English Edition
Dhivehi Edition

މާލޭގައި މިއަދު ނުރައްކާތެރި އަލިފާނުގެ ދެ ހާދިސާއެއް ހިނގައިފިއެވެ. މާފަންނު ފުލޫނިޔާމަގުގައި ހުރި “ޕްރައިމް ފާޓިލައިޒާ” ގެ މައި ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ، އެތަން މިހާރު ވަނީ އެއްކޮށް އަނދައިފައެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ދުމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

އެ ގުދަނަކީ ގަސްކާނާ އާއި އެކި ބާވަތުގެ ކެމިކަލް ރައްކާކުރާ ތަނެކެވެ. އެ ކުންފުނީގެ އޮފިޝަލަކު ބުންޏެވެ. ކުންފުނީގެ މުދަލުގެ 80 ޕަސަންޓު ރައްކާކޮށްފައި ހުންނާނީ އެ ގުދަނުގައި ކަމަށެވެ. އަލިފާންގަނޑު ބޮޑުވެ، ގުދަނުގެ ބޮޑު ބައެއް ވަނީ އަނދާ ހުލިވެފައެވެ.

މި ހާދިސާ ހިނގި ގުދަން ހުންނަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެންނެވެ. އެ މަރުކަޒުގައި އިންތިހާބާ ގުޅޭ މުހިންމު މަސައްކަތްތަކެއް ކުރިއަށް ދަނިކޮށް ހިނގި މި ހާދިސާއާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެތަނުގެ މަސައްކަތްތައް ވަނީ މެދުކަނޑާލާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފީހުން ބުނީ އިންތިހާބާ ގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. ނަމަވެސް އެ މަރުކަޒުގައި ހުރި ތަކެތި ރައްކާތެރި ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ދަނީ ކުރަމުންނެވެ. އީސީގެ އޮފިޝަލަކު ވިދާޅުވީ ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ތާރީހެއް ފަހުން އަންގާނެ ކަމަށެވެ.

މިއީ މިއަދު މާލޭގައި ހިނގި އަލިފާނުގެ ދެވަނަ ހާދިސާއެވެ. މިއަދު ހެނދުނުވެސް ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގުދަނެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މި ދެ ހާދިސާގައިވެސް މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ސިފައިންނާއި ފުލުހުން ދަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާ ހިނގަން ދިމާވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އަލިފާން ރޯވި ވަގުތު އެތަނުގައި އެއްވެސް މީހަކު ހުރިކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. ސިފައިން މިހާރު ދަނީ އަލިފާންގަނޑު އެއްކޮށް ނިއްވާލުމުގެ މަސައްކަތް ކުރަމުންނެވެ.