English Edition
Dhivehi Edition

ލިޔުއްވެވީ: ފަޟީލަތުއް ޝައިޚް ޙުސައިން ނަޝާތު އިބްރާހިމް (އަލްފަޖްރު ގުރޫޕް)

1 – ފާފަ ފުއްސެވޭނެކަމަށް އަންގަވައިފައިވާ އެކި ކަންކަން ކުރުން. އޭގެ ތެރޭގައި:

(އީމާންކަމާއި ޘަވާބަށް އެދޭ ޙާލު ރޯދަމަހުގެ ރޯދަތައް ހިފުމާއި، ރޯދަމަހުގެ ރޭތަކުގައި ރޭއަޅުކަން ކުރުމާއި، ލައިލަތުލް ޤަދްރިވިލޭރޭ ރޭއަޅުކަން ކުރުމަކީ ވެސް އެކަންކަން ކުރުމުން އިސްވެދިޔަހާ ފާފަތައް ފުއްސަވައިދެއްވާނެ ކަމަށް އަންގަވައިފައިވާ ރޯދަމަހާ ގުޅޭ ކަންކަމެވެ. ރޭއަޅުކަމުގެ މަދު މިންވަރަކީ 2 ރަކްޢަތެވެ. ރޯދަމަހުގެ އެންމެ ދުވަހެއް އަދި ރެއެއް ބާކީ އޮތަސް މިކަންކަމަށް ސަމާލުކަންދީ ރައްކާތެރި ވާން ވާނެއެވެ. އަދި ބުއްދިވެރިއަކީ ތަރާވީޙް ނަމާދާއި ދަމު ނަމާދު އެންމެ ފަހު ރޭ ވެސް ފުރިހަމަކޮށް، އިމާމާޔާ އެކު ނިމެންދެން މަޑުކޮށްގެން މުޅި ރޭ އަޅުކަން ކުރިކަމުގެ ޘަވާބު ހޯދާ މީހާއެވެ. ސަބަބަކީ ފަހު ދިހައިގެ ކޮންމެ ރެއަކަށް ވެސް ލައިލަތުލް ޤަދްރި ވިލޭރޭ ވެދާނެތީއެވެ.)

(ހ) ފަރުޟު ނަމާދުތައް ބަރާބަރަށް ކުރުމާއި ސުންނަތް ނަމާދުތައް ވެސް ގިނަކޮށްގެން ސަޖިދަކުރުން ގިނަކުރުން

(ނަމާދުތައް ރަނގަޅު ވެއްޖެއްޔާ ޤިޔާމަތް ދުވަހުން އެހެން ހުރިހާ ކަމެއް ރަނގަޅުވާނެއެވެ. ނަމާދުތައް ގޯސް ވެއްޖެއްޔާ އެހެން ހުރިހާ ކަމެއް ގޯސްވާނެއެވެ. އަދި އެމީހަކު ކުރާ ހެޔޮ ޢަމަލުތަކުގެ ފައިދާއެއް ކުރާނީ ވެސް ނަމާދުކުރާ ނަމައެވެ. ނަމާދަށްޓަކައި ކުރެވޭ ވުޟޫއާ އެކު ފާފަތައް ފުއްސެވުމުގެ އިތުރުން ނަމާދަށް ދިއުމަށް އެޅޭ ފިޔަވަޅުތަކުގެ އަދަދަށް ވެސް ފާފަ ފުއްސަވައި ދެއްވައެވެ.)

(ށ) ޒަކާތާއި، ރޯދަ އާއި ޙައްޖު ޢުމްރާ ވެސް ހިމެނޭހެން ހުރިހާ ފަރުޟުތަކަށް ޚާއްޞަ ގޮތެއްގައި ރައްކާތެރިވުން

މިއީ މުޅިން ވެސް ފާފަތައް ފޮހެވޭ އަދި ސަވާބާއި ދަރުމަ އާއި ބަރަކާތުގެ ގޮތުން ވެސް އެންމެ އިސްވެގެންވާ އަޅުކަންތަކެވެ. އެހެނީ ﷲ ތަޢާލާ އެންމެ ލޯބިވެ ވޮޑިގަންނަވާ އެންމެ ހެޔޮ ޢަމަލުތަކަކީ އެކަލާނގެ ވާޖިބުކުރައްވައިފައިވާ އަޅުކަންތައް ކަމުގައި ވާތީއެވެ.)

(ނ) މައިންބަފައިންނަށް ހެޔޮކޮށް ހިތުން (މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ފާފަތައް ފުއްސަވައިދެއްވާ ކަމަކަށް ވުމުގެ އިތުރުން ބޮޑެތި ފާފަތަކުގެ ވެސް ކައްފާރާއެކެވެ.)

(ރ) ޖުމްލަ ގޮތެއްގައި ހުރިހާ އެންމެނަށް ވެސް ހެޔޮކޮށް ހިތައި، އޯގާތެރިވާ އަދި ޢަފޫކުރާ ހިތެއްގެ ވެރިއަކަށް ވުން (މީސްތަކުންނަށް މަޢާފު ކުރާ މީހުންނަށް ﷲ ފާފަ ފުއްސަވައި ދެއްވައެވެ. އަދި މީސްތަކުންނަށް އޯގާތެރިވާ ހިތްހެޔޮ މީހުންނަށް ﷲ ތަޢާލާ އޯގާތެރިވެވޮޑިގެން ސުވަރުގެ ދެއްވާނެކަމާއި އެބައިމީހުންނަށް ނަރަކަ ޙަރާމްކުރައްވާނެކަން އެނގިގެންދާ ދަލީލުތައް ގިނަގުނައެވެ. މިއާ ޚިލާފަށް މީސްތަކުންނާ މެދު ހަރުކަށިވާ މީހުންނާ މެދު އޮތީ މީގެ އިދިކޮޅެވެ.)

(ބ) سُـبْـحَانَ اللهِ، اَلْحَمْـدُ لِله، لاَ إِلَهَ إِلاَّ اللهُ އަދި اللهُ أَكْـبَرُ ގިނަގިނައިން ކިޔުން

(މިއިން ކޮންމެ ކަލިމައެއް 1 ފަހަރު ކިޔުމުން އެމީހަކަށް 20 ފާފަ ފުއްސެވި، 20 ޘަވާބު އިތުރުވެ، ސުވަރުގޭގައި އެމީހަކަށްޓަކައި ގަހެއް އިންދެވެއެވެ. އަދި الله أكبر 100 ފަހަރު ކިޔުމުން 100 ޖަމަލު ޤުރުބާން ކުރިހާ ސަވާބު، الحمد لله 100 ފަހަރު ކިޔުމުން ޖިހާދުކުރުމަށް ތައްޔާރުކުރެވިފައިވާ 100 އަސް ޞަދަޤާތްކުރިހާ ސަވާބު، އަދި سبحان الله 100 ފަހަރު ކިޔުމުން އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅުގެ 100 އަޅުން މިނިވަންކުރިހާ ޘަވާބު ދެއްވައެވެ.)

(ޅ)މާތް ނަބިއްޔާ ﷺ ގެ މައްޗަށް ޞަލަވާތްކިޔެވުން – اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍ ﷺ

(1 ފަހަރު ޞަލަވާތް ކިޔަވައިފި މީހާއަށް ﷲ 10 ފަހަރު ޞަލަވާތްލައްވައި، 10 ފާފަ ފުއްސަވައިދެއްވައި، 10 ދަރަޖަ އުފުއްލަވައި ދެއްވައެވެ. ޞަލަވާތުގެ ވަކި ޞީޣާއެއް ނޯވެއެވެ. “ޞައްލަﷲ ޢަލާ މުޙައްމަދް” އަދި އިތުރު އެކަލޭގެފާނުގެ ނަންފުޅު ގަނެވޭ ހިނދު “ޞައްލަﷲ ޢަލައިހި ވަސައްލަމަ” ކިޔުން ވެސް ފުދެއެވެ. އެންމެ ހެޔޮ ޞަލަވާތަކީ ނަމާދުގައިކިޔާ އިބްރާހީމީ ޞަލަވާތެވެ.)

(ކ) ސުންނަތް ރޯދަ ހިފުން

(އެންމެ ދުވަހަކު ﷲ އަށްޓަކައި ރޯދައެއް ހިފައިފިއްޔާ އެމީހަކު 70 އަހަރުގެ ދުރުމިނަށް ނަރަކަޔާ ދުރަށްލައްވައިފަ، ނަރަކަ ވެސް 100 އަހަރުގެ ދުރުމިނަށް އެމީހަކާ ދުރަށްލައްވައެވެ. ޢަރަފާތް ދުވަހުގެ ރޯދަޔަކީ ފާއިތުވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތަކުގެ ކައްފާރާއެކެވެ. ޢާޝޫރާ ދުވަހުގެ ރޯދަޔަކީ ފާއިތުވި އަހަރުގެ ފާފަތަކުގެ ކައްފާރާއެކެވެ. ކޮންމެ ހަނދު މަހަކުގެ 3 ދުވަހު ރޯދަހިފައިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދައެވެ. ރަމަޟާން މަހުގެ ރޯދަތައް ހިފައިފަ ޝައްވާލް މަހުގެ 6 ދުވަހު ރޯދަ ހިފުން ވެސް މިފަދައެވެ.)

(އ) ޞަދަޤާތްކުރުން

(ފެނުން އަލިފާން ނިއްވައިލާ ފަދައިން ޞަދަޤާތުން ފާފަތައް ނިއްވައިލައެވެ. އާދައިގެ ދުވަސްތަކުގައި ވެސް ﷲ ގެ ވަޖުހުފުޅު އަދައިގެން ކުރެވޭ ޞަދަޤާތަށް 700 ގުނަ ދެއްވާއިރު، ލައިލަތުލް ޤަދްރިއާ ދިމާވެއްޖެއްޔާ އެކުރެވުނު ޞަދަޤާތެއް 21,291,666 ގުނަޔަށް ވުރެ އިތުރުވުމުގެ އުންމީދު އެބަ އޮތެވެ.)

(ވ) ދުވަހަކު 100 ފަހަރު سُبْحَانَ اللهِ ކިޔައިފި މީހާގެ 1000 ފާފަ ފުއްސެވެއެވެ. ނުވަތަ 1000 ހެޔޮކަން އިތުރުކުރެވެއެވެ!

(މ) ދުވަހަކު 100 ފަހަރު سُبْحَانَ اللهِ وَبِحَمْدِهِ ކިޔާ މީހާގެ ފާފަތައް ކަނޑުގެ ފޮނުގަނޑުހާ ގިނަޔަސް ފުއްސަވާދެއްވާނެއެވެ!

(ފ) ދުވަހަކު 100 ފަހަރު لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهْوَ عَلَى كُلِّ شَىْءٍ قَدِيرٌ ކިޔައިފި މީހާއަށް 100 ފާފަ ފުއްސެވި، 100 ހެޔޮކަން އިތުރުވެ، 10 އަޅުން މިނިވަންކުރުމުގެ ސަވާބުލިބި، އެދުވަހަކަށް ޝައިތާނާގެ ކިބައިން ރައްކާތެރިކުރެއްވޭނެ ކަމަށާއި، އަދި މިއަށް ވުރެ ގިނައިން ކިޔައިފި މީހަކު ފިޔަވައި އެއަށްވުރެ ހެޔޮކަމެއް ކޮށްގެން ހުރި މީހަކު ޤިޔާމަތްދުވަހު ނުހުންނާނެ ކަމަށް ޙަދީޘްފުޅުތަކުގައިވެއެވެ!

(ދ) ޝަރުޢީ މިންގަނޑުން އަތާއަތްޖޯޑުކޮށް ސަލާމްކުރުން (އަތްތައް ވަކިވުމުގެ ކުރިން އެދެމީހެއްގެ ފާފަތައް ފުއްސަވައިދެއްވައެވެ.)

(ތ) ކެއުމުގެ ފަހުން ކިޔާ ދުޢާ ކިޔުން – الْحَمْدُ للّٰهِ الَّذِي أَطْعَمَنِي هَذَا، وَرَزَقَنِيِهِ مِنْ غَيْرِ حَوْلٍ مِنِّي وَلَا قُوَّةٍ (މިދުޢާ ކިޔައިފި މީހެއްގެ އިސްވެދިޔަ ފާފަތައް ފުއްސަވައި ދެއްވައެވެ.)

(ލ) ހެދުން ލާއިރު ކިޔާ ދުޢާ ކިޔުން – الْحَمْدُ للّٰهِ الَّذِي كَسَانِي هَذَا، وَرَزَقَنِيِهِ مِنْ غَيْرِ حَوْلٍ مِنِّي وَلَا قُوَّةٍ (މިދުޢާ ކިޔައިފި މީހެއްގެ އިސްވެދިޔަ ފާފަތައް ފުއްސަވައި ދެއްވައެވެ.)

ގ) ނަމާދުގައި ސޫރަތުލް ފާތިޙާ ކިޔަވައި ނިމިގެން އާމީން ކިޔުން (އިމާމާ ކިޔާ އަޑު އިވޭ ނަމަ ބަލަން ވާނީ އިމާމާޔާ އެއްކޮށް ކިޔޭތޯއެވެ.) – އަދި ހަމަ މިފަދައިން ނަމާދުގައި سَمِعَ اللّٰهُ لِمَنْ حَمِدَهُ ކިޔުމަށް ފަހު “اللّٰهُمَّ رَبَّنَا لَكَ الْحَمْدُ” ކިޔުން.

(މި ދެގަޑިއަކީ މަލާއިކަތުން ވެސް އެޒިކުރުތައް ވިދާޅުވާ ގަޑިތަކެއް ކަމުގައި ވާތީ މަލާއިކަތުން ވިދާޅުވާ ވިދާޅުވުމާ އެމީހަކު ކިޔާ ކިޔުން ދިމާވެއްޖެއްޔާ އިސްވެދިޔަހާ ފާފައެއް ފުއްސެވޭނެކަމަށް ވަނީ އަންގަވައިފައެވެ.)

(ޏ) أَسْتَغْفِرُ اللّٰهَ الْعَظِيمَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ وَأَتُوبُ إِلَيْهِ – މިފަދައިން ދުޢާކޮށްފި މީހާ ހަނގުރާމައިގެ މައިދާނުން ފިލައިގެން ދިޔަޔަސް ފާފަ ފުއްސަވައިދެއްވައެވެ.

(ސ) ބަންގި ގޮވާ ގަޑީ އިމާމާ ޝަހާދަތުގެ ދެ ކަލިމަ ކިޔައި ނިމުމުން – وَأَنَا أَشْهَدُ أَنْ لَا إِلَهَ إِلَّا اللّٰهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللّٰهِ رَبًّا، وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا – މި ފަދައިން ކިޔައިފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވައިދެއްވައެވެ.