English Edition
Dhivehi Edition
ފޮޓޯ: މުހައްމަދު ޝަރުހާން/ ރާއްޖެ އެމްވީ

ވެރިންގެ ގޮތުގައި އިސްކުރެވޭ ޚާދިމުން، ހުރީ ރައްޔިތުންގެ ނިންމުމާ ރުހި ކިޔަމަންވުމަކީ ޖުމްހޫރީ ވެރިކަމުގެ އެންމެ އަސާސީ އެއް ފަލްސަފާކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިބޫ ނެރުއްވި ބަޔާންގައި ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި އުފައްދާ ރައްޔިތުންގެ ވެރިކަމެއް ކަމަށެވެ. އަދި މި ވެރިކަމުގެ ނިޒާމަކީ މަޝްވަރާގެ ރީތި އުޞޫލުން ރައްޔިތުންގެ ކަންކަން ހިންގުމަށް ޤާއިމްކުރެވޭ ވެރިކަމެއް ކަމަށް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ މި ނިޒާމުގައި ވެރީންނަކީ ރައްޔިތުންގެ ޚާދިމުން ކަމަށްވާއިރު އެމީހުންގެ އެންމެ ބޮޑު ވާޖިބަކަށް ވާނީ ރައްޔިތުންނަށް ޖަވާބުދާރީވުންކަމަށެވެ. އަދި އެމަގަށް ކަންކަން ނުދާނަމަ އެކަމުގައި ބަސްބުނެ، އެ ނޫން މަގަކަށް ޤައުމުގެ ހުންގާނު އަނބުރާލުމަކީވެސް ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންނަށް ލިބިފައި އޮންނަ ޙައްޤެއްކަމަށް އިބޫވަނީ ފާހަގަކުރައްވާފައެވެ

މީގެ އިތުރުން އިބޫ ވިދާޅުވީ ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ފެށެން މިއުޅޭ 11 ވަނަ ދައުރުގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެފައިވާ ރައީސްގެ ޙައިސިއްޔަތުން އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ ކިބައިގައި ދެމިއޮތުން ކަށަވަރުކުރުން ކަމަށެވެ.