ކިތަންމެ ބޭނުންވިޔަސް ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ނުގެނެވޭނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރައްވައިފައިވާ އުމަރު ނަސީރު މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމު ގެނައުމަށް ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ. ތިން އަހަރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިންނަށް އެންމެ ރަނގަޅު ވާނީ ބަރުލަމާނީ ނިޒާމުކަމަށެވެ.
ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލަން ނަޝީދު ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް ރައްޔިތުން ބޭނުންވަނީ ރާއްޖޭގައި އެމީހުންގެ އަމިއްލަ ބަސް ހިނގާ ވެރިކަމެއް އޮންނަން ކަމަށެވެ.