުލައެވެ.

ކޮންކަމަކާ ޝީނާ ދައްތަ އަބަދު ހެވިފަ ތިއިންނަނީ؟” ކޮއްކޮއަށް މިކަން ފާހަގަ ކުރެވިގެން ދިމާކޮށްލިއެވެ. އެހެން އޭނާ ބުނީމަ މަންމައަށް ވެސް އެކަން ވިސްނުނެވެ. [ ޝާން ކޮއްކޮއަކަށް ނުވިސްނޭތަ ދައްތައަށް އާ ފުރެންޑެއް ލިބުނީއެއްކަމެއް.] މަންމަ ކީކޭ ހިތަށް އަރައިގެން ބުނިއެއްޗެއްކަމެއް އަހަންނަކަށް ނޭނގުނެވެ. އެހެންވެ ހައިރާންކަމާއެކު މަންމައަށް އަހަރެން ބަލާލީމެވެ. އޭރު މަންމަ އިނީ އޭޝްގެ މޭޒާ ދިމާއަށް އެނބުރިއެވެ. އޭނާ އިނީ ރަކިވެފައިހެން ހީވިއެވެ.

މަންމަ އަހަރެން ހީކުރާވަރަށް ވުރެން މާ ބޯބޮޑުވާނެޔޭ އަހަންނަށް ވިސްނާކަށް ނޭނގުނެވެ.

އަހަންނާ އޭޝް ކާވެނިކުރާކަށް އެކަކުވެސް ގަބޫލެއް ނުވިއެވެ. އަމުދުން އަހަރެން ހަދަމުން ދިޔަ ޑިޒައިނިންގ ކޯސް ނުނިމެނީހެވެ. އަހަރެން ގޭގެ މީހުންނަށް ވިސްނާ ދެވޭތޯ އުޅުނީ އޭޝްއަކީ އަމިއްލަ ކުންފުންޏެއްގެ މަތީ މަގާމެއްގައި އުޅޭ މީހެއްކަމެވެ. އޭނާގެ އަމިއްލަ ގެޔެއްނެތަސް ލިބޭ މުސާރައިން ކުލިދީގެން އުޅެވޭ ވަރުވެއެވެ. ދިރިއުޅުން ތަނަވަހެވެ. އަމިއްލަ ކާރު އޮވެއެވެ. ގޭގައި ކުރަން ޖެހޭނެ އިތުރު ކަމެއް ނޯންނާނެއެވެ. ކައްކާ މީހަކާ ގެންގުޅޭ މީހަކު އުޅެއެވެ. އަހަންނަށް ޖެހޭނީ ކައިގެން ނިދާށެވެ.

މަންމަމެން އެންމެ ނުރުހުނީ އެކަމާއެވެ. ދިރިއުޅެން ކުރަން ދަންނަ މަސައްކަތެއް އޮންނަން ޖެހޭނެއެވެ. [ ދިރިއުޅުމުގައި ދިމާވެދާނެ އެއްވެސް ކަމެއް ޝީނާއަކަށް އަދިޔެއް ނޭނގޭނެ. އެއަކީ ފިނިފެން މަލުގެ ދާނެއް ނޫން. “ މަންމައަކީ އަހަރެންގެ މައްޗަށް އަބަދުވެސް ސުޕްރީމް ކޯޓެވެ. [އިނަސް އިންނަންވާނީ ކޯސް ނިންމާފަ. މިއީ އެންމެ ފަހުބަސް.]

އެނޫންގޮތެއް އޮންނާނެހެއްޔެވެ؟ އޭޝްއާ އަހަރެންގެ ކާވެނިކުރެވުނީ އޭގެ ހަމަސް ފަހުންނެވެ.

އިންތިޒާރުގެ ވަގުތު ދިގުވި ވަރަކަށް ލޯބީގެ ފޮނިކަން ގަދަވެޔޭ މީހުން ބުނެއެވެ. އަހަންނަށް ވެސް އެކަން އިހްސާސު ކުރެވުނެވެ. އެއަށް ވުރެން ފޮނި ލޯތްބެއް ތަނަކުން ލިބިދާނެ ހެއްޔެވެ؟ އޭޝް އަހަރެން ގެންގުޅުނީ އެހާވެސް ލޯބިންނެވެ. ލޮލުން ކަރުނަތިއްކެއް ފޭދިގެން އަޔަކަ ނުދެއެވެ. އެވަރަށް އޭނާ އަހަރެންގެ ލޮލަށް ސަމާލުކަން ދެއެވެ. ނިންދަވަނީ އޭނާގެ މޭމަތީގައެވެ. ބާލީހެއްގެ އޮތީ ކޮން ބޭނުމެއްހެއްޔެވެ؟ ތަންމަތީގައި ފިނިފެންމަލެވެ. މަންމައަށް އަހަރެންގެ މިއުޅޭ އުފާވެރިކަން އިހްސާސްވެސް ނުވާނެއެވެ. ވިޔަސް އަހަރެން ނިދި ހަރު ގޮދަޑިއާއި ހޫނުގަދަ ކޮޓަރީގެ މަތީން މިއަދުވެސް ހަނދާން ހުރެއެވެ. އަހަރެމެންނަކީ ފަގީރު އާއިލާއެކޭ ނުބުނެވޭނެއެވެ. އެކަމަކު މިގެޔާ ބަލާފައި އެހެން ހިތަށް އެރި ކިތަންމެ ފަހަރެއް އައެވެ. ކަރަންޓު ނެތިގެން ފުޅިބައްތީގައި ކިޔަވަން އިންނަ ހަނދާންވެއެވެ. މަދިރި ހަފާތީ ހޫނުވާތީ ނުނިދިގެން އުޅުނު ކިތަންމެ ރެއެކެވެ. މިއަދު އެކަންތައް ހިތަށް އަރާ ލޮލުން ކަރުނަ ހިލުނަ ނުދޭން އަހަރެން ހިންމަތް ކުރަން ޖެހެއެވެ. އަމުދުން އޭޝް ގޭގައި އުޅޭނަމައެވެ.

އެއްވެސް އުފަލަކީ ދުނިޔޭގައި ދާއިމީ އެއްޗެއް ކަމަކަށް ބަލައިގެން ނުވާނެކަން ވިސްނޭވަރަށް ވުރެން އަހަރެން ޅައެވެ. މޮޔައެވެ. އެކަން ދިމާވީ ހަމަ ކުއްލިއަކަށެވެ. އައި ތޫފާނެއް ފަދައިންނެވެ. އަހަރެން ކުޑަކޮށްވެސް ތައްޔާރަށް ނެތް ވަގުތެއްގައެވެ.

އޭޝް ދުވަހަކުވެސް އިސްދަށަށް ޖެހިފައިވަނިކޮށް އަހަރެން މީގެ ކުރިޔަކުން ދެކެފައެއް ނުވެއެވެ. [ކަމެއް ނުވޭ ޝީނާ.] އޭނާ އެހެން އަދި ބުނެލިޔަކަސް އެވަރަކުން އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. ކަމެއް އޮޅުން ފިލުވާދޭކަށް ބަސްތަކެއް ބޭނުމެއް ނުވެއެވެ.

އޭޝްގެ ވަޒީފާ ގެއްލުނީއެވެ. އެދުވަހުގެ ޓީވީ ޚަބަރުގައި އޭނާ ވަޒީފާ އަދާ ކުރާ ސިލްވަރ ކޮމްޕެނީ އުވާލި ޚަބަރު ގެނެސްދިނެވެ. އަހަރެން ނުހަނު ދެރަވިއެވެ. އެއީ އަހަރެމެން މިއުޅޭ ދިރިއުޅުން ހަމަ ކުއްލިއަކަށް ބިންމައްޗަށް ވެއްޓިދާނެތީއެވެ. ބައްޕަމެންގެ ގެވެސް ވަނީ ދިހަ އަހަރަށް ކުއްޔަށް ދޫކޮށްފައެވެ. މުޅިއާއިލާ ދިރިއުޅެނީ ލަންކާގައެވެ. އޭޝްއަކީ ގެ ހުރި މީހެއް ނަމަ ވަންނާނެތަނެއް ލިބުނީހެވެ. އެންމެ މަހަކުވެސް ކުލި ނުދައްކައެއް މިތާކު ނޫޅެވޭނެއެވެ. އެއީ ގޭގެ ވާހަކައެވެ. ދެން ހުރި ކަންތަކުގެ ވާހަކަ ކޮބައިހެއްޔެވެ؟ ގެންގުޅޭ މީހެއް އެބަހުއްޓެވެ. މަހުން މަހަށް ދައްކާ އެތައް ބިލެއް އެބަހުއްޓެވެ. މިހާ އަވަހަށް އަހަރެންގެ ހުވަފެނުން ހޭލެވިދާނެ ކަމަކަށް ކުރީގައި ހީކުރެވިފައެއް ނެތެވެ.

އަހަރެންގެ ހިތުގެ ތެރޭގައިވާ ބިރުވެރިކަމާއި އަނދިރިކަން ފަރުދާ ކުރުމަށްފަހު އަހަރެން އޭޝްއަށް ހިތްވަރު ދިނީމެވެ. ސޮހިގެން ވެއްޓުނީމާ ހިއްވަރުކޮށްފައި އަލުން މައްޗަށް އެރުމަށެވެ. އެހެންނަމަވެސް ވަޒީފާއެއް ހޯދުމަކީ ހީކުރާހާ ފަސޭހަކަމެއް ނޫންކަން އަހަންނަށް ވެސް އެނގުނެވެ. އަމުދުން އޭޝްއަށް ލިބުނުވަރުގެ މުސާރައެއް ލިބޭނެ އެހެން ތަނެކެވެ.

އަހަރެމެންގެ ބޭންކް އެކައުންޓުން ދެތިން މަހަކަށް ހިފަހައްޓާލެވިދާނެއެވެ. ވިޔަސް އަހަރެމެންނަށް ޖެހޭނީ ދިރިއުޅުމުގެ ފެންވަރު ހަމަ ބިމަށް ތިރިކޮށްލާށެވެ. އެއަކީވެސް ހީކުރިހާ ފަސޭހަކަމަކަށް ނުވިއެވެ. އެންމެ އުނދަގުލީ ހޯދާފައި ހުރި ހުރިހާ ތަކެއްޗެއް ވައްދާނެތަނެއް ހޯދުމެވެ. ކާރު ވިއްކާލެވިދާނެއެވެ. އެކަމަކު އެއީވެސް ނުއަގުގައެވެ. ދެންހުރި ފޮތްތަކާއި ކުރެހުންތަކާއި އެއާ ނުލާ އުޅެވެންނެއް އެތައް ހާސް އެއްޗަކަށް ހަދާނެ ގޮތްވެސް ވަރަށް ބޮޑުވެއްޖެއެވެ. ގޭގެ ދޮރު ހުޅުވާފައި ގެންދާނެ މީހަކު ގެންދަން ދޫކޮށްލުން ނޫން ގޮތެއް ނެތެވެ.

ހަޔާތުގެ އުފާވެރި ހުވަފެނުން ހޭލުމަށް ފަހު ފެންނަ ހުވަފެން ބިރުވެރި ވުމަކީ ކެތް ކުރެވޭނެ ކަމެއް ނޫނެވެ. ފުރަތަމަފަހަރަށް ބިންމަތީގައި އޮށޯވެ އެތައް އިރަކު އަހަރެން ރޯންޖެހުނު ދުވަހަކީ މިއީއެވެ. ހިތްވަރުގަދަ ކަމުގެ ދިރިހުރި ނަމޫނާއެއްފަދަ އޭޝްވެސް ގޮތް ހުސްވެ ބިންމައްޗަށް ތިރިވިތަން އަހަރެން ދުށީމެވެ.

އަހަރެމެން އުޅޭނެ ތަންކޮޅެއް ދިނީ ކުރީގައި ދަންނަ ރައްޓެއްސެކެވެ. އަސްލުގައި އޭނާގެ އަތުގައި ދޭނެ އެއްޗެއް ނުވެސް ނެތެވެ. ގޭގެ ހުރިހާ ދިމާއަކުން ވާރޭވެހެއެވެ. ދޮރެއް ކުޑަދޮރެއް ނެތެވެ. ރޯނު ދެމި އެނދުގައި ރޯނެއް ނެތެވެ.

ކާރުވިއްކާލައިގެން ލިބުނު ފައިސާއިން ގެންގުޅޭ މީހާއަށް މުސާރަދީ އޭނާ އަނބުރާ ފޮނުވާލެވުނީ ވެސް ހަމަ ކިރިޔާއެވެ. އަހަރެންގެ ކުރެހުންތައްވެސް އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވިއްކައެއް ނުލެވުނެވެ. އެތައް ދުވަހަކުން ތައްޔާރު ކިތަންމެ ރީތި އެއްޗެއް ވިޔަސް ބަލަބަލާ ހުއްޓާ ތެޅި ކުދިކުދިވެގެންދާ އިމާރާތެކޭ ފަދައިން ކުނޑިވެގެން ހިނގައިދާނެއެވެ.

މަންމަމެން އެބުނާ ހަގީގީ ދިރިއުޅުމަކީ މިއީއޭ އަހަރެންގެ ހިތަށް އެރިއެވެ. މިއަކީ ފިނިފެންމަލުގެ ދާނެއް ނޫންކަން މިއަދު އަހަންނަށް ގަބޫލު ކުރެވިއްޖެއެވެ. އެކަން މިއަދު އިހްސާސް މިކުރެވެނީ ކަށިތަކުގެ ތަންމައްޗެއްގައި ނިދަން ޖެހުނީމައެވެ.

ކޮންމެ ދިރިހުރި އެއްޗަކަށްވެސް އުޅެވޭނެ މަގެއް ކޮންމެވެސް ގޮތަކުން ފެނިދެއެވެ. އެހެން ކަމުން އަހަރެންނަށްވެސް ޑިޒައިން ކުރުމުގެ ކުޑަވަރެއްގެ ވަޒީފާއެއް ލިބިއްޖެއެވެ. މިއީ ލިބުނު ކުޑައުފަލެކެވެ. ޖިފުޓިއެއް ކަހަލަ ފިޔަފާޅިގަނޑުގައި ކިތަންމެ ދަތިކޮށް ނަމަވެސް ކައިބޮއި ނިދާ ހަދާލެވޭ ވަރުވެއެވެ. ކުރީގައި ހެން ބަލާނެ ޓީވީއެއް ކުޅޭނެ ގޭމެއް ނެތެވެ. ކުޑަމިނުން ލަވައެއް ޖަހާލުމެއްވެސް ނޯވެއެވެ. އުފަލާއި ޖޯޝު ނޫން ސިފައެއް މޫނުމަތިން ނުފެންނަ އޭޝް މިއަދު ހުންނަނީ މިލާ މޯޅިވެފައެވެ.

އަހަރެންގެ ވަޒީފާއަކީ ފެންނަ ފެނުމުގައި ވަގުތީ ވަޒީފާއެކެވެ. މިހެން ހިތަށް އަރަނީ ލިބޭ އޯޑަރު މަދުކަމުންނެވެ. ވިޔަސް އެ ތަނުގެ ވެރިޔާ އަހަރެން ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އަހަރެން ކަންބޮޑުވާން ޖެހެނީ އެސަބަބާ ހެދިއެވެ. އެއީ އޭނާއަށް އަހަންނާ ދުރަށް ނުދެވިގެން އުޅޭތަން ފެންނާތީ ވެސް މެއެވެ. އަހަރެން ބިރުގަންނަނީ އަހަރެންގެ މިއަދުގެ މަޖްބޫރީ ހާލަތުގެ މައްޗަށް އޭނާގެ ބާރު ގަދަކޮށްފާނެތީއެވެ. އެވާހަކަ އޭޝްގެ ގާތު ބުނަން ކިތަންމެ ބޭނުންވިޔަސް އެއީ އޭޝްއަކަށް އަޑުއަހަން ފަސޭހަ ވާހަކަ އަކަށް ނުވާނެއެވެ. އެންމެ ދުވަހަކުވެސް އޭނާ އަހަރެން އޮފީހަކަށް ނުފޮނުވާނެއެވެ. އޭރުން އަހަރެމެންގެ ހާލަކީ ކޮބައިހޭ އަހަރެންގެ ހިތަށް އަރާވަރުންނެވެ. އަހަރެމެންގެ ކުޑަކުޑަ ހާލި އަހަރެންގެ އަތުން ރޯކޮށްނުލާ ވޭތޯ ބެލީމެވެ.

އެކަމަކު އަހަރެމެންގެ ހަޔާތުގެ ހާލި އެންމެ ފަހުން ރޯވެ އަނދައިފިއެވެ. އޭޝްއަށް ވަޒީފާއެއް ލިބުނީއެވެ. މަޝްހޫރު ވިޔަފާރިވެރިއެއްގެ ކުންފުންޏަކުންނެވެ. ކުރުކޮށް ބުނާނަމަ އެވިޔަފާރިވެރިޔާގެ ގެއިންނެވެ. އޭނާގެ ދަރިފުޅު ތިލްނާއާ އޭޝް ކާވެނިކުރަން އެއްބަސްވީއެވެ. އެގޮތުން އޭނާއަށް އަނެއްކާވެސް ކުރީގައި އުޅެމުން ދިޔަފަދަ ނުވަތަ އެއަށްވުރެންވެސް އުފާވެރި ދިރިއުޅުމެއް ލިބޭނެތީއެވެ.

އަހަރެން އަލަކުން ރޯނެ ރުއިމެއް ނެތެވެ. ރޮއިރޮއި މިވަނީ ކަރުނަ ހުސްވެފައެވެ. ހިތުގެ ބަދަލުގައި ހިލަގަނޑެއް އަހަރެން ޚިޔާރު ކުރީމެވެ. ހަގީގީ ދިރިއުޅުމަކީ މިއަދު އަހަންނަށް ފެންނަ މި ދިރިއުޅުންކަން ގަބޫލުކޮށްފީމެވެ.

މަންމަމެން ފުރަތަ ދިން ނަސޭހަތުގައި އެކުލެވޭ އިރުޝާދު ތަކަކީ މިއީތާއެވެ. އޭޝްގެ އުފަލަށްޓަކައި އަހަރެން ބިރުވެރިކަމާއި އަނދިރިކަން އިޚްތިޔާރު ކުރީމެވެ. އަހަރެމެންގެ ވަރީގެ ކަންތައް ސިއްރެއްގެ ގޮތުގައި ބާއްވައި ދިނީމެވެ. އޭނާއަށް އަނެއްކާވެސް އުދުހިގެންދާނެ ދެފިޔަ ލިބުނީއެވެ.

އަހަރެންނާއި އޭޝްގެ ކާވެންޏަކީ މިއަދު މާޒީއެކެވެ. ވިޔަސް އެހަނދާން އަހަރެންގެ ބަނޑުތެރޭން މިދަނީ ތޮޅެމުންނެވެ. އަހަރެން ވެސް މިވަނީ މިއަދު ދިރިއުޅުމުގެ ގަދަ ކަނޑުގައި ތޫފާންތަކުގެ ތެރޭގައި ދަތުރުކުން ޖެހިފައެވެ. ދުށް ފޮނި ހުވަފެންތައް ސާހިލްގެ އަނެއް ފަރާތަށް ދޫކުރުމަށް ފަހުގައެވެ. ވިޔަސް އަދި މިހާހިސާބަކުން މި އަޖައިބު ދާސްތާން ނިމޭކަށް ނެތެވެ. އަހަރެންގެ ދަރިފުޅު އޭނާގެ ބައްޕަގެ ނަން ޕައިލެޓް ގަލަމަކުން ލިޔަން އެބަ އިނެވެ. [ބައްޕަ އަންނާނީ ކޮން އިރަކުތަ؟] ކަށިގަސްތަކުގެ ތަންމައްޗެއްގައި ނިދަން ކެތް ކުރެވިދާނެއެވެ. އެކަމަކު އެޔަކީ އެ ދަރިފުޅުގެ ބައްޕަޔަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ.

[ދަރިފުޅާ! ތި ސުވާލު އަބަދު ނުކޮށްފާނަންތަ؟]

[އަދި ބައްޕަ އަންނާނެ ދޯ؟]

އެއީ ނިމުމެއް ނުވާނެ ސުވާލެކެވެ.

ނިމުނީ