އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ)ގެ ކެބިނެޓާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ރަސްމީ ފަރާތަކުން ހާމަކޮށްފައި ނުވާއިރު އިބޫގެ ވެރިކަމުގައި 22 މިނިސްޓަރުން ތިއްބަވާނެކަމުގެ ވާހަކަތައް ދެކެވެން ފަށައިފިއެވެ
މި ކަމާއި ގުޅިގެން ކޯލިޝަންގައި ހިމެނޭ އިސް ފަރާތްތަކުން ބުނަމުން ދަނީ ދައުލަތުގެ ބަންޑާރަ ނައިބު ނުހިމަނާ އިބޫގެ ކެބިނެޓްގައި ޖުމްލަ 22 މެމްބަރުން ތިއްބަވާނެ ކަމަށެވެ. އަދި ކެބިނެޓްގެ 40 ޕަސެންޓް އެމްޑީޕީ އަށް ދޭން ނިންމާފައިވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީއަށް 25 ޕަސެންޓް ދޭން ނިންމާފައިވާއިރު އަދާލަތު ޕާޓީއަށް ދޭން ނިންމާފައިވަނީ 15 ޕަސެންޓް ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ
މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގައި 15 މިނިސްޓަރުން ތިއްބެވި ނަމަވެސް އިބޫގެ ކެބިނެޓްގައި މިނިސްޓްރީތައް އިތުރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ފުރިހަމަކަމާއެކު މަތީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ކޯލިޝަންގެ އިސް ފަރާތްތަކުން ވަނީ ބުނެފައެވެ
ކެބިނެޓް ބަހާލާނެ ގޮތާއެކު، އިދިކޮޅު ލީޑަރުން އެއްބަސްވެފައިވާ އެގްރިމެންޓް މިހާތަނަށް ހާމަކޮށްފައިނުވާއިރު އެ އެގްރިމެންޓް އާންމުކުރުމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ގޮވާލަމުންނެވެ