English Edition
Dhivehi Edition

ލިޔުނީ: ހިޒްޔަމް ހާމިދު / ސ. އަތޮޅު މަދަރުސާ

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސ.އަތޮޅު މަދަރުސާ ކެޑޭޓް ކޯ އިން އިސްނަގައިގެން އައްޑޫސިޓީ ހުޅުދޫ-މީދޫގައި ޝަރަފުގެ ހިނގައިލުމެއް ބާއްވައިފި އެވެ.

އިއްޔެ ހަވީރު 16:30 އިން ހުޅުދޫ ސްކޫލުން ފެށި މި ހިނގާލުމުގައި ޝަމްސުއްދީން ސްކޫލްގެ ޖޫނިއަރ ކެޑޭޓް/ބޭންޑާއި ކަބް ސްކައުޓުން އަދި ގާރލް ގައިޑުންވަނީ ބައިވެރިވެފައެވެ. ހުޅުދޫ ސްކޫލުން ފެށި މި ޕެރޭޑް ނިންމާފައިވަނީ މީދޫ ސަންސެޓް ވިއު ރެސްޓޯރެންޓް ކައިރިއަށެވެ.

މި ޕެރޭޑަކީ ސ.ހުޅުދޫ-މީދޫގެ ތާރީޚުގައިވެސް ރައިފަލް ސްކޮޑަކާ އެއްކޮށްޖެހި ފުރަތަމަ ޕެރޭޑެވެ. ރައިފަލް ސްކޮޑުގައި ސ.އަތޮޅު މަދަރުސާގެ ސީނިއަރ ކެޑޭޓުން ހިމެނިފައި ވާއިރު، މިއީ ސ.އަތޮޅު މަދަރުސާގެ ބޭންޑުން ފުރަތަމަ ފަހަރަށް ބައިވެރިވި ޕެރޭޑްވެސްމެއެވެ.

މި ޕެރޭޑުގެ ކޮމާންޑަރަކީ ސްޓާފް ސާރޖަންޓް ފާޠިމަތު މައިޝާ މުސްތަފާއެވެ. އަދި ޑްރަމް މޭޖަރ އަކީ ލާންސް ކޯރޕޮރަލް އައިމިނަތު އަމާނަތު އަޝްރަފްއެވެ. އަދި ކުލަ ބިސީގައި ހިމެނެނީ ޕްރައިވެޓް އިމްނާ އިނާޔަތުﷲ، ކޯރޕޮރަލް ޒާނާ އިބްރާހިމް، ކޯރޕޮރަލް ލިވާޒް ނުއުމާން، ޕްރައިވެޓް މިޝްކާ އަދި ޕްރައިވެޓް ޒާހިލް އެވެ.

ޕެރޭޑް ނިންމާލުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އައިމިނަތު ޒީނިޔާވަނީ މި ޕެރޭޑް ކާމިޔާބު ޕެރޭޑަކަށް ހެދުމަށްޓަކައި އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވައި، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ސެޓްފިކެޓް ހަވާލުކުރައްވާފައެވެ.

އޭއޯ ނިއުސްއިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސ.އަތޮޅު މަދަރުސާގެ ކެޑޭޓް އިންސްޓްރަކްޓަރ ފަސްޓް ލެފްޓިނެންޓް ނާޝިދު އަބްދުލް ޣަފޫރު ވަނީ 2.5 މަސް ތެރޭ ކެޑޭޓުން ކުރެއްވި މަސައްކަތް ފާހަގަކުރައްވާފައެވެ. “ވަރަށް ރަނގަޅު އެންމެންގެވެސް މަސައްކަތް 2.5 މަހާ ބަލައިފައި.” ފަސްޓް ލެފްޓިނެންޓް ނާޝިދު ވިދާޅުވިއެވެ.

ސ.އަތޮޅު މަދަރުސާއަކީ ދަރިވަރުންގެ ކުރިއެރުމަށްޓަކައި ގިނަގުނަ މަސައްކަތްތައް ކުރަމުން އަންނަ ސްކޫލެކެވެ. ކެޑޭޓް ހަރަކާތަކީ މި ސްކޫލުން މިހާ ހިސާބަށް ކުރިއަށް ގެންދެވުނު އެންމެ ފުރިހަމަ އެއްހަރަކާތެވެ.