ޓްރީޓޮޕް ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތަކަށް ބުރައެއް ނާރާ ކުރިއެކޭ އެއްގޮތަށް ހިދުމަތްތަށް އެއްވެސް ބަދަލެއްނެތި ކުރިއަށް ދާނޭ ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖްމެންޓުން ބުނެފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެނޭޖްމެންޓުން މިހެން ބުނެފައި މިވަނީ އެ ހޮސްޕިޓަލް މެނޭޖުކުރަމުންދިޔަ ރަމްސޭ ސައިމް ޑާބީ އިން ހޮސްޕިޓަލާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިވަނިކޮށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަމްސޭ ސައިމް ޑާބީ އިން ހޮސްޕިޓަލު ހިންގުން ހުއްޓާލާފައިވާ ކަމަށާއި މިހާރު ހޮސްޕިޓަލް މެނޭޖު ކުރަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ މެނޭޖުމެންޓުން ކަމަށެވެ. “ކުރިމަގުގައިވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދެވެމުން ދާނެއެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް އަގަށް ހެޔޮބަދަލާ އެކީގައި އާސަންދަ ލިބޭގޮތުގެ މަތިން ކުރިއަށް ދާނެ ކަމުގެ ޔަޤީން ކަން ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ދެމެއެވެ.” އެ ބަޔާނުގައި ވެއެވެ.
މި އަހަރުގެ މާޗް 1 އިން ފެށިގެން ޚިދުމަތް ދެމުން އަންނަ ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގަމުން އައީ އެ ދެ ކުންފުނި ގުޅިގެންނެވެ.ޓްރީ ޓޮޕް އިންވެސްޓްމަންޓުން ތަރައްގީ ކުރި 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ގެ ހޮސްޕިޓަލް ހިންގަން ހަވާލުކުރި ގުރޫޕުން އެ ތަން ދޫކޮށްލާފައި ދިޔަ ސަބަބެއް ނޭނގެއެވެ.