English Edition
Dhivehi Edition

ކޮންމެ މަސައްކަތަކީވެސް އެ މަސައްކަތެއް ގަޔާވެގެން ކުރާ ހިތުން ކުރާނަމަ އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ މަސައްކަތެކެވެ. ކޮންމެ ކަމެއްވެސް ކުރުމަށް ބޭނުންވަނީ މުރާލިކަމާއި ހިތްވަރެވެ. ކަންކަމާއި ކުރިމަތިލާން ކެރުމާއެކު ނުގުޑާފަދަ ވަރުގަދަ އަޒުމެކެވެ

ސ.މީދޫ ނިރު މަރްޔަމް ޝަޒްނާ(މަރީ)އަކީ މި ފަދަ ހިތްވަރަކާއި މުރާލިކަމެއްގެ ސަބަބުން ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކޭކު އެޅުންތެރިއެކެވެ. މަރީ އެންމެ ފުރަތަމަ މިކަމަށް ޝައުގުވެރިކަން އުފެދުނީ ގޭތެރެއިން ދައްތަ ކޭކު އަޅާތަން ފެނިގެން ނަމަވެސް އޭރުވެސް ކޭކުތައް ޑިޒައިން ކުރުމުގައި މަރީގެ ހިއްސާ ބޮޑެވެ. “އަބަދުވެސް ކުރާ ހިތްވާ ކަމެއް. އެކަމަކު އޭރު އެގެނީ ހަމަ އެކަނި ޑެކަރޭޓްކުރާނެ ގޮތްތައް ކިޔައިދޭން. އެ މަސައްކަތްކުރާކަށް ނޭގޭ” މަރީ ބުންޏެވެ

.އަބަދުވެސް ‘ކަވި’ މަސައްކަތްތައް ކުރަން ޝައުގުވެރިކަން ހުންނަ މަރީއަށް ކޭކު އަޅަން ދަސްކުރުމުގެ ފުރުސަތު ލިބިގެން ދިޔައީ މެޑަމް ފާތުމަތު އިބްރާހީމް ހުޅުމީދޫ ޒުވާން ކަނބަލުންނަށް ހާއްސަކޮށްގެން ބޭއްވި ކޭކު ކޯހާއެކުގައެވެ. “ފެށިއިރު ވަރަށް ކުޑަކޮށް އެނގެނީ ކޭކު އެޅުމާއި ބެހޭ ގޮތުން. އެހެންނަމަވެސް ދެތިން ދުވަހުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް މި މަސައްކަތުގެ ތެރެއަށް ވަދެވިއްޖެ” މަރީ ބުންޏެވެ

.ކޭކު ކޯސް ނިމުމާއެކު މަދުމަދުން ރައްޓެހިންގެ ފަރާތުން ލިބެމުން ދިޔަ އޯޑަރުތަކާއެކު އޭނާގެ މީރު ކޭކުތައް ވައިގައި ހިފީ ހަމައެކަނި އޭގެ ޑިޒައިން ރީތި ކަމުން އެކަންޏެއް ނޫނެވެ. ކޭކުތައް މީރުވެ އަބަދުވެސް ބުނާ ގަޑިއަށް ކޭކު ނިންމުމާ އެކުވެސްމެއެވެ. “އަބަދުވެސް ބަލަން ވީހާވެސް ޔުނިކްކޮށް ޑިޒައިންތައް ކުރެވޭތޯ. އަދި ކޭކުގެ ރަހަ އެއްވަރެއްގައި ހިފަހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއް ދެން.”މަރީ ބުންޏެވެ

.އެސްޓިއޯ ހުޅުމީދޫ ފިހާރައިގެ ވަޒީފާގައި އަދާކުރަމުން ދެ އަހަރުގެ ކުއްޖަކުވެސް ބަލަމުން މަރީ މިކަމަށް ވަގުތު ހޯދާ ގޮތާއި ބެހޭ ގޮތުން ‘އޭއޯ ނިއުސް’އަށް މައުލޫމާތުދެމުން ބުނީ އަބަދުވެސް ގަޑި ބަހާލައިގެން މަސައްކަތްތައް ކުރިއަށް ގެންދާކަމަށެވެ. “އަބަދުވެސް ބަލަން ކަސްޓަމަރުން ބުނާ ގަޑިއަށް މަސައްކަތް ނިންމޭތޯ.ކޭކު އޯޑަރެއް ލިބިއްޖެއްޔާ ފުރަތަމަ ބަހައްޓަނީ ހުރިހާ އެއްޗެއް ހަމަކޮށްފަ. ދެން ހެނދުނަށް އަޅަން ޖެހޭ ކޭކެއްނަމަ ދަރިފުޅު ނިންދަވާފަ އެ ރެއެއްގަ އެ މަސައްކަތް ނިންމަނީ. ރޭގަނޑަށް އަޅަންޖެހޭ ކޭކެއް ނަމަ ހަވީރު ޑިއުޓީ ނިންމާލާފަ އެ މަސައްކަތްކުރަނީ” އޮފީސްތަކުގެ އެކިއެކި ހަފްލާތަކަށްވެސް ކޭކު އަޅަމުންދާ މަރީ ބުންޏެވެ

.މި މަސައްކަތްކުރުމުގައި ހުރި ދަތިތަކާއި ބެހޭ ގޮތުން މަރީ ބުނީ އެންމެ އުދަގޫކަމަކީ މަސައްކަތަށް ބޭނުންވާ ސާމާންތައް ހޯދަންކަމުގައެވެ. “ބައެއް އެއްޗެހި ހުންނަނީ ރާއްޖެއިން ބޭރުން ގެނެސްފަ. އެކަމަކު ކުއްލިއަކަށް ހޯދަން ބޭނުންވާ އެއްޗެއް ވެއްޖެއްޔާ މިރަށުން ގިނަ ފަހަރަށް ނުލިބޭ. ދެން އެހެން ރަށްރަށުން ގެންނަން މިޖެހެނީ.”މަރީ ބުންޏެވެ. މަރީ ބުނީ މި ވިޔަފާރިން ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށާއި ކޮންމެ މަސައްކަތެއްވެސް ރަގަޅަށް ކުރިއަށް ގެންދިއުމަށް ކަސްޓަމަރުންގެ އިތުބާރަކީ މުހިއްމު އެއްޗެއް ކަމުގައެވެ

މަރީ ކުރާ މަސައްކަތަކީ ހަމައެކަނި ކޭކު އެޅުން އެކަންޏެއް ނޫނެވެ. ކައިވެނީގެ ރަން ހެދުމާއި، އެކިއެކި ހަފްލާތަކަށް ހަދިޔާތައް ހަދައި ދިނުމަކީވެސް މަރީ ކުރަމުންދާ މަސައްކަތްތަކެވެ. “އުފަންދުވަސް، އެނިވާސަރީ ކަހަލަ ދުވަސް ދުވަހަށް އެއްޗެހި ހަދައިދެން.މިހާރުވެސް ވަރަށް ގިނަ ހަފްލާތަކައް އެއްޗެހި ހެދިފަ ހުންނާނީ. އަސްލު މީ ވަރަށް ކުރާ ހިތްވާ މަސައްކަތެއް.އެހެންވެ ހުސްވަގުތެއް ލިބިއްޖެއްޔާ އެކަހަލަ މަސައްކަތްތައް ކޮށްލަން”މަރީ ބުންޏެވެ

މަރީގެ މަސައްކަތްތައް އޭނާގެ ފޭސްބުކް ޕޭޖް (MELROSE CAKES ??) އަދި އިންސްޓަގްރާމްއިން ކަސްޓަމަރުންނާއި ހިއްސާކުރަމުންދާއިރު މަރީ ބުނީ މި މަސައްކަތުގައި ކުރިއަށް ދިއުމަށް އެންމެ ބޮޑު އެހީތެރިކަމަކާއި ހިތްވަރެއް ލިބެމުންދަނީ ފިރިމީހާގެ ފަރާތުންކަމަށެވެ. “އެންމެ ބޮޑަށް އެހީތެރިވެދެނީ ފިރިމީހާ. މި މަސައްކަތުގައި ކުރިއަށް ދިއުމަށް ވަރަށް ހިތްވަރުދޭ. ދެން އާއިލާގެ އެންމެންވެސް ވަރަށް އެހީތެރިވެދޭ.”މަރީ ބުންޏެވެ. “ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްލަން ބޭނުން. އެންމެ ފުރަތަމަ ހިލޭ ސާބަހަށް ރަށުގައި ތިބެގެން މިކަހަލަ ފުރުސަތެއް ހޯދައި ދެއްވިކަމަށްޓަކައި މެޑަމް ފާތުންއަށް ޝުކުރު އަދާކުރަން. އަދި ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ އެއްޗެހި ދަސްކޮށްދެއްވިކަމަށްޓަކައި މުފީދާއަށްވެސް ޝުކުރުއަދާކުރަން. ދެން ވަކިން ހާއްސަކޮށް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ޝުކުރުވެރިވަން.”ނިންމާލަމުން މަރީ ބުންޏެވެ

‘އޭއޯ ނިއުސް’ އިން އެދެނީ މަރީ ކުރަމުން ދާ މަސައްކަތުގައި އިތުރު ކުރިއެރުމާއި ކާމިޔާބީއަށެވެ